ލޯންޗް ދުއްވާ މީހުންނަށް އެލިއާ އިން ހިންގި ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
ލޯންޗް ދުއްވާ މީހުންނަށް އެލިއާ އިން ހިންގި ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

އެލިއާ އިންވެސްޓްމަންޓްސް އާއި މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ލޯންޗްފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް ހިންގި ޓްރެއިނިންގް ޕްރޮގްރާމް ނިންމާލައިފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ އެ ޓްރެއިނިންގް ޕްރޮގްރާމަކީ ލޯންޗްފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށްގެން އެލިއާ އިން ހިންގި ޕްރޮގްރާމެކެވެ.

އެ ކުންފުނިން ބުނީ އެ ޕްރޮގްރާމުގައި، އަމަލީ ގޮތުން ކަންކަން ކުރާނެ ގޮތުގެ ހުނަރާއި ފަންނީ ގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވާނެ ކަމަށެވެ. އޭގެ އިތުރުން ފަސްޓް އެއިޑް ދޭނެ ގޮތުގެ މައުލޫމާތާއި ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން ސަލާމަތްވާނެ ގޮތްތަކުގެ ހުނަރު ބައިވެރިންނަށް ކިޔައި ދިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ހަމަ އެހެންމެ ތިމާވެށި ރައްކާތެރި ކުރުމުގެ މުހިއްމުކަމާއި ކުއްލި ހާލަތްތަކުގައި ދިމާވެދާނެ ކަންކަމުން ސަލާމަތްވާނެ ގޮތުގެ މައުލޫމާތު ހިއްސާކުރެވި މެރިޓައިމް ގަވާއިދުތަކަށް ކެޕްޓަނުން އަހުލުވެރި ކުރެވިފައިވާނެ،" އެލިއާ އިން ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށި ޓްރެއިނިން ޕްރޮގަރާމްގައި އެކި އެކި ރިސޯޓްތަކުންނާއި ކަނޑު އުޅަނދުފަހަރު ގެންގުޅޭ އެކިއެކި ކުންފުނިތަކާއި ސަރުކާރުގެ ބައެއް އިދާރާތަކުން 44 މީހުން ބައިވެރިވެފައިވެ އެވެ.

މިއީ އެލިއާއިން މި ޓްރެއިނިންގް ޕްރޮގޮރާމް ހިންގި ފަސް ވަނަ އަހަރެވެ. އަދި އަންނަ އަހަރު ވެސް އާ ބައިވެރިންނާއެކު މި ޓްރެއިންނިންގް ޕޮރޮގްރާމް ކުރިއަށް ގެނެދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.