12 އޯގަސްޓް 2018 - 13:43

ތެލް އަވީވް (އޮގަސްޓް 12) - އިޒްރޭލަކީ ޔަހޫދީ ދައުލަތެއް ކަމަށް ފާސްކޮށްފައިވާ ބިލާ ދެކޮޅު ހެދުމުގެ ގޮތުން ތެލް އަވީވްގައި އެތައް ހާސް ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.
އިޒްރޭލުން މިދިޔަ މަހު ފާސްކުރި ބިލާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި އިޒްރޭލުގައި ދިރިއުޅޭ ޔަހޫދީން ނޫން މީހުން ދެން ވާނީ ދެ ވަނަ ދަރަޖައިގެ ރައްޔިތުންނަށެވެ. އަދި މީގެ އިތުރުން އިޒްރޭލުގައި ދިރިއުޅޭ 1.8 މިލިއަން އަރަބިން ވަނީ ބާކީވެފަ އެވެ.
ތެލް އަވީވްގައި އިހްތިޖާޖަށް ނުކުތް މީހުން ވަނީ އެ ގާނޫނު އުވާލުމަށް ގޮވާލައިފަ އެވެ. އިހްތިޖާޖް ކުރި މީހުންގެ ތެރޭގައި ޔަހޫދީންނާއި އަރަބިން ވެސް ހިމެނެ އެވެ.
"މިއީ ވަރަށް އާދަޔާޚިލާފު ކަމެއް. މިއީ ޔަހޫދީންނާއި އަރަބިން އެއް މައްސަލައެއްގައި އެކައްޗެއް ކީ ފުރަތަމަ ފަހަރު. މިއީ ޑިމޮކްރެސީ އާއި ހަމަހަމަ ކަމަށް ލޯބިކުރާ މީހުންނަށް ބޮޑު ދުވަހެއް،" މުޒާހަރާގައި ބައިވެރިވި މީހަކު ބުންޏެވެ.
ޔަހޫދީއަކު ބުނި ގޮތުގައި އިޒްރޭލުގައި ދިރިއުޅޭ އެންމެން ގާނޫނުން ހަމަހަމަ ވާން ޖެހޭނެ އެވެ.
"ޔަހޫދީ ގައުމުގެ ދައުލަތުގެ" ނަމުގައި ފާސްކުރި ބިލުގައި އަރަބި ބަހުގެ ބަދަލުގައި އިޒްރޭލުގެ ރަސްމީ ބަހަކީ ހިބްރޫ ކަމަށް ބުނެފައިވެ އެވެ. ބިލުގައި ކަނޑައަޅާފައިވާ ގޮތުން އިޒްރޭލުގެ ވެރިރަށަކަށް ވާނީ ގުދުސް އެވެ. އަދި ޔަހޫދީ އާބާދީތައް އިތުރު ކުރުމަކީ ގައުމީ މަސްލަހަތުގައި ކުރާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.
އިޒްރޭލްގެ ނުވަ މިލިއަން މީހުންގެ ތެރޭގައި ފަލަސްތީނަށް ނިސްބަތްވާ އަރަބި އިޒްރޭލްގެ އާބާދީ އަކީ 20 ޕަސެންޓެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންދަވަނީ ޖުލައި 19 ވަނަ ދުވަހު ފާސްކުރި ބިލް ދިފާއު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.