13 އޯގަސްޓް 2018 - 09:46

މެންޗެސްޓާ )އޮގަސްޓް 13) – އޭނާގެ އެންމެ މޮޅު ކުޅުން މެންޗެސްޓާ ޔުނައިޓެޑުގައި ދެއްކުމަށްޓަކައި އުފަލުގައި ހުންނަން ޖެހޭ ކަމަށް ބުނެ ޔުނައިޓެޑުގައި ހުރީ އުފަލުގައި ނޫން ކަމުގެ އިޝާރާތެއް ޕައުލް ޕޮގްބާ ދީފި އެވެ.
ޔުނައިޓެޑުން މީގެ ދެ އަހަރު ކުރިން އޭރުގެ ދުނިޔޭގެ ރެކޯޑް އަގެއްގައި ގެނައި ޕޮގްބާ އާއި އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯއާ މެދު މައްސަލަތަކެއް އުޅެ އެވެ. އޭނާ ކުރީގެ ކްލަބް ޔުވެންޓަސް އަށް ނުވަތަ ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ވެސް އަޑުފެތުރުނެވެ. މިހާރު ރިޕޯޓްތައް ބުނަނީ ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާ އިން އޭނާ ގެންދާނެ ކަމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ފްރާންސާ އެކު ކާމިޔާބުކުރި ޕޮގްބާ ވަނީ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ ލެސްޓާ ސިޓީ އަތުން 2-1 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ލަނޑު ޖަހައިފަ އެވެ. އެ މެޗުގައި ކެޕްޓަން ބޭންޑް އެޅީ ވެސް އޭނާ އެވެ.
"އުފަލުގައި ނެތިއްޔާ އެންމެ މޮޅު ކުޅުން ނުދެއްކޭނެ. އެބަހުރި އަހަންނަށް ނުދެއްކޭނެ ވާހަކަތަކެއް، ދައްކައިފިއްޔާ އަހަރެން ޖޫރިމަނާކުރާނެ،" ޕޮގްބާ ބުންޏެވެ. "އަހަރެން އަދިވެސް ފުޓްބޯޅައިން ހިތްހަމަޖެހުން ހޯދަން. އެކަމަކު ހަމަޖެހިގެން ހުރިއްޔާ ނޫނީ އިތުބާރާ އެކު ހުރިއްޔާ ހުރިހާ ކަމެއް ފަސޭހަވާނެ."
މިދިޔަ ސީޒަނުގެ ބައެއް މެޗުތަކުން ޕޮގްބާ އަށް މޮރީނިއޯ ފުރުސަތު ނުދެ އެވެ. އަދި އޭނާ ވަނީ ނުސީދާކޮށް ޕޮގްބާ އަށް ފާޑުކިއައިފަ އެވެ. އެކަމަކު ޕޮގްބާ ބުނީ ޔުނައިޓެޑް ދެކެ ލޯބިވާ ކަމަށެވެ.
ޕޮގްބާ ބުނީ ފްރާންސުގައި ކޯޗާއި ކުޅުންތެރިންނާއި އޮފިޝަލުން ވެސް ތިބީ އެއްކޮށް ކަމަށެވެ. އަދި އެ މީހަކާ އެއްކޮށް އެންމެން ތިބިއްޔާ، އަދި އެ މީހަކަށްޓަކައި އެހެން އެންމެން ގުރުބާންވާން ތިބިއްޔާ ހުރިހާ ކަމެއް ފަސޭހަ ކަމަށް ބުނެ ނުސީދާކޮށް ޔުނައިޓެޑުގެ ހަމަލާތަކެއް ފޮނުވާލި އެވެ.