ކުރި މަސައްކަތް ފެނަށް! ފަޒީލަށް ފުރުސަތު ނުލިބުނީ ކީއްވެ؟
ކުރި މަސައްކަތް ފެނަށް! ފަޒީލަށް ފުރުސަތު ނުލިބުނީ ކީއްވެ؟

މީގެ ތިން އަހަރު ކުރިން ދުވުމުގެ ތެރެއަށް ވަދެ ބޮޑެތި ކުރިއެރުންތަކެއް ހޯދައި އެތައް ރެކޯޑްތަކެއްގެ މިލްކުވެރިކަން ހޯދި ހުސެއިން ފަޒީލް ހާރޫން މި އަހަރުގެ ކުރީކޮޅުން ފެށިގެން ބުނަމުން އެންމެ ބޮޑު އަމާޒަކީ އޭޝިއަން ގޭމްސް ކަމަށެވެ. އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގައި މޮރޮކޯގައި ތަމްރީން ހަދަމުން އައި ދުވުންތެރިއާ އެ ގޭމްސްގައި ތަފާތުތަކެއް ދައްކާނެ ކަމަށް އުއްމީދުކުރެވުނެވެ. އެކަމަކު ގޭމްސް އަށް އެތުލެޓިކްސް އެސޯސިއޭޝަނުން އެކުލަވާލި ސްކޮޑުން އޭނާ އަށް ފުރުސަތެއް ނުލިބުނެވެ.

ކުރި މަސައްކަތް ފެނަށް! ފަޒީލަށް ފުރުސަތު ނުލިބުނީ ކީއްވެ؟
ކުރި މަސައްކަތް ފެނަށް! ފަޒީލަށް ފުރުސަތު ނުލިބުނީ ކީއްވެ؟

މިއީ ފަޒީލަށް ލިބުނު މާޔޫސްކަމެއްގެ އިތުރުން ވަރަށް ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ. އެސޯސިއޭޝަނުން ބުނަނީ އޭނާ އަށް ފުރުސަތު ގެއްލުނީ ޖޫން މަހު ބޭއްވި ޓައިމް ޓްރަޔަލްގައި ބައިވެރިނުވުމުން ކަމަށެވެ. އެކަމަކު ފަޒީލް ބުނީ އެ ޓްރަޔަލްގައި ބައިވެރިނުވީ ސަބަބުތަކެއް ހުރެގެން ކަމަށާއި އޭގެ ކުރިން ވެސް އަދި ފަހުން ވެސް އޭނާ ނެރެމުން އައި ނަތީޖާތަކާ އެކު، ގޭމްސް އިން ފުރުސަތު ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރަ ކަމަށެވެ.

ކުރި މަސައްކަތް ފެނަށް! ފަޒީލަށް ފުރުސަތު ނުލިބުނީ ކީއްވެ؟
ކުރި މަސައްކަތް ފެނަށް! ފަޒީލަށް ފުރުސަތު ނުލިބުނީ ކީއްވެ؟

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް "މިހާރަ"ށް ވިދާޅުވީ ޖޫން 23 އަދި 24 ގައި ސިލެކްޝަން ޓްރަޔަލް ޖަހަން ޖެހޭނެކަމާއި ނުޖަހައިފި ނަމަ ގޭމްސް އިން ފުރުސަތު ނުލިބޭނެކަން އަންގާފައިވާނެ ކަމަށެވެ.

"ރާއްޖޭން ބޭރުގައި ތަމްރީން ހަދަމުން ދިޔަ ދުވުންތެރިންނަށް ވެސް ޓްރަޔަލް ހުޅުވާލާފައި އޮތީ. އަޅުގަނޑުމެން ކުރީބައިގައި އަންގާފައިވާނެ،" ތޮލާލް ވިދާޅުވި އެވެ.

އެ ޓްރަޔަލް މާލޭގައި ބޭއްވި ނަމަވެސް ރާއްޖޭން ބޭރުގައި ތަމްރީން ހަދަމުން އައި ދުވުންތެރިންނަށް އެ ތިބި ތަނެއްގައި ޓްރަޔަލް ޖެހުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު ފަޒީލް ބުނީ އޭޕްރިލް މަހު އޭނާ ދުވެ އެސޯސިއޭޝަނަށް ނަތީޖާ ފޮނުވާފައިވާނެ ކަމަށާއި އަދި މިދިޔަ ހަފުތާގައި ވެސް ފައިނަލް ޓްރަޔަލެއް ޝެޑިއުލްކޮށްފައި އޮތް ކަމަށެވެ.

"އަޅުގަނޑު ބުނިން ޖޫން މަހު ޓްރަޔަލް ޖަހަންޏާ އަނެއްކާ ޓްރަޔަލަށް ސީދާ ތައްޔާރުވާން ޖެހި ތަމްރީންތަކަށް އަސަރުކުރާނެ ކަމަށް. އޭރު މާލެ އަންނަން މިއޮތީ އެންމެ މަހެއް. ޓްރަޔަލް ޖަހަންޏާ މިޖެހެނީ ޒީރޯ އެލްޓިޓިއުޓް ހުންނަ ތަނަކަށް ދާން. އަނެއްކާ އޭގެ ކުރިން އޭޕްރިލް މަހު އަޅުގަނޑު ދުވެ ޓައިމިން ފޮނުވާފައި އޮންނާނީ ވެސް،" 5000 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމަށް ތަމްރީން ހަދަމުން އައި ފަޒީލް ބުންޏެވެ.

އޭނާ ބުނީ ހުރިހާ އެތުލީޓުންގެ ނަން ވެސް ގޭމްސް އަށް ރަޖިސްޓްރީކޮށްފައި އޮންނައިރު، މިދިޔަ ހަފުތާގައި ބޭއްވި ޓްރަޔަލް އިން ފާސްވެގެން ވެސް ގޭމްސް އަށް ފޮނުވުމުގެ ފުރުސަތު އެސޯސިއޭޝަނަށް އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޭނާ މިދިޔަ ހަފުތާގައި މާލޭގައި ޖެހި ޓްރަޔަލްގައި 5000 މީޓަރު ރޭސް ވަނީ ހޭންޑް ޓައިމުން 15:49 މިނެޓުން ދުވެފަ އެވެ. އެސޯސިއޭޝަން ދީފައިވާ އެންމެ ދަށް މިންގަނޑަކީ 16 މިނެޓެވެ.

"މީގެ ކުރިން ވެސް އެބަހުރި ފައިނަލް ޓްރަޔަލުން ފާސްވެގެން މުބާރާތްތަކަށް ފޮނުވާފައި. އެހެންވެ ޖޫން މަހުގެ ޓްރަޔަލް ނުދުވެގެން ފުރުސަތު ގެއްލުނީއޭ ބުނި ބުނުން ގަބޫލެއް ނުކުރެވޭ،" ފަޒީލް ބުންޏެވެ.

ދުވުމުގެ ތެރެއަށް 2015 ވަނަ އަހަރު ނުކުތް ފަޒީލަކީ 2016 ވަނަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި ވިދާލި ދުވުންތެރިއެކެވެ. އެ މުބާރާތުގެ 5000 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދި ދުވުންތެރިއާ އިތުރު ހަރުފަތަކަށް އަރަން ފުރުސަތު ލިބުނީ އޮލިމްޕިކް ކޮމިޓީން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާ މޮރޮކޯ އަށް ފޮނުވުމުންނެވެ.

އެ ތަމްރީންތަކާ އެކު ފަޒީލް ވަނީ 10 ކިލޯމީޓަރުގެ ރެކޯޑް ވެސް ވަރަށް ބޮޑު ކުރިއެރުމަކާ އެކު މި އަހަރުގެ ފެބްރުއަރީ މަހު އާކޮށްފަ އެވެ. އޭނާ މިދިޔަ އަހަރުގެ މާޗު މަހު 33:47 މިނެޓުން ދުވެގެން ހެދި ރެކޯޑް އާކުރީ މޮރޮކޯގެ މެކްނެސްގައި ބޭއްވި ސެމީ މެރެތަން އިންޓަނޭޝަނަލްގައި 31:48 މިނެޓުން ދުވެގެންނެވެ.

ސިފައިންގޭގައި މަސައްކަތްކުރާ ފަޒީލް އަތުން މިދިޔަ ނޮވެމްބަރު މަހު ގެއްލުނު ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް އޭނާ ވަނީ މާޗު މަހު މޮރޮކޯގައި ބޭއްވި ރޭހެއްގައި 15:50 މިނެޓުން ދުވެގެން މުގުރާލައިފަ އެވެ. ޝިފާޒުގެ ކުރިން އެ ރެކޯޑް ފަޒީލް އަތުގައި އޮތީ 2016 ވަނަ އަހަރުގެ ހަމަ އެ ރޭހުގައި 16:31 މިނެޓުން ދުވެގެންނެވެ. އެ ފަހަރު އޭނާ އެ އިވެންޓުން ރެކޯޑް މުގުރާލީ 27 އަހަރަށް ފަހު އެވެ.

އެ އިވެންޓަށް ފަހު "މިހާރަ"ށް ވާހަކަދައްކަމުން އޭނާ ބުނީ "އެންމެ ފުރަތަމަ ދުވަހު ވެސް، މިއަދު މިހިރީ ހަމަ އެ ހިތްވަރުގައި" ކަމަށާއި "އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހޭނެ" ކަމަށެވެ.

"ހުރިހާ ވިސްނުމެއް މިހިރީ އޭޝިއަން ގޭމްސް އަށް މި ވަގުތު. އިރާދަކުރެވިއްޔާ އަމާޒަށް ވާސިލްވާނަން،" ފަޒީލް މިދިޔަ މާޗު މަހު ބުނެފައިވެ އެވެ. "މި ރެކޯޑް ގާއިމްކުރެވުމަކީ އަޅުގަނޑަށް އަމާޒަށް ވާސިލްވާން ކުރާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކާމިޔާބެއް އަދި ހިތްވަރެއް."

އޭނާ ކަނޑައެޅި ޓާގެޓަކީ ފަސް ކިލޯމީޓަރުގެ ޓްރެކް އިވެންޓް ކަމަށްވާ 5000 މީޓަރު ދުވުމުން އިވެންޓުގެ ގަދަ ފަހެއްގައި ހިމެނުނުން ނުވަތަ 15 މިނެޓަށް ވުރެ އަވަހަށް ރޭސް ނިންމުމެވެ.

"އެ އަމާޒަށް ވާސިލްވާން ފުރުސަތު ނުލިބުމުން ވަރަށް ދެރަވެފައި މިހިރީ،" ފަޒީލް ބުންޏެވެ. "ރާއްޖޭން ބޭރުގައި މިދިޔަ އަށެއްކަ މަސް ހޭދަ މިކުރީ ވަރަށް ބޮޑު ގުރުބާނީއެއްވެގެން. އާއިލާއާ ދުރުގައި އަޅުގަނޑު މި ދުވަސްތައް މި ހޭދަކުރީ ހަމަ މި އަމާޒަށް ވާސިލްވުމަށް. އަނެއްކޮޅުން އޮފީހުން ވެސް ވަރަށް ބޮޑު ގުރުބާނީއެއް ވެގެން އަޅުގަނޑު ފޮނުވީ ބޭރަށް."

އެތުލީތުން ރާއްޖޭން ބޭރަށް ތަމްރީނަށް ފޮނުވަން ފެށީ އޮލިމްޕިކް ކޮމިޓީން 2011 ވަނަ އަހަރު ކުރެހި ޕްލޭނެއްގެ ދަށުންނެވެ. އެގޮތުން ފޮނުވި އެތުލީޓުންގެ ތެރެއިން ބާރު ދުވުންތެރިއާ ހަސަން ސާއިދު ވަނީ ރަން މެޑަލް ގެނެސްދީފަ އެވެ. އެ ފުރުސަތުދޭ އެތުލީޓުންގެ ބޭނުން އެސޯސިއޭޝަންތަކުން ނުހިފާ ނަމަ އެކަމުގެ ފަހަތުގައި އޮތީ ކޮން ސަބަބުތަކެއްތޯ ބެލުމަކީ އެ ކޮމިޓީގެ ޒިންމާއެއް ކަމަށް ބައެއް އެތުލީޓުން ގަބޫލުކުރެ އެވެ. އަމުދުން އޮލިމްޕިކް ކޮމިޓީގެ ކުޑައިގެ ދަށުގައި އޮންނަ އޭޝިއަން ގޭމްސް ފަދަ މުބަރާތްތަކުގަ އެވެ.

އެކަމާ ބެހޭގޮތުން ސުވާލުކުރުމުން އެ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ ޓީމު ސިލެކްޝަނަކީ އެސޯސިއޭޝަނުގެ މަސައްކަތެއް ކަމަށާއި އެކަމަށް ކޮމިޓީން ބަސް ނުކިޔާނެ ކަމަށެވެ.

"އަޅުގަނޑުމެން އެތުލީޓުން ތަމްރީން ހެދުމަށް ސްކޮލަޝިޕްތައް މި ހޯދައިދެނީ. އެކަމަކު ޓީމު ނަގާނީ އެސޯސިއޭޝަނުން. އެކަމާ އަޅުގަނޑުމެން ނުބެހޭނަން،" މަރޭ ވިދާޅުވި އެވެ.

އެސޯސިއޭޝަނުން ވަނީ ރޭ ފަޒީލާ ބައްދަލުކޮށް އޭނާ އަށް ފުރުސަތު ނެތްކަން ރަސްމީކޮށް އަންފައިފަ އެވެ. ކުރިމަގުގައި އޮންނަ މުބާރަތްތަކުގެ ފުރުސަތު ހުޅުވިފައި އޮތްކަން ވެސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު ފަޒީލް ބުނީ އާއިލާ އާއި ގައުމާ ދުރުގައި އަށެއްކަ މަސް ދުވަހު ބުރަ މަސައްކަތްކުރީ މި މުބާރާތަށް އަމާޒުކޮށްގެން ކަމަށާއި ކުރިމަގުގެ މުބާރާތްތަކީ އަދި އެހެން ވާހަކައެއް ކަމަށެވެ. އެހެންވިޔަސް އޭނާ ބުނީ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"އަޅުގަނޑަކީ ސިފައިންގެ މީހެއް. އަޅުގަނޑުގެ ދުވުމުގެ ކެރިއަރު ފެށުނީ ވެސް މިލިޓަރީގެ ހަޔާތުގެ ތެރެއިން. އެހެންވީމާ އަޒުމެއް ދުލެއް ނުކުރާނަން. ދެން ވެސް މީގެ ޑަބަލް މަސައްކަތްކުރާނަން،" އޭނާ ބުންޏެވެ.