13 އޯގަސްޓް 2018 - 11:42

މިއީ ރާއްޖޭގެ އެހެން ރަށްތަކާ ހުޅަނގުން ވަރަށްވެސް އެކަހެރިކޮށް އޮންނަ ރަށެކެވެ. އެހެން ރަށްރަށުގެ މީހުން މި ރަށަށް ޒިޔާރަތްކުރުމަކީ އާންމު ކަމެއް ނޫނެވެ. ތާރީހަށް ބަލާއިރު ސިޔާސީ ކުށްވެރިން އަރުވާލާ މަންޒިލަކަށް ވެސް މިރަށް ވި އެވެ. އެއިން ވެސް އެނގެނީ ރަށުގެ އެކަހެރިކަމެވެ.

ހދ. އަށް ނިސްބަތް ވިޔަސް މަކުނުދުއާ އެންމެ ކައިރީގައި އޮންނަނީ ށ. ކަނޑިތީމެވެ. އެކަމަކު މި ރަށު ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ކަންކަން ކަނޑިތީމުން ހަމަޖެއްސޭ ވަރަށް އެ ރަށުގައި ވިޔަފާރި އަދި ސިއްހީ ދާއިރާ ތަރައްގީއެއް ނުވެ އެވެ. އެހެންކަމުން މަކުނުދޫ ރައްޔިތުން އާންމުކޮށް ދަތުރުކުރަނީ ހދ. ގެ ވެރިރަށް ކުޅުދުއްފުއްޓަށެވެ. ކަނޑު މަޑު ދުވަހެއް ނަމަ ލޯންޗުގައި އެއީ 40 މިނިޓްގެ ދަތުރެކެވެ. ކަނޑިތީމަށް ކުރާ ލޯންޗު ދަތުރެއްގެ އަގު 1،500ރ ގައި އުޅޭ އިރު ކުޅުދުއްފުއްޓަށް ދާން 3،000ރ ނަގ އެވެ.
ހަނިމާދޫ މެދުވެރިކޮށް މާލެ އަށް ދާން ބޭނުން ނަމަ ކަނޑު މަގުން ލޯންޗުގައި ހަނިމާދުއަށް ދާން އެކަނި ވެސް 4،000ރ ހޭދަކުރަން ޖެހެ އެވެ. އެހެންކަމުން މި ރަށު ރައްޔިތުންނަށް އަވަހަށް ދަތުރުފަތުރުކުރުމަކީ އަދި ވެސް ބޮޑު މައްސަލައެކެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އެއާޕޯޓް އަޅަން އެތައް މަޝްރޫއެއް ހިންގާއިރު މަކުނުދޫ ރައްޔިތުން ވެސް މިހާރު އެންމެ ބޮޑަށް އެދޭ އެއް ކަމަކީ، އެރަށުގައި ވެސް އެއާޕޯޓެއް އެޅުމެވެ. އެ ވައުދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވެވަޑައިގަތެވެ. އެކަމަކު އަމަލީ ސިފަ އައިސްފައެއް ނުވެ އެވެ.
އާބާދީގައި ގާތްގަނޑަކަށް 2،000 ހިމެނޭ މި ރަށު ރައްޔިތުންނަށް ހަމައެކަނި އަމާޒުކޮށް އެއާޕޯޓެއް އަޅައި ޝެޑިއުލް ދަތުރުތައް ކުރުމަކީ ފޫބެއްދޭ ވަރުގެ ހޭދައަކަށް ނުވާނެ އެވެ. އެކަމަކު ގުދުރަތީ ގޮތުން މި ރަށަށް ލިބިފައި އޮތް އެހެން މުއްސަނދިކަމުގެ ބޭނުން ހިފަައިގެން، އެއާޕޯޓް ހިންގިދާނެކަމުގެ އުއްމީދު ބައެއް މީހުންނަށް އެބަ އޮތެވެ.
މަކުނުދޫ ފަޅަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ފަޅެވެ. ދިގުމިނުގައި 17.5 މޭލު ހުރި ފަޅު ތެރޭގައި ރިސޯޓް ތަރައްގީކުރެވިދާނެ ރީތި ތިން ފަޅުރަށް ވެސް އެބަ އޮތެވެ. ދިއްޕަރުފުއްޓާއި ފެންބޯހުރާގެ އިތުރުން އިންނަފުއްޓަކީ، މިހާރު ރާއްޖޭގައި ރިސޯޓްތައް ތަރައްގީކުރަމުން އަންނަ ވައްޓަފާޅިއަށް ބަލާއިރު، ޓޫރިޒަމަށް ބޭނުންކުރެވިދާނެ ރަށްތަކެކެވެ.
ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާތާ 18 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މިރަށު އަލީ ބަޝީރު ވިދާޅުވި ގޮތުގައި ރަށުގެ ފަރުތެރޭގައި އޮތް ތިން ރަށުގެ އިތުރުން ފަޅު ހިއްކައިގެން 30 ރިސޯޓު ވެސް ހިންގިދާނެ އެވެ.
ދާދި ފަހަކާ ޖެހެންދެން މަނަފަރު ރިސޯޓުގެ އެޗްއާރު މެނޭޖަރަކަށް ހުންނެވި ބަޝީރު ވިދާޅުވި ގޮތުގައި ޓޫރިސްޓުން ޝައުގުވެރިވާނެ ގުދުރަތީ އެތައް ކަމެއް އެ ފަޅުތެރޭގައި ހިމެނެ އެވެ.
"މި ފަޅުތެރޭ ޑައިވިން ޕޮއިންޓްތައް ވަރަށް ގިނަވާނެ. ޓޫރިސްޓުން މި އަންނަނީ ކަނޑު އަޑީގެ ރީތިކަން ބަލާލަން. މިއީ އެންމެ ސަޅި ޑައިވިން ޕޮއިންޓްތައް ހުރި ހިސާބު. އަނެއްކޮޅުން އެންމެ ބޮޑެތި އެންދޭރި ގަސްތައް ވެސް ހުންނާނީ މި ފަޅު ތެރޭގައި،" ބަޝީރު ވިދާޅުވި އެވެ.
މިހާރު ވެސް ވަރަށް މަދުމަދުން މިރަށަށް ޓޫރިސްޓުން އާދެ އެވެ. އެކަމަކު ރަށަށް އަންނަން ކުރަން ޖެހޭ ދިގު ދަތުރަކީ އެ މީހުންނަށް ވެސް އޮތް ބޮޑު ހުރަހެކެވެ.
ބަޝީރު ގަބޫލުކުރައްވާ ގޮތުގައި ރަށު ފަޅުތެރޭގައި އޮތް ތިން ރަށުގައި ރިސޯޓު ހެދިއްޖެ ނަމަ ދައްޗަކާ ނުލައި ޑޮމެސްޓިކް އެއާޕޯޓެއް ހިންގިދާނެ އެވެ.
ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށާ ހިލާފަށް މި ރަށުގެ ބޮޑު ފަޅުގެ ބޭނުންކޮށްގެން އިގުތިސާދީ ގޮތުން އެހެން މަސައްކަތްތައް ވެސް ކުރެވެން އެބަ އޮތެވެ. ބޯވަޔާއި އިހި އަދި ހުއިފިލަނޑަ އާއި ފާނަ ފަދަ ސީފުޑްގެ ދިރުންތައް، އިގުތިސާދީ ގޮތުން މަންފާއެއް ލިބޭނެ ފެންވަރަށް ކުރިއަށް ގެންދެވިދާނެ އެވެ. އެކަމަށް ވެސް ބޭނުންވަނީ އަވަސް އަދި ޔަގީން ދަތުރުފަތުރުގެ ނިޒާމެކެވެ. މިހާރުގެ ހާލަތު ހުރި ގޮތުން ވިއްސާރަވެއްޖެ ނަމަ އެފަދަ އުފެއްދުންތައް ވެސް ސަޕްލައި ކުރެވޭނެ ގޮތެއް ނޯވެ އެވެ.
ވައިގެ ދަތުރުފަތުރަށް އެދިއެދި ތިބި ރައްޔިތުންނާ ބައްދަލުކުރައްވަން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަޑައިގަތުމުން އެންމެ ގިނަ ބަޔަކު އެދުނީ ވެސް އެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށެވެ.
އިބޫ ރޭ ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މިރަށަށް ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތެއް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. ނަމަވެސް އެއީ އެއާޕޯޓެއް އެޅުންތޯ ނުވަތަ ސީޕްލޭންގެ ދަތުރުތައް ފެށުންތޯ ނިންމޭނީ ދިރާސާތައް ކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި މިރަށުގެ އިގްތިސާދު ފުޅާކުރެވެން އޮތް ނިސްބަތަށް ބަލާއިރު ވައިގެ ދަތުރުތައް ފެށުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.
އެއް ޒަމާނެއްގައި މިއީ އެކަހެރި ރަށެއް ނަމަވެސް މިހާރު މަކުނުދޫ އަކީ ވެސް މި ޒަމާނުގެ މަސައްކަތްތައް ކުރެވޭނެ ގުދުރަތީ މުއްސަނދިކަން އޮތް ރަށެކެވެ. އެހެންކަމުން ކުރީގެ އެކަހެރިކަމުން ދުރުވެ، ރާއްޖޭގެ ގުޅިފައިވާ އިގުތިސާދުގެ ތެރެއަށް ވަދެ، ޓޫރިޒަމްގެ ނަފާ ވެސް ލިބެން ރަށު ރައްޔިތުން ބޭނުންވެ އެވެ. އެކަމަށް އޮތް އެންމެ ބޮޑު އެހީއަކީ ވައިގެ ދަތުރުތަކުން މިރަށް ގުޅިގެން ދިއުމެވެ.