12 އޯގަސްޓް 2018 - 13:22

އާބާދީ މަދު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން މަޖުބޫރު ނުކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ގާތްގަނޑަކަށް 400 އެއްހާ މީހުން ދިރިއުޅޭ ހިރިމަރަދޫގައި ހުންނަވައި އިބޫ ވިދާޅުވީ މި ރަށުގެ 18 އަހަރުން މަތީ މީހުންގެ ތެރެއިން 200 އެއްހާ މީހުން ރަށުން ފައިބަން ޕެޓިޝަނެއް ހަދާފައި ވިޔަސް މަޖުބޫރުން އެކަން ނުކުރައްވާނެ ކަމަށެވެ.

ޖަޒީރާ ކޮންސެޕްޓަށް ރަށްތައް ތަރައްގީ ކުރާއިރު އާބާދީ މަދު ރަށެއް ނަމަވެސް ހިދުމަތް ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
މިދަތުރުގައި ފުރަތަމަ ވަޑައިގެންނެވި ނޮޅިވަރަންފަރުގައި ވާހަކަ ދައްކަވަމުން އިބޫ ވަނީ ގިނަ ކަންތައްތަކެއް އެރަށަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
އިބޫ ވިދާޅުވީ މާލޭގައި ކުނިކަހާ މީހަކަށް 7،000 ރުފިޔާގެ މުސާރައެއް ލިބޭއިރު ރަށްރަށުގައި އެ މަސައްކަތް ކުރާ މީހަކަށް ލިބެނީ 500 ރުފިޔާގެ މުސާރައެއް ކަމަށެވެ. އެހެންކަމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދާތީ އެކަން ހައްލުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"ރަށް ކުނިކަހާ ބޭފުޅުންނަށް ރަނގަޅު އުޖޫރައެއް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނަން. އެގޮތުން ކުނި ކަހާ މީހުންގެ ބަޖެޓް ބޮޑުކޮށްދޭނަން،" ރުއްތަކަކުން ހިޔާވެފައި އޮތް ސަރަހައްދެއްގައި ބޭއްވި ހަފްލާގައި އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނޮޅިވަރަންފަރުގައި ނަރުދަމާލުމާއި ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ކޯލިޝަންގެ ސަރުކާރެއްގައި އެ މަސައްކަތްތަކަށް ހުއްޓުމެއް ނުގެނެސް ކުރިއަށް ގެންދާނެ އެވެ. އަދި އެ ޕްރޮޖެކްޓްތަކާ އެކު މިރަށުގައި ފެނުގެ ނިޒާމު ގާއިމްކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހދ. މައިވާދު އާއި ކުބުނރުދޫ އަދި ފަރިދޫ މީހުން ނޮޅިވަރަންފަރަށް ބަދަލުކޮށްފައި ވިޔަސް ބޯހިޔާވަހިކަމުގެ ދަތިކަން ރަށުގައި ބޮޑު ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ ހުރިހާ އާއިލާތަކަށް ގެދޮރު ލިބިފައިނުވުމުގެ މައްސަލަ އެވެ.
އިބޫ ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި މި ރަށުގައި އަޅަން ފަށާފައިވާ 160 ހައުސިން ޔުނިޓްގެ މަސައްކަތް އަދިވެސް ނިމިފައިނުވާ ކަމަށެވެ. ނަމަވެސް އޭނާގެ ވެރިކަމެއްގައި އެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވި އެވެ.
ކޯލިޝަންގެ އިސް ބޭފުޅުންނާ އެކު އިބޫ ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ވަޑައިގަންނަވާނެ އެވެ. އޭނާއަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ އެވެ.