13 އޯގަސްޓް 2018 - 14:33

މި ވަގުތު އެންމެ ރިސޯޓެއް ހިންގަމުން އަންނަ ހދ. އަތޮޅުގައި އިތުރު ރިސޯޓްތައް ހަދައި ވަޒީފާގެ ފުރުސަތު ތަނަވަސް ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު، ވައިކަރަދޫގައި، ވިދާޅުވެއްޖެ އެވެ.
ހދ. ގެ ރަށްރަށަށް ކުރައްވާ ދަތުރުގައި އިބޫ އާއި ކޯލިޝަންގެ ބޭފުޅުން މި ރަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދެންނެވުމަށް ފަހު ހުށަހެޅި ޕެޓިޝަނެއްގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދިފައި ވަނީ މިރަށާ ކައިރީގައި އޮންނަ ވައިކަރަމުރައިދޫގައި ރިސޯޓެއް ހަދައިދިނުމަށެވެ. ރީތި ފަޅަކާއި ރީތި ދޮންވެލިގަނޑެއް އޮންނަ އެރަށް މިހާރު ބޭނުންކުރަނީ ދަނޑުވެރިކަމަށެވެ.
ދެ ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ މިރަށު ބަނދަރުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ވަޒީފާގެ ދަތިކަމާ ހުރެ މިރަށުން ގިނަ ބަޔަކު މާލެއަށް ހިޖުރަކުރަން ޖެހިފައިވާ ކަމަށެވެ. އެކަން ހައްލުކޮށް، ރަށާ ކައިރިން ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމުގެ ގޮތުން މި ސަރަހައްދުގައި އިތުރު ރިސޯޓްތަކެއް ހަދާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓޫރިޒަމް ފުޅާކުރާ ސިޔާސަތުގެ ދަށުން މިރަށް ކައިރީގައި ރިސޯޓްތައް ހުޅުވާނަން،" އިބޫ ވިދާޅުވި އެވެ.
ވައިކަރަދުއާ ކައިރީގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ ނާގޮއްޓާއި ކުޑަމުރައިދޫގައި ރިސޯޓް ތަރައްގީ ކުރަން ދިންތާ އެތައް އަހަރެއް ވީއިރު ވެސް މަސައްކަތް ނިންމާފައެއް ނުވެ އެވެ.
މި އަތޮޅުގައި ހަމައެކަނި ހިންގާ ރިސޯޓަކީ ދާދި ފަހުން ހުޅުވި ހޮނޑާފުއްޓެވެ. އެރަށް ވެސް ހުޅުވޭ ވަރުވީ އެތައް އަހަރެއް ފަހުންނެވެ. އެކަމަކު އަދި ވެސް މުޅި ރަށް ނިންމާފައެއް ނުވެ އެވެ.
ހދ. ގައި ރިސޯޓް ހަދަން ދޫކުރި ރަށްރަށް ތަރައްގީނުކުރެވި އޮތުމުގެ މައްސަލާގައި އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެފަދަ އިންވެސްޓްމަންޓްތަކަށް ފައިސާ ލިބޭނެ ގޮތްތައް ހަމަޖައްސައިދޭނެ ކަމަށެވެ.
ޓޫރިޒަމް ފުޅާކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމުގެ އިތުރުން އިބޫ ވަނީ ވައިކަރަދޫ ރައްޔިތުންނަށް އެހެން ޔަގީންކަމެއް ވެސް ދެއްވައިފަ އެވެ. އެގޮތުން އެރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތް އޭނާގެ ސަރުކާރުން ފަށާނެ ކަމަށް ވިދާޅުވި އެވެ.