13 އޯގަސްޓް 2018 - 12:12

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރި މައްސަލަ އޭނާގެ ފަރާތުން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ހުސައިންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި ބާތިލްކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހަމަކުރަންޖެހޭ 1،500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުންނާއި އޭނާގެ ރަނިންމޭޓަކަށް ހުށަހެޅުއްވި ޝައިހް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގެ އިތުރުން ހުސައިންގެ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް ހުރުމުންނެވެ.
އެ މައްސަލަ ހުސައިން ފަރާތުން ހައި ކޯޓަށް ހުށަހެޅީ އިންތިޚާބީ ޝަކުވާގެ މައްސަލައެއްގެ ގޮތުގައި ކަމަށް އޭނާގެ ކެމްޕެއިން ޓީމުގެ ތަރުޖަމާނު އަމްޖަދު ހުސައިން ވިދާޅުވި އެވެ. އެ މައްސަލާގައި އެދިފައި ވާނީ އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރާ މައްސަލަތައް ރަނގަޅު ކުރުމަށް ފަހު، ފޯމު އަލުން ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އަމުރުކޮށް ދިނުމަށް ކަމަށް އަމްޖަދު ވިދާޅުވި އެވެ.
"ސޮއިގެ މައްސަލަ އެކަނި ދިމާވި ނަމަ އަޅުގަނޑުމެންނަށް އެ ދުވަހުން އެ ދުވަހަށް އެ ކަންކަން ރަނގަޅު ކޮށްފައި އަލުން ހުށަހެޅުނީސް. އެކަމަކު، އެ މައްސަލަ އެކަންޏެއް ނޫން ދެއްތޯ އިލެކްޝަންސް ކޮމިޝަނުން ފާހަގަ ކުރީކީ؟. އެހެންވީމާ އަޅުގަނޑުމެން އެދިފައި ވާނީ ފޯމުގައި ހުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލަތައް ރަނގަޅު ކުރުމަށް ފަހު ހުށަހެޅުމަށް ވަގުތު ދިނުމަށް،" އަމްޖަދު ވިދާޅުވި އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމާ ކަމަށް އެ ކޯޓުން ބުންޏެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާ ގޮތުން އިންތިޚާބަކަށް ކުރިމަތިލާން މީހަކު ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ ހާލަތުގައި، އެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް ނުވަތަ ހައި ކޯޓަށެވެ. ސުޕްރީމް ކޯޓަށް ހުށަހެޅޭނީ އެ މީހަކު އިންތިޚާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށް ބުނެ ކޮމިޝަނުން ނިންމާ ނިންމުންތަކެވެ. އަދި އެ ނޫން ކަންކަމާ ގުޅޭގޮތުން ކޮމިޝަނުން ނިންމާ ނިންމުންތައް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމުގެ މުއްދަތު މިދިޔަ ހަފުތާގައި ހަމަވިއިރު، ރިޔާސީ ރޭހުގައި ތިއްބެވީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން ދެން އިއުލާން ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވަނީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަން ހާމަ ކުރައްވައިފަ އެވެ.