ފަތްޖެހޭ ފޯނެއް އެންމެ ފުރަތަމަ އުފައްދާ ބަޔަކަށް ވާން ބޭނުން: ސެމްސަންގް
ފަތްޖެހޭ ފޯނެއް އެންމެ ފުރަތަމަ އުފައްދާ ބަޔަކަށް ވާން ބޭނުން: ސެމްސަންގް

ސްމާޓްފޯން މާކެޓަށް އާ ޓެކްނޮލޮޖީ ތައާރަފުކުރާ ބަޔަކަށް ސެމްސަންގް ވެ އެވެ. ފަތްޖެހޭ ސްމާޓްފޯނަކާ ދިމާއަށް ކުންފުނިތައް މިސްރާބުޖަހާފައި ވާއިރު، ފަށްޖެހޭ ސްމާޓްފޯނެއް އެންމެ ފުރަތަމަ އުފައްދާ ބަޔަކަށް ވާން ގިނަ ކުންފުނިތަކުން ޝައުގުވެރިވެ އެވެ.

ޗައިނާގެ ވާވޭ ބުނި ގޮތުގައި، ފަތްޖެހޭ ފޯނެއް ސްމާޓްފޯން މާކެޓަށް ފުރަތަމަ ނެރޭ ކުންފުންޏަކަށް ވާވޭ ވާނެ އެވެ. އެ އުންމީދު ވަރަށް ބޮޑު ކަމަށް އެ މީހުން ބުނެ އެވެ. އެކަން ކުރެވެން ހުރި ގޮތްތައް ރާވާލައި، ޑިޒައިނަރުންނާއި އިންޖިނޭރުން ރުކުރުވާލާފައިވާ ކަމަށް ވާވޭ ބުނެ އެވެ.

ފަތްޖެހޭ ފޯނެއް ޑިޒައިންކޮށް ވިޔަފާރި މާކެޓަށް ނެރުމުގައި، ސެމްސަންގަށް ވުރެ ވަކި ކުރިން އެހެން ބަޔަކަށް އެކަން ކުރަން ފުރުސަތު ނުދެވޭނެ ކަމަށް އެ މީހުން ބުނެ އެވެ. އެ ބުނުމުގެ ބާރުވެރިކަމަށް ބަލާއިރު ހީވަނީ އެއީ އެހެން ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫން ހެންނެވެ. ސެމްސަންގުން ބުނި ގޮތުގައި، މިހާރު ކުރިއަށް ދަނީ ދެމެހެއްޓެނިވި ޑިޒައިންތަކަކަށް ސްމާޓްފޯން ފަށްޖަހާނެ ނިޒާމެއް އީޖާދުކުރަން ކުރަން ހުރި މަސައްކަތްތަކެވެ.

ސެމްސަންގް ބުނި ގޮތުގައި ފޯނު ޑިޒައިންކުރަނީ ބޭނުންކުރާ މީހުންނަށް އުނދަގޫނުވާނެ ގޮތްތަކަށް ވިސްނައިގެންނެވެ. އެ ނޫން ގޮތަކަށް ޑިޒައިންތައް ދަމަހައްޓާން ދަތިވާނެ ކަމަށް ސެމްސަންގް ގަބޫލުކުރެ އެވެ.

މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން 5ޖީ ނެޓްވޯކަށް ތައްޔާރުވަމުން އަންނައިރު، ސެމްސަންގުން ވަނީ 5ޖީ ފޯނުތަކާ ބެހޭ ގޮތުން ވެސް ވާހަކަދައްކާފަ އެވެ. ސެމްސަންގުން ބުނި ގޮތުގައި ގެލަކްސީ އެސް10، 5ޖީ ފޯނަކަށް ނުވާނެ އެވެ. އެ މީހުންގެ ވިސްނުން ހުރީ 5ޖީ ނެޓްވޯކްތަކަށް ތައްޔާރުކުރާ ފޯނުތަކަށް ތަފާތު ނަމެއް ކިޔާ ގޮތަށެވެ. ސެމްސަންގުން ބުނީ 5ޖީ ފޯނުތަކާ މެދު ކުންފުނިން ވިސްނާ ގޮތް، ލަސްތަކެއް ނުވެ އާންމުކުރަން ފަށާނެ ކަމަށެވެ.