ރީ-ރަޖިސްޓްރީ އަށް 95،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި
ރީ-ރަޖިސްޓްރީ އަށް 95،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި

އަންނަ މަހު 23 ގައި އޮންނަ ރިއާސީ އިންތިޚާބުގައި، ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށްޓަކައި ރީ-ރަޖިސްޓްރީކުރުމަށް ހުޅުވައިލި މުއްދަތުގައި 95،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ރީ-ރަޖިސްޓްރީ ކުރުމަށް ދިން 26 ދުވަހުގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 12 ގެ ނިޔަލަށް ހަމަވި އިރު، 95،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ރަށްރަށުގެ ބައެއް ފޯކަލް ޕޮއިންޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތު އަދި ނުލިބޭތީ އެ އަދަދު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ފޯމުތައް ބަލައި ޗެކްކޮށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެހެންވެ، ރީ-ރަޖިސްޓްރީވި މީހުންގެ ޖުމްލަ އަދަދު އެނގޭނީ ދެތިން ދުވަސް ފަހުން ކަމަށެވެ.

"95،000 މީހުންނަކީ ރަޖިސްޓްރީވި މީހުންގެ އަދަދެއް ނޫން. ފޯމުތައް އެންޓާކޮށް ހުރިހާ ކަމެއް ނިމޭއިރު އެ އަދަދު މަދުވާނެ. އެކަމަކު އަޅުގަނޑުމެންނަށް އެ އަދަދެއް އެނގޭނީ ހުރިހާ ފޯމުތަކެއް އެންޓާކޮށް ނިމުނީމައި،" އޭނާ ވިދާޅުވި އެވެ.

އީސީން ކުރިން ބުނި ގޮތުގައި ހުށަހަޅާފައިވާ ފޯމުތަކުގެ ތެރޭގައި ސައްހަ ނޫން އަދި ރިޕީޓު ފޯމު ހުރުން އެކަށީގެންވެ އެވެ. އެހެންވެ، ރީ-ރަޖިސްޓްރީވި މީހުންގެ އަދަދު، ކުރި އަށް އޮތް ތަނުގައި މަދުވެދާނެ ކަމަށް އެތަނުން ބުނެފައިވެ އެވެ.

އިލެކްޝަންސް އިން އަންދާޒާ ކުރާ ގޮތުގައި މަދުވެގެން 75،000-80،000 މީހުން ރީ-ރަޖިސްޓްރީ ކުރާނެ އެވެ. މިދިޔަ ފަހަރުގެ އިންތިހާބުގައި ރީ-ރަޖިސްޓްރީވެފައިވަނީ 58،000 މީހުންނެވެ.

ރީ-ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހެޅި މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައިވާތީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މީހުން ދެކޭ ގޮތުގައި، މި ފަހަރުގެ އިންތިހާބުގައި އަލަށް ވޯޓުލާ މީހުންގެ އަދަދު 24،000 އަށް އިތުރުވި ނަމަވެސް، ރީ-ރަޖިސްޓްރީކުރާ މީހުންގެ އަދަދު އެހާ ބޮޑު ތަނެއް އިތުރެއް ނުވާނެ އެވެ. އެހެންވެ، މި ކަމަށް ސަމާލުވާން ވަނީ އެދިފަ އެވެ.

އެކަމަކު އިލެކްޝަންސް އިން ބުނީ މިއީ އިންތިހާބާ ގުޅޭ މައުލޫމާތު އޮޅުވާލުން ކަމަށާއި އެހެންވެ، މިފަދަ މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެވެ.

އިންތިޚާބުގައި ވޯޓުލުމަށް ވޯޓު ފޮއްޓާއި ވޯޓިން ބޫތު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ރަށްރަށަށް ފޮނުވާފަ އެވެ. ވޯޓުލުމަށް 491 ފޮށި ބަހައްޓަން އީސީން ނިންމާފައިވާ އިރު އޭގެ ތެރޭގައި 43 ރިސޯޓާއި ރާއްޖެ އިން ބޭރުގެ ހަތަރު ގައުމެއް ވެސް ހިމެނެ އެވެ.

އާއްމުކޮށްފައިވާ ވޯޓާސް ރަޖިސްޓްރީގައިވާ ގޮތުން މި އަހަރުގެ އިންތިހާބުގައި 263،183 މީހުންނަށް ވޯޓުލެވޭނެ އެވެ. އެންމެ ފަހުން 2013 ގައި އޮތް ރިޔާސީ އިންތިހާބުގައި އެ އަދަދު އުޅުނީ 239،165 ގަ އެވެ.