"މެޕަލް ޓްރެވަލް އެންޑް ލީސިން" އިން އަގުހެޔޮ ޓްރެވެލް ޕެކޭޖްތަކެއް ދެނީ
"މެޕަލް ޓްރެވަލް އެންޑް ލީސިން" އިން އަގުހެޔޮ ޓްރެވެލް ޕެކޭޖްތަކެއް ދެނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުގެ އިތުރުން ރާއްޖޭން ބޭރަށް ދިޔުމަށް ޓްރެވެލް ޕެކޭޖްތައް ހަދައިދިނުމަށް އުފެއްދި ޓްރެވެލް އެޖެންސީ، "މެޕަލް ޓްރެވަލް އެންޑް ލީސިންގް" އިއްޔެ އިފްތިތާހް ކޮށްފި އެވެ.

ރަސްރަނި ބަގީޗާގައި ކުޑަކުދިންގެ ހަވީރަކާ އެކު މެޕަލް ޓްރެވަލް އިފްތިތާހް ކުރި އިރު، ވަރަށް ގިނަ ބަޔަކު އެ ތަނަށް ޒިޔާރަތް ކުރި އެވެ. އެ ގޮތުން ރޮބޯމޭންގެ އެކި ހަރަކާތްތައް ފެނިގެން ދިޔަ އިރު، ލައިޓް ބްރޯސް މޯލްޑިވްސް އާއި ކޫކިއޯ މޯލްޑިވްސްގެ ސްޓޯލްތައް ހުއްޓެވެ.

މެޕަލް ޓްރެވަލްގެ ފަރާތުން އެ އޭޖެންސީގެ އެސިސްޓެންޓް މެނޭޖަރު ފާތުމަތު ސަމާހަތު ވިދާޅުވީ މެޕަލް ޓްރެވަލް އަކީ ރިސޯޓްތަކަށާއި ގެސްޓްހައުސްތަށާއި ރާއްޖޭން ބޭރުގެ ދަތުރުތަކަށް ޓްރެވެލް ޕެކޭޖްތައް ހަދައިދިނުމަށް އެހީވެދޭ އޭޖެންސީއެއް ކަމަށެވެ. އޭގެ އިތުރުން ޝޮފިން ޕެކޭޖްތައް ވެސް ހިމެނޭ ކަމަށް ސަމާހަތު ވިދާޅުވި އެވެ.

މިހާރު ހަމައެކަނި އެއާ ޓިކެޓާއި އެކަމޮޑޭޝަން ހަމަޖައްސައިދޭ އިރު، ދަތުރުތައް ހިމަނައިގެން ގިނަ ޕެކޭޖްތަކެއް ކުރިމަގުގައި ތައާރަފް ކުރާނެ ކަމަށް ސަމާހަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެޕަލް ޓްރެވެލްގެ ޕޭސްބުކް ޕޭޖް މެދުވެރިކޮށް މިހާރު ވެސް އެކަމޮޑޭޝަން ހަމަޖެއްސޭނެ އެވެ. އަދި ކަސްޓަމަރުންނަށް އިތުރަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އެ ތަނުގެ ވެބްސައިޓް ލޯންޗްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ސަމާހަތު ވިދާޅުވި އެވެ.