14 އޯގަސްޓް 2018 - 07:26

އިންޑިއާގެ މަޝްހޫރު ރެޕާ އަދި ލަވަކިޔުންތެރިޔާ ބާދްޝާގެ އަލަތު އަލްބަމް "ވަން" މި މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރަން ނިންމައިފި އެވެ.
ޒުވާން ހުނަރުވެރިޔާ ބުނި ގޮތުގައި އޭނާގެ ފުރަތަމަ އަލްބަމަކީ ފޭނުން ގަޔާވާ ކަހަލަ ލަވަތަކެއް ހިމެނޭނެ އަލްމަބަމަކަށް ވާނެ އެވެ. އަދި އަލަށް އަލްބަމެއް ނެރެވޭތީ ވަރަށް އުފަލުން ހުރި ކަމަށް، މީގެ ކުރިން ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ސިންގަލްތަކެއް ނެރެފައިވާ ބާދްޝާ ބުންޏެވެ.
ސޮނީ މިއުޒިކް ލޭބަލްގެ ދަށުން ނެރޭ "ވަން" ގައި 17 ލަވަ ހިމެނޭނެ އެވެ.
ރެޕާއެއްގެ ގޮތުގައި މަޝްހޫރުވި ނަމަވެސް ބާދްޝާއަކީ މިހާރު ބޮލީވުޑްގެ ފިލްމްތަކަށް ވެސް މިއުޒިކް ހަދައިދޭ ފަންނާނެކެވެ. ދާދި ފަހުން ނެރުނު ފިލްމް "ވީރޭ ދީ ވެޑިން" ގެ ޕްރޮމޯޝަނަލް ލަވަ "ތަރުފީން" އަކީ ވެސް އޭނާގެ ލަވައެކެވެ.
އޭނާ ވަނީ ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ (ސަޓަޑޭ ސަޓަޑޭ)، ހޫބްސޫރަތު (އަބީ ތޮ ޕާޓީ ޝްރޫ ހުއީ ހޭ)، ކަޕޫރް އެންޑް ސަންސް (ކަރް ގައީ ޗުލް) އަދި ބާރް ބާރް ދޭކޯ (ކާލާ ޗަޝްމާ) ފަދަ ފިލްމްތަކަށް ލަވަތައް ހަދައި ދީފަ އެވެ.
ބާދްޝާ، 32، އަކީ ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ލަވަ ޝޯ "ދިލް ހޭ ހިންދުސްތާނީ" ސީޒަން ދޭއްގެ ޖަޖެއް ވެސް މެ އެވެ. އެ ޝޯގައި އޭނާއާ އެކު ދެން ޖަޖުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ސުނީދީ ޗޯހަން އާއި އިންޑިއާގެ އެންމެ ކާމިޔާބު އެއް މިއުޒިކް ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ޕްރިތަމް ޗަކްރަބަތީ އެވެ.
ބާދްޝާގެ އަލަތު އަލްބަމް ނެރޭތީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ވަނީ އޭނާ އަށް މަރުހަބާ ވެސް ކިޔައި ޓްވީޓްކޮށްފަ އެވެ.
"ވަން" ގެ ލަވަތަކުގެ ތެރޭގައި ހިމެނޭ "ހާޓްލެސް" މިހާރު ވަނީ އެހުންތެރިންނަށް އިއްވާލައިފަ އެވެ. މި އަލްބަމްގެ ލަވަތަކަށް ބާދްޝާއާ އެކު މަޝްހޫރު ފަންނާނުން ފީޓްކޮށްފައި ވާނެ އެވެ.