13 އޯގަސްޓް 2018 - 12:26

އިންޑޮނީޝިއާގައި ބާއްވާ އޭޝިއަން ގޭމްސްގައި ބައިވެރިވުމުން ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ރަނގަޅު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށާއި އޭގެ ބޭނުން ސާފް ޗެމްޕިއަންޝިޕްގައި ހިފޭނެ ކަމަށް ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

މީގެ ކުރިން ވެސް އާތީ ވަނީ އަންހެން ޓީމުގައި މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ފަހުން ޖަޕާނުގެ ކޯޗު ރިއޯ ނައޯކޯ ކަވަމޯޓޯ ވެސް އަންހެން ޓީމު ގޮވައިގެން މުބާރާތްތަކެއްގައި ވާދަކުރި އެވެ. މި ފަހަރުގެ ގޭމްސް އަށް ފަހު ޑިސެމްބަރު މަހު އޮންނަ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރާނެ އެވެ. އާތީ ބުނީ ޓާގެޓަކީ ސާފަށް ތައްޔާރުވުން ކަމަށެވެ.
"އޭޝިއަން ގޭމްސް އަކީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ތަޖުރިބާތަކެއް ލިބޭނެ މުބާރާތެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އޭޝިއަން ގޭމްސް މި ބަލަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން. ރަނގަޅު މެޗުތަކެއް މިއީ ސާފްގެ ކުރިން އަޅުގަނޑުމެންގެ މިސްޓޭކްތައް އެނގި ތައްޔާރުވާން ވެސް ލިބޭ ފުރުސަތެއް،" އޭޝިއަން ގޭމްސްގެ ތައްޔާރީތަކާ ބެހޭގޮތުން އެފްއޭއެމް އިން އާންމުކުރި ވީޑިއޯއެއްގައި އާތީ ބުނެފައިވެ އެވެ.
"އެއް އަހަރު ދުވަސް މިވީ އަޅުގަނޑުމެން ތައްޔާރުވަމުންދާތާ. އަޅުގަނޑަށް ހީވަނީ އަންހެން ޓީމު މިހާރު ކުރީގައި އޮތް ވަރަށް ވުރެން ވެސް ވަރުގަދަވާނެހެން."
މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ ހިމެނެނީ އިންޑޮނީޝިއާ، ދެކުނު ކޮރެއާ އަދި ޗައިނީސް ޓައިޕޭއާ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ކުޅޭނީ އިންޑޮނީޝިއާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި 19 ވަނަ ދުވަހު ކޮރެއާއާ ކުޅޭނެ އެވެ. ފަހު މެޗުގައި ޗައިނީސް ޓައިޕޭއާ ދެކޮޅަށް ކުޅޭނީ މި މަހު 21 ވަނަ ދުވަހު އެވެ.
އާތީ ބުނީ އޭޝިއަން ގޭމްސްގައި ޓާގެޓަކީ ރަނގަޅު ކުޅުމެއް ދައްކައި ކޮޅަށް ވަންނަ ގޯލު މަދުކުރުން ކަމަށެވެ.
"އުއްމީދަކީ އޭޝިއަން ގޭމްސްގައި ރަނގަޅު ކާމިޔާބީއެއް ހޯދުން. ރަނގަޅު ކާމިޔާބީ އެކޭ މި ބުނަނީ އޭޝިއަން ގޭމްސްގައި އަޅުގަނޑުމެން މި އޮތީ ވަރަށް ގަދަ ގްރޫޕެއްގައި، ވަރުގަދަ ޓީމުތަކާ އެއްކޮށް ކުޅެން ޖެހެނީ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ ވީހާވެސް މާޖިން (ކޮޅަށް ވަންނަ ގޯލު) ދަށްކުރަން. އެ ދަށްކުރެވިއްޖަނަމަ އެއީ އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބެއް،" އާތީ ބުންޏެވެ.
ދެކުނު ކޮރެއާގައި 2014 ވަނަ އަހަރުގައި އޮތް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމު ވަނީ ތަފާތު ބޮޑު ނަތީޖާތަކުން ބަލިވެފަ އެވެ. އިންޑިއާ އަތުން 15-0 އިން ބަލިވިއިރު، ތައިލެންޑް އަތުން 10-0 އިން އަދި ކޮރެއާ އަތުން 13-0 އިން ބަލިވި އެވެ.
އޭގެ ފަހުން 2016 ވަނަ އަހަރު ފެބްރުއަރީ މަހު އިންޑިއާގެ ގުވާޓީގައި އޮތް ސާފް ގޭމްސްގައި ރާއްޖެ ވަނީ އިންޑިއާއާ 0-0 އިން އެއްވަރުކޮށްފަ އެވެ. އަދި ނޭޕާލާއި ބަންގްލަދޭޝް އަތުން 2-1 އިން ބަލިވި ނަމަވެސް ފަހު މެޗުން ރާއްޖެ ވަނީ 2-1 އިން ސްރީލަންކާ ބަލިކޮށްފަ އެވެ.
ބަންގްލަދޭޝްގައި 2016 ވަނަ އަހަރުގެ ފަހުކޮޅުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ ބޫޓާނާއި ސްރީލަންކާ ބަލިކޮށް ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސެމީން ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުންނެވެ. މި އަހަރުގެ މާޗް މަހު އަންހެން ގައުމީ ޓީމު ވަނީ އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރު އަތުން 2-0 އިން ބަލިވެފަ އެވެ.
އަންހެން ފުޓްބޯޅަ ޓީމު އަންނަނީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އާތީގެ އިރުޝާދުގެ ދަށުން ފަރިތަކުރަމުންނެވެ. މިދިޔަ އަހަރު އަންހެން ޓީމަށް ރާއްޖޭގައި ފުޓްބޯޅަ މުބާރާތެއް ކުރިއަށް ނުދެ އެވެ. އެކަމަކު އަންހެން ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ފުޓްސަލް މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިންނެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ޒުވާން ގައުމީ ޓީމު ވާދަނުކުރެ އެވެ. އެއީ އަންނަ ސެޕްޓެމްބަރު މަހު 4-15 އަށް ބަންގްލަދޭޝްގައި އޮންނަ ސާފް ސުޒުކީ ކަޕްގައި ވާދަކުރާތީ ޝެޑިއުލަށް ބުރޫއަރާތީ ކަމަށް އެފްއޭއެމުން ބުނެ އެވެ. އެ އެސޯސިއޭޝަނުން ބުނީ އެ ގޮތަށް ނިންމުމުގެ އެއް ސަބަބަކީ ސީނިއާ ޓީމުގައި ވެސް ޒުވާން ކުޅުންތެރިން ގިނަވުން ކަމަށެވެ.