13 އޯގަސްޓް 2018 - 12:03

ޓިއުރިން (އޮގަސްޓް 13) – ޔުވެންޓަސްގެ ޖާޒީގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ޔުވެންޓަސްގެ ބީ ޓީމު އަތުން 5-0 އިން މޮޅުވިއިރު އޭނާ ލަނޑު ޖަހައިފި އެވެ.
މި މެޗަކީ ޔުވެންޓަސް ހިންގާ އަންޔެލީ އާއިލާ ދިރިއުޅޭ ވިލާ ޕެރޯސާގައި 1955 ވަނަ އަހަރުން ފެށިގެން ކޮންމެ ސީޒަނެއް ފެށުމުގެ ކުރިން ކުޅޭ މެޗެވެ.
ރެއާލް މެޑްރިޑާ އެކު ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު މި ސީޒަނުގައި 117 މިލިއަން ޑޮލަރަށް ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯގެ އަލަތު މެޗު ބެލުމަށް 5000 ސަޕޯޓަރުން އެއްވި އެވެ. މިއީ ފްރާންސް ބޯޑަރު ކައިރީ، އެލްޕްސް ފަރުބަދަ ފެންނަ ހިސާބުގައި އޮންނަ ކުޑަކުޑަ އަވަށުގެ އާބާދީ އަށް ވުރެ ވެސް ގިނަ އަދަދެކެވެ. އިއްޔެ ހެނދުނުން ފެށިގެން ޔުވެންޓަސް ސަޕޯޓަރުން ވަނީ ދަނޑަށް ވަންނަން ކިއޫ ހަދައިފަ އެވެ.
"އަހަރެމެންނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ،" ރޮނާލްޑޯ އަށް ނިސްބަތްކޮށް ސަޕޯޓަރުން ގޮވަމުން ދިޔަ އެވެ.
މި މެޗު 72 ވަނަ މިނެޓުގައި މެޗު ހުއްޓާލަން ޖެހުނީ ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ. މިއީ އާދަވެގެން ހިނގާ ކަމެކެވެ. ސަޕޯޓަރުން އަރައި ކުޅުންތެރިން ވަށާލައި ފޮޓޯ ނަގައި އޮޓޯގްރާފް ހޯދި އެވެ. އެހެން ކުޅުންތެރިން ޗޭންޖިން ރޫމަށް ދިޔަ ނަމަވެސް ރޮނާލްޑޯ ވަނީ ސަޕޯޓަރުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.
ރޮނާލްޑޯ ޔުވެންޓަސްގެ ޖާޒީގައި އިޓާލިއަން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ކިއޭވޯ ވެރޯނާއާ ދެކޮޅަށެވެ. ޔުވެންޓަސްގެ ދަނޑުގައި ރޮނާލްޑޯ އެ ޓީމުގެ ސަޕޯޓަރުން ބައްދަލުކުރާނީ މި މަހު 26 ގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ލާޒިއޯއާ އެވެ. ތިން ވަނަ އަށް އޮންނާނީ އަނެއްކާ ވެސް ރަށުން ބޭރުގެ މެޗެވެ. ސެޕްޓެމްބަރު 2 ވަނަ ދުވަހު މި މެޗުގައި ޔުވެންޓަސް ބައްދަލުކުރާނީ ގިނަ ދުވަސްތަކަށް ފަހު އިޓާލިއަން ލީގަށް ޕްރޮމޯޓްވި ކުރީގެ ގަދަބާރު ޕާމާއާ އެވެ. ޔުވެންޓަސްއާ ތަށްޓަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ނަޕޯލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނާނީ ސެޕްޓެމްބަރު 30 ގަ އެވެ. ރަށުން ބޭރުގައި އޭސީ މިލާނާ ވާދަކުރަނީ ނޮވެމްބަރު 11 ގަ އެވެ. އަދި ޑާބީ ޑި އިޓާލިއާ މެޗުގައި އިންޓަ މިލާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޑިސެމްބަރު 9 ގައި ނުކުންނާނެ އެވެ.