13 އޯގަސްޓް 2018 - 13:26

ވޮޝިންޓަން (އޮގަސްޓް 13) - މަރުވެފައިވާ ދަރި "ނޭފަތުކުރިއަށް" ލައިގެން އުފުލި ބޮޑު މަހުގެ ދަރި 17 ދުވަހަށް ފަހު އެންމެ ފަހުން ދޫކޮށްލައިފި އެވެ.
ސެންޓާ ފޯ ވޭލް ރީސާޗުގެ ސައެންސްވެރިން ބުނީ ކެނެޑާގެ ވެންކޫވާ އައިލެންޑުގެ ބޭރުން ކުޑަ ދަރިއާ އެކު އެންމެ ފުރަތަމަ ފެނުނު ޖޭ35 ވޭލް ވަނީ 1،600 ކިލޯ މީޓަރު (1،000 މޭލް) އަށް ދަރި ގޮވައިގެން ދަތުރުކޮށްފައި ކަމަށެވެ.
މަރުވި ދަރި ބޮޑު މަހުގެ ބުރަކަށި މަތީގައި އުފުލާ މަންޒަރު ފުރަތަމަ ފާހަގަ ކުރެވުނީ ޖުލައި 24 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ބޮޑު މަހަށް ސައެންސްވެރިންގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ކިލާ ވޭލް ނުވަތަ ޖޭ35 ވިހޭތާ ބައި ގަޑިއިރު ތެރޭ ވަނީ އޭގެ ދަރި މަރުވެފަ އެވެ.
ކިލާ ވޭލްގެ މަރުވެފައިވާ ދަރި ގޮވައިގެން އެންމެ ދިގު މުއްތަކަށް ވެސް ދަތުރު ކުރަނީ ހަފުތާއެއްހާ ދުވަހަށް ކަމަށްވެ އެވެ. ނަމަވެސް ސައެންސްވެރިން ބުނަނީ ޖޭ35 ވޭލް ވަނީ "އާ ރެކޯޑެއް" ހަދާފައި ކަމަށެވެ.
ސެންޓަ ފޯ ވޭލް ރިސާޗުން ބުނީ ޖޭ35 ގެ މަރުވެފައިވާ ދަރި ދޫކޮށްލާފައިވާ ކަމަށް ބެލެވެނީ ކެނެޑާ އާއި އެމެރިކާއާ ދެމެދު އޮންނަ ސަލިޝް ކަނޑަށް ކަމަށެވެ.
އެމެރިކާ އާއި ކެނެޑާ އިން ވަނީ ސަދަން ރެސިޑެންޓް ކިލާ ވޭލް، ހުސްވަމުންދާ ޖަނަވާރުގެ ލިސްޓުގައި ހިމަނައިފަ އެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭ އުފަންވި ސަދަން ރެސިޑެންޓް ކިލާ ވޭލުގެ ތެރޭން ސަލާމަތްވެފައި ވަނީ ތިންބައިކުޅަ އެއްބައެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން ވިކްޓޯރިއާ އޭރިއާގައި ކިލާ ވޭލެއް ވިހޭ އިރު ކުޑަ ދަރި މަރުނުވެ އޮތް ފުރަތަމަ ފަހަރެވެ. އެކަމަކު އެ ވޭލް ވެސް އެ ވަނީ ބައިގަޑިއެއްހާ އިރު ތެރޭ މަރުވެފަ އެވެ.
ބޮޑު މަހުގެ ބުރަކަށި މަތީގައި 180 ކިލޯގެ ދަރި ބާއްވައިގެން ކޮންމެ ދުވަހަކު 96-112 ކިލޯ މީޓަރު (60-70 މޭލު) އަށް ދަތުރު ކުރި އެވެ. އުމުރުން 20 އަހަރުވެފައިވާ ކިލާ ވޭލް ނުވަތަ އޮކާ (ޖޭ35)، 17 މަސް ދުވަސް ވަންދެން ކުޑަ ދަރިއަށް އިންތިޒާރު ކުރި އެވެ.
ސައެންސްވެރިން ބުނަނީ ކިލާ ވޭލްގެ ފަރާތުން ވެސް ފެނިގެން އެ ދަނީ އިންސާނުންނަށް ލިބޭ ކުޑަ ދަރިފުޅު ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ދުނިޔެ ދޫކޮށް ދިއުމުން ލިބޭ ހިތާމަ ކަމަށެވެ.