ވޯޓު ފޮއްޓާއި ވޯޓިން ބޫތު ރަށްރަށަށް ފޮނުވައިފި
ވޯޓު ފޮއްޓާއި ވޯޓިން ބޫތު ރަށްރަށަށް ފޮނުވައިފި

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަށް ވޯޓު ފޮއްޓާއި ވޯޓިން ބޫތު އިލެކްޝަންސް ކޮމިޝަނުން ރަށްރަށަށް ފޮނުވައިފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވޯޓު ފޮއްޓާއި ވޯޓިން ބޫތު މިހާރު ފޮނުވާފައިވާ ކަމަށެެވެ. ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް އާއްމުކުރުމާ އެކު، ރިސޯޓުތަކަށާއި ވޯޓު ލުން ކުރިއަށް ގެންދާ ގައުމުތަކަށް ވޯޓު ފޮށި ފޮނުވަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓުތަކާއި ގައުމުތައް ފައިނަލް ވާނީ ރީ-ރަޖިސްޓްރޭޝަނަށް ފަހު ފައިނަލް ލިސްޓް އާއްމު ކުރުމުން،" އަކްރަމް ވިދާޅުވި އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި 491 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި 43 ރިސޯޓާއި ރާއްޖެ އިން ބޭރުގެ ހަތަރު ގައުމެއް ވެސް ހިމެނެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހަކަށް ލިބެ އެވެ.