13 އޯގަސްޓް 2018 - 14:06

އިސްލާމްއާބާދު (އޮގަސްޓް 13) - ޗައިނާގެ އެހީގައި ޕާކިސްތާނުގައި ބޮޑެތި އިންވެސްޓްމަންޓްތައްކޮށް، އެންމެ ފަހުން އެ ގައުމަށް ދަރާނެ ކަމަށް ބުނާ މީޑިއާ ރިޕޯޓްތައް ޕާކިސްތާން ސަރުކާރުން ދިފާއުކޮށްފި އެވެ.
"ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ) އާ މެދު ބައެއް މީޑިއާތަކުން ވަނީ ސުވާލު އުފައްދާފައި. އެއީ ޕާކިސްތާނަށް ކުޅަދާނަ ނުވާވަރުގެ ދަރަންޏަކަށް ވާނެ ކަމަށް ވެސް ދަނީ ބުނަމުން. އެކަމަކު އެފަދަ މީޑިއާ ރިޕޯޓްތަކަކީ ވަކި ފަރާތަކަށް ޖެހިފައިވާ ރިޕޯޓްތަކެއް. އަދި އެއީ ސީޕީއީސީއާ ބެހޭ މައުލޫމާތު ނޭނގޭ މީހުން ދައްކާ ވާހަކަ،" ޕާކިސްތާން ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
ސީޕީއީސީ އަކީ ޕާކިސްތާނުގައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން ޗައިނާ އިން ގެންގުޅޭ އުއްމީދީ ޕްލޭނެކެވެ. އަދި އެއީ ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުގެ ބައެއް ވެސް މެ އެވެ.
އިގްތިސާދީ ތަޖްރިބާކާރުން ބުނަނީ ޕާކިސްތާނުން ނަގާފައިވާ ލޯންތައް ދައްކަން އައިއެމްއެފުން ލޯނު އެހީ ހޯދަން ޖެހޭނެ ކަމަށެވެ. ޕާކިސްތާނުގެ އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރަކަށް ވާނެ ކަމަށް ބެލެވޭ އަސަދު އުމަރު ވިދާޅުބީ އައިއެމްއެފް އިން ލޯނު ނެގުމާ މެދު އަންނަ މަހު ފަހު ކޮޅު ގޮތެއް ނިންމާނެ ކަމަށެވެ.
"އަޑުތައް ފެތުރިފައި ވަނީ ޕާކިސްތާނުން ވަނީ ވަރަށް ބޮޑެތި ލޯނުތައް ޗައިނާ އިން ނަގާފައިވާ ކަމަށް. އެކަމަކު އަޅުގަނޑަށް ހީވަނީ އެއީ މުޅިން ރަނގަޅު ވާހަކަތަކެއް ނޫންހެން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ލަންކާގެ ކުރީގެ ސަރުކާރުން ވެސް ވަނީ އިންފްރާސްޓްރަކްޗާ ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ފައިސާ ހޯދައިފަ އެވެ. އެންމެ ފަހުން ލޯނުތައް ދައްކަން ދަތިވުމުން، ޗައިނާ ސަރުކާރުގެ އެހީގައި ހެދި ހަމްބަންޓޯޓާ ބަނދަރު މިހާރު ވަނީ ޗައިނާއާ ހަވާލުކޮށްފަ އެވެ.