13 އޯގަސްޓް 2018 - 07:32

މިހާރު ތި އަދާ ކުރާ ވަޒީފާ ދޫކޮށްލަން އުޅޭ ނަމަ، މި ވަފީޒާއާ ދޭތެރޭ ސީރިސްކޮށް ވިސްނައިލުން ރަނގަޅެވެ. ދާން ޖެހެނީ ގްރީސްގެ ހިތްގައިމު ރަށެއް ކަަމަށްވާ ސައިރޯސްއަށެވެ. ވަޒީފާއަކީ އެ ރަށުގައި ގެންގުޅޭ 55 ބުޅާ ބެލެހެއްޓުމުގެ ޒިންމާތަކާ ހަވާލުވުމެވެ.
ޝައުގުވެރިކަން ހުރި ނަމަ މި ވަޒީފާ އަށް ކުރިމަތިލާންވީ އެވެ. ޝަރުތުތަކުގެ ތެރޭގައި ބުޅާ ދެކެ ލޯބިވާ މީހަކަށްވުމާއި ބުޅާތައް ބަލިވެއްޖެ ނަމަ، ފަރުވާ ދޭން ތަޖުރިބާ ވެސް ކޮންމެވެސް ވަރަކަށް ހުރުމާއި ކާރު ދުއްވަން އެނގުން ހިމެނެ އެވެ.
މި ވަޒީފާ އަށް ކުރިމަތިލާ މީހަކަށް ރަނގަޅު މުސާރައެއް ލިބުމުގެ އިތުރަށް، އުޅޭނެ ހިތްގައިމު ގެއެއް، އަސާސީ ހުރިހާ ހިދުމަތަކާ އެކު ހިލޭ ލިބޭނެ އެވެ. ގެއަކީ ހިތްގައިމު ސީވިއުއަކާއި ބަގީޗާއެއް ވެސް އޮންނަ ގެއެކެވެ.
ގްރީސްގެ ސައިރޯސްގައި ބުޅާތަކަށް ލޯބި ދީގެން ބަލަހައްޓަން ޝައުގުވެރިވާ މީހަކަށް ވަޒީފާގެ ފުރުސަތެއް ހުޅުވައިލީ "ގޯޑްސް ލިޓްލް ޕީޕަލް ކެޓް ރެސްކިއު" ކިޔާ ޖަމާއަތަކުންނެވެ.
އެ މީހުންގެ ފޭސްބުކް ޕޭޖްގައި މިކަން ހިއްސާ ކުރުމާ އެކު، ވަރަށް ގިނަ ބަޔަކު މިހާތަނަށް ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވެ އެވެ.
"ގޯޑްސް ލިޓްލް ޕީޕަލް ކެޓް ރެސްކިއު" ޓީމުން ބުނީ ވަޒީފާ އަށް ހޮވޭ މީހަކު މަސައްކަތް ކުރަން ޖެހޭ މުއްދަތަކީ ހަ މަސް ކަމަށެވެ. އެކަމަކު ވަޒީފާއާ ރަސްމީކޮށް ހަވާލުމުގެ ކުރިން އެ މީހެއްގެ ހުރި ފެންވަރު ދައްކައިލަން މަސް ދުވަހަށް ވޮލަންޓިއާކޮށް މަސައްކަތްކޮށް ދޭން ޖެހޭނެ އެވެ. ބޭނުމަކީ އެ މީހަކީ ބުޅާތައް ވެސް ގަޔާވާ ކަހަލަ މީހަކަށްވޭތޯ ބެލުމެވެ.
"ގޯޑްސް ލިޓްލް ޕީޕަލް ކެޓް ރެސްކިއު" އިން ބުނި ގޮތުގައި ބުޅާތައް ބެލެހެއްޓުމުގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ އެވެ. ކުރަންވީ ކަމަކީ ވީހާ ވެސް އަވަހަކަށް އެޕްލައިކޮށްލުމެވެ.