12 އޯގަސްޓް 2018 - 12:27

ކެރެލާ (އޮގަސްޓް 12) - އިންޑިއާގެ ދެކުނުގެ ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 37 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.

ކެރާލާގެ 14 އަވަށުގެ ތެރޭން ދެބައިކުޅަ އެއްބައި އަވަށް އިއްޔެ އޮތީ ކުއްލި ހާލަތުގަ އެވެ. ބިންގަނޑު ތިރި ހިސާބުތަކުން ވަނީ 30،000 އަށް ވުރެ ގިނަ މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ވަނީ 1،031 ހެކްޓަރު (2547 އޭކަރު) ގެ ދަނޑުބިން ހަލާކުވެފަ އެވެ.

ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔި ވިޖަޔަން އިއްޔެ ވަނީ ފެންބޮޑުވުމުގައި ގެއްލުން ލިބުނު ހިސާބަށް ޒިޔަރާތް ކުރައްވައި އެހީ ދިނުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ.
އިންޑިއާގެ މޫސުމާ ބެހޭ އެޖެންސީން ލަފާކުރަނީ މި މަހު 15އާ ހަމައަށް ވިއްސާ ދިގުލައިގެންދާނެ ކަމަށެވެ. އަރަބި ކަނޑަށް މަހަށް ނުނިކުތުމަށް މަސްވެރިންނަށް ވަނީ އިރުޝާދު ދީފަ އެވެ.
އިންޑިއާގެ ވިއްސާރަ މޫސުން ޖޫން މަހުން ސެޕްޓެމްބަރަށް ދެމިގެންދެ އެވެ.