ސީރިއާގެ ހަތިޔާރު ގުދަނެއް ގޮވައި 39 މީހުން މަރުވެއްޖެ
ސީރިއާގެ ހަތިޔާރު ގުދަނެއް ގޮވައި 39 މީހުން މަރުވެއްޖެ

ދިމިޝްގު (އޮގަސްޓް 13) - ސީރިއާގެ ހުޅަނގު އުތުރުގެ އިދްލީބް ޕްރޮވިންސްގައި ހަތިޔާރު ރައްކާކޮށްފައި ހުރި އިމާރާތެއް ގޮވައި 39 މީހުން މަރުވެއްޖެ އެވެ.

ސަރްމަދާ ޓައުނުގައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 12 ކުޑަ ކުދިން ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ވަގަށް ހަތިޔާރު އެތެރެކުރާ މީހަކު ހަތިޔާރު ރައްކާކޮށްފައި ހުރި ގުދަނެކެވެ. މޮނިޓަރުން ބުނި ގޮތުގައި ހަތިޔާރު ގުދަން ގޮވުމުގެ ސަބަބުން އަދިވެސް ވަނީ އެތައް ބަޔަކު ގެއްލިފަ އެވެ. އިމާރާތުގެ ދަށުން މީހުން ފެނޭތޯ އިއްޔެ ވަނީ ބުލްޑޯޒަރު ވެސް ބޭނުންކޮށްފަ އެވެ.

ގޮވި އިމާރާތުގައި ތިބީ ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ އާއިލާތައް ކަމަށްވެ އެވެ. ގިނަ މީހުން ނިސްބަތް ވަނީ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އަށް ކަމަށް މޮނިޓާރިން ގްރޫޕްތަކުން ބުނެ އެވެ. ހަތިޔާރު ގުދަން ގޮވި ސަބަބެއް އަދި ނޭނގެ އެވެ.

އިދްލީބް އޮންނަނީ ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. ނަމަވެސް ސަރުކާރު ސިފައިން ދެން އަމާޒު ހިފާނީ އިދްލީބް ހިފަން ކަމަށްވެ އެވެ. ރައީސް ބައްޝާރުލް އަސަދު ވެސް ވަނީ އިދްލީބް ވަރަށް އަވަހަށް ހިފާނެ ކަމަށް ވިދާޅުވެފަ އެވެ. ސީރިއާ ސިފައިން ވަނީ އިދްލީބުގެ އާއްމުން އަމާން ދިނުމަށް އެދި ލީފްލެޓްތައް ބުރާސްފަތި ދުވަހު ބަހައިފަ އެވެ. ރަޝިޔާގެ ވައިގެ ސިފައިންގެ އެހީއާ އެކު ސީރިއާ ސިފައިން ދާދި ފަހުން ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ އަތުން ބޮޑު ސަރަހައްދެއް ހިފައިފަ އެވެ.