ޝާހްރުކާއި ދީޕިކާ އަނެއްކާވެސް އެއް ފިލްމަކުން
ޝާހްރުކާއި ދީޕިކާ އަނެއްކާވެސް އެއް ފިލްމަކުން

ޝާހްރުކް ޚާނާއި ދީޕިކާ ޕަދުކޯން މިހާތަނަށް އެކުގައި ތިން ފިލްމެއް ކުޅެފައިވެ އެވެ. "އޯމް ޝާންތީ އޯމް" އާއި "ޗެންނައި އެކްސްޕްރެސް" އަދި "ހެޕީ ނިއު އިޔާ" އެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މި ދެ ތަރިން އެކުގައި ކުޅޭ ހަތަރު ވަނަ ފިލްމެއް އިއުލާން ކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ އާނަންދް އެލް.ރާއީގެ ފިލްމެކެވެ. މި ފިލްމަށް އަދި ނަމެއް ހަމައެއް ނުޖައްސަ އެވެ.

ހިންދުސްތާން ޓައިމްސްއަށް މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައި މި ފިލްމު ކުޅެދޭން ދީޕިކާ މިހާރު ވަނީ ގާތްގަނޑަކަށް އެއްބަސްވެފަ އެވެ. މި ފިލްމުގައި ޝާހްރުކް ކުޅެނީ ޑްވޯފް ނުވަތަ ކުރު މީހެއްގެ ރޯލުކަމަށް ތަންކޮޅެއް ކުރިން އަޑު ފެތުރިފައިވެ އެވެ. ނަމަވެސް އާނަންދް ރާއީ ބުނެފައިވާ ގޮތުގައި މިއީ ލަވަޔާއި ނެށުންތައް ހިމެނޭ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައަކަށް އުފައްދާ ފިލްމެކެވެ.

މި ފިލްމުގެ ބަތަލާއަކަށް ކެޓުރީނާ ކައިފް ހަމަޖެހިފައިވާ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް މައުލޫމާތު ދިން މީހާ ބުނެފައި ވަނީ ބަތަލާއަކަށް ހަމަޖެހިފައިވަނީ ދީޕިކާ ކަމަށެވެ.

މި ފިލްމުގެ ޑައިރެކްޓަރު ރާއީ މީގެ ކުރިން ވަނީ ކަންގަނާ ރަނާވަތާ އެކު ދެ ފިލްމެއްގައި މަސައްކަތް ކޮށްފަ އެވެ. އެއީ "ތަނޫ ވެޑްސް މަނޫ" އާއި އޭގެ ދެ ވަނަ ބައިގަ އެވެ. ނަމަވެސް މިފަހަރުގެ ފިލްމު ކަންގަނާގެ އެންމެ ބޮޑު ވާދަވެރިޔާއަށް ދޭން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ދާދިފަހުން ބޭއްވި "ހެޕީ ބާގް ޖާއޭގާ" ގެ ތްރެއިލާ ލޯންޗުކުރުމުގެ އިވެންޓުގައި އާނަންދް ރާއީ ބުނެފައި ވަނީ ޝާހްރުކާ އެކު ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށަން އުޅޭ ކަމަށާއި ނަމަވެސް ބަތަލާ އަކު އަދި ނުނިންމާ ކަމަށެވެ. ކުރަމުން އަންނަނީ އެ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކަމަށާއި ސްކްރިޕްޓް ވެސް ލިޔަނީ އަމިއްލައަށް ކަމަށް ޑައިރެކްޓަރު ބުނެފައިވެ އެވެ.