"ކަސޯޓީ" ގެ ސީޒަން 2 ނެރޭޓްކޮށް ދޭނީ ޝާހްރުކް ހާން
"ކަސޯޓީ" ގެ ސީޒަން 2 ނެރޭޓްކޮށް ދޭނީ ޝާހްރުކް ހާން

އެކްތާ ކަޕޫރްގެ މަޝްހޫރު ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ދެވަނަ ސީޒަނާ އެކު އަންނަ މަހު ބެލުންތެރިންނާ ބައްދަލު ކުރާ އިރު، މި ޝޯގެ ވާހަކަ އާއި ކާސްޓުން ތައާރަފުކޮށްދީ ސިލްސިލާ ނެރޭޓްކޮށް ދޭނީ ޝާހްރުކް ހާން ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އަންނަ މަހުގެ 10 ގައި ދައްކަން ފަށާ ސިލްސިލާގެ ފުރަތަމަ ތިން އެޕިސޯޑް ޝާހްރުކް ނެރޭޓްކޮށް ދޭނެ އެވެ.

އެގޮތުން އެ ތިން އެޕިސޯޑް ނިމިގެންދާ އިރު، "ކަސޯޓީ" ގެ މި ފަހަރުގެ މައިގަނޑު ކާސްޓް އެނގި، މީގެ ވާހަކަ ކުރިއަށް ދާނެ ގޮތެއް ބެލުންތެރިންނަށް ވަޒަންކޮށްލެވޭނެ އެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން ޕްރޮޑިއުސަރު އެކްތާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާ މި ފަހަރު މުޅިން ވެސް އުޅެނީ "ކަސޯޓީ" ގެ ދެވަނަ ސީޒަނާ އެކު ބެލުންތެރިން ހިތްތައް ތެޅުވުމުގަ އެވެ.

ސިލްސިލާގައި މި ފަހަރު ޕްރޭނާގެ ރޯލް ކުޅެނީ އެރިކާ ފެނަންޑޭޒްކަން ކަށަވަރުވުން ފިޔަވައި، މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެ އެވެ،. އެކަމަކު އެކްތާ ވަނީ "ކަސޯޓީ" ގެ އާ ސީޒަނުގެ ކާސްޓް ޒުވާން ވާނެ ކަމަށް ބުނެފަ އެވެ.

ސިލްސިލާގެ ތީމް ލަވައިގެ ޕްރޮމޯ އެރިކާ ހިމަނައިގެން ސްޓާ ޕްލަސް އިން މިހާރު އަންނަނީ ދައްކަމުންނެވެ. އަދި "ކަސޯޓީ 2" ދައްކަން ފަށާނީ އަންނަ މަހުގެ 10 ގައި ކަން އެ ޗެނެލުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ޝާހްރުކްއަކީ ސިލްސިލާތަކަށް އާ މީހެއް ނޫނެވެ. އޭނާ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް އެކްޓަރުގެ މަގާމު ހޯދީ ވެސް ކެރިއަރުގެ ކުރީކޮޅުގައި "ފައުޖީ" ކިޔާ ޓީވީ ސިލްސިލާއެއް ކުޅެގެންނެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ޖަބް ހެރީ މެޓް ސޭޖަލް" ޕްރޮމޯޓް ކުރުމުގެ ގޮތުން ޝާހްރުކާއި އަނުޝްކާ ޝަރްމާ ވަނީ ސްޓާ ޕްލަސްގެ ޒަމާންވީ ޓީވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ" ގެ އެޕިސޯޑެއްގައި ހަރަކާތްތެރިވެފަ އެވެ.

ޝާހްރުކްގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 21 ގައި ރިލީޒް ކުރާ "ޒީރޯ" އެވެ.