13 އޯގަސްޓް 2018 - 07:24

ސަލްމާން ހާން ހޯސްޓްކޮށް ދޭ، ކަލާޒްގެ ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 12 އަންނަ މަހުގެ ދައްކަން ފަށަން ނިންމައި، މީގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ.
"ބިގް ބޮސް 12" ދައްކަން ފަށާނެ ތާރީހެއް ކަލާޒުން އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް، ރިޕޯޓްތައް ބުނަނީ ޝޯ ދައްކަން ފަށާނީ އަންނަ މަހުގެ 16 ގައި ކަމަށެވެ.
ކޮންމެ ސީޒަނެއް ވެސް ޕްރޮމޯޓް ކުރުމުގެ ގޮތުން ސަލްމާން ފެނިގެންދާ ޕްރޮމޯޝަނަލް ވީޑިއޯއެއް ބެލުންތެރިންނަށް ގެނެސްދެ އެވެ. އެގޮތުން މި ފަހަރުގެ ސީޒަންގެ ޕްރޮމޯގައި ސަލްމާން ފެންނަނީ ކުލާހެއްގެ ތެރޭގައި ޓީޗަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ތަނެވެ.
ޕްރޮމޯ އިން އެންމެ އަޅައިގަންނަ އެއް ތަންކޮޅަކީ ސަލްމާންގެ މުޖް ސޭ ޝާދީ ކަރޯގީ (2005) ގެ "ޖީނޭ ކޭ ހޭ ޗާރް ދިން" ލަވައިގައި އޭނާ ތުވާއްޔެއް ބޭނުންކޮށްގެން ހަދާ ސްޓެޕް، މި ފަހަރު ފަތިގަނޑެއް ބޭނުންކޮށްގެން ދެއްކުމެވެ.
ކުރީގެ ސީޒަންތަކާ ހިލާފަށް "ބިގް ބޮސް 12" އަށް ބައިވެރިން ހޮވަނީ އިތުރު ބައިވެރިއަކާ އެކުގަ އެވެ. މާނައަކީ ބިގް ބޮސް ގެއަށް ވަންނަ ކޮންމެ މީހަކާ އެކު، އިތުރު މީހަކު ދާނެ އެވެ. އެ މީހަކީ ބައިވެރިޔާގެ އާއިލާ މީހެއް ނުވަތަ ރައްޓެއްސެކެވެ.
މި ބަދަލާ އެކު ޝޯގެ ފޯރި އާއި ބައިިވެރިންގެ މެދުގައި ހިނގާ އަރައިރުންތައް ވެސް ކުރިއަށް ވުރެ ރޯޅި ބޮޑުކޮށް ފެންނާނެ ކަމަށް ގަބޫލު ކުރެ އެވެ. އެކަމަކު މި ފަހަރުގެ ޝޯގެ ބައިވެރިންނަކީ ކޮބައި ކަމެއް އަދިއެއް ނޭނގެ އެވެ.
ދެހާސް ސޯޅައިގައި ގެނެސް ދިން "ބިގް ބޮސް 10" އިން ފެށިގެން ޝޯ އިން އަންނަނީ މަޝްހޫރު ސެލެބްރިޓީންގެ އިތުރުން އާންމުންނަށް ވެސް ފުރުސަތު ދެމުންނެވެ.
މިދިޔަ އަހަރު "ބިގް ބޮސް 11" ކާމިޔާބު ކުރީ ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ އެވެ.
"ބިގް ބޮސް" އަކީ ތިން މަސް ދުވަހަށް ދެމިގެންދާ ޝޯއެކެވެ.