ސިޓީން އާސެނަލް ބަލިކުރިއިރު، ލިވަޕޫލަށް ބޮޑު މޮޅެއް
ސިޓީން އާސެނަލް ބަލިކުރިއިރު، ލިވަޕޫލަށް ބޮޑު މޮޅެއް

ލަންޑަން (އޮގަސްޓް 12) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ރަށުން ބޭރުގައި އާސެނަލް އަތުން 2-0 އިން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 4-0 އިން ލިވަޕޫލް ބޮޑު މޮޅެއް ހޯދައިފި އެވެ.

އާސެނަލްގެ ކޯޗުކަމާ އުނާއި އެމެރީ ހަވާލުވުމަށް ފަހު ކުޅުނު ވާދަވެރި ފުރަތަމަ މެޗުން މިރޭ ބަލިވިއިރު، މިހާތަނަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ދެކޮޅަށް އޭނާ އަށް މޮޅެއް ނުހޯދެ އެވެ. މިއީ 1996 ވަަނ އަހަރަށް ފަހު އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ނެތި އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ވެސް މެ އެވެ. އަންނަ ހަފްތާގައި އާސެނަލް ރަށުން ބޭރުގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ސިޓީ އަށް މެޗުގައި 14 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ރަހީމް ސްޓާލިންނެވެ. އާސެނަލް ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ސްޓާލިން ފޮނުވާލި ބޯޅަ ގޯލަށް ވަންއިރު އެ ބޯޅަ ހުއްޓުވަން އާސެނަލްގެ ކީޕަރު ޕެޓަ ޗެކަށް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.

މުޅި މެޗަށް ބަލާއިރު މި މެޗުގައި ރަނގަޅަށް ކުޅުނީ ސިޓީ އެވެ. އާސެނަލަށް ރަނގަޅު ކުޅުމެއް ދެއްކޭގޮތްވީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި އާސެނަލްގެ އެޓޭކް އެހާ ރަނގަޅެއް ނޫނެވެ. ދެ ވަނަ ހާފުގައި ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް ކުޅެން އަރައި ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ސިޓީ އަށް ލީޑު ފުޅާކޮށްދޭން މެޗުގެ 63 ވަނަ މިނިޓްގައި ސާޖިއޯ އަގުއޭރޯ މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ކީޕަރު ޗެކް މަތަކުރި އެވެ. އެ ބޯޅަ ކެވިން ޑިބްރޭނާ އަށް ދީގެން ގޯލަށް ފޮނުވާލުމުގެ ފުރުސަތު އޮތްނަމަވެސް އަގުއޭރޯ ނިންމީ އޭނާ އަމިއްލަ އަށް ޖަހާށެވެ.

އަގުއޭރޯ އަތުން އެ ފުރުސަތު ގެއްލުނު ނަމަވެސް އޭގެ މިނިޓެއް ފަހުން ބެނާޑޯ ސިލްވާ ވަނީ ސިޓީ އަށް ދެ ވަނަ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. ބެންޖަމިން މެންޑީ ނަގައިދިން ބޯޅަ އަކުން ބެނާޑޯ ސިލްވާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ވެސްޓް ހޭމް މެޗުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ 19 ވަނަ މިނިޓްގައި މުހައްމަދު ސަލާހު އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަބީ ކެއިޓާ ޖައްސާލި ބޯޅަ އިން އެންޑީ ރޮބަޓްސަން ނަގައިދިން ހުރަހަކުން ސަލާހު ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ ސަޑީއޯ މާނޭ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން އަށް ވަަނަ މިނިޓްގައި މާނޭ ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ 20 ސިކުންތު ތެރޭގައި ޑެނިއަލް ސްޓަރިޖް އެވެ.

ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނައި ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ހުރި ގޯލަށް ވެސްޓް ހޭމް ކުޅުންތެރިންނަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާނުލެވެ އެވެ. މާކޯ އާނަައުޓޮވިޗް ޖެހި ދެ ބޯޅަ ވެސް ދިޔައީ ގޯލާސީދާނުވެ އެވެ.

މިއީ ލިވަޕޫލުން ލީގުގެ ތާރީހުގައި ހޯދި 500 ވަނަ މޮޅެވެ. ލިވަޕޫލަކީ މި ފަހަރުގެ ސީޒަނަށް އެންމެ ބޮޑު ހަރަދުކޮށްގެން ތައްޔާރުވި ޓީމެވެ.