12 އޯގަސްޓް 2018 - 10:53

ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗް ހޯދުމުގެ މަސައްކަތުގައި އިންޓަ މިލާނުން ހަތިޔާރު ބަހައްޓަން އުޅޭ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ދީފި އެވެ.
ސްޕެލެއްޓީ ބުނީ ވާނެ ގޮތެއް ބުނަން ނޭގޭ ކަމަށާއި އެކަމަކު މޮޑްރިޗް ފަދަ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި ކުޅުންތެރިއަކު އިންޓައާ ގުޅެން ބޭނުންވި ވުމަކީ ވެސް ފުދޭ ކަމެއް ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި އެ ފެންވަރުގެ ކުޅުންތެރިން ހޯދުމަކީ އުނދަގޫ ކަމެއް،" އޭނާ ބުންޏެވެ. "އަހަންނަށް ހީނުވޭ އޭނާ އަންނާނެހެން. ސަބަބަކީ ރެއާލް މެޑްރިޑަށް އޭނާ ފަދަ ހުނަރުވެރި ކުޅުންތެރިން ވަރަށް މުހިއްމު. އަހަރެމެންނަކީ ވަރުގަދަ ޓީމެއް މޮޑްރިޗް ނެތަސް. އެކަމަކު އޭނާ އަތުވެއްޖެ ނަމަ ވަރަށް ވަރުގަދަވާނެ."
އިޓަލީގެ މީޑިއާ އިން ބުނަނީ މޮޑްރިޗް އަންނަނީ ކްލަބް ދޫކޮށްލަން ބާރު އަޅަމުން ކަމަށެވެ. އެކަމަކު ސްޕެއިނުގެ ނޫސްވެރިން ބުނާ ގޮތުގައި މޮޑްރިޗް ވަރަށް އަވަހަށް އާ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ. މޮޑްރިޗަށް މިހާރު 7.5 މިލިއަން ޔޫރޯ ލިބެ އެވެ. އިންޓަ އިން ހުށަހަޅަނީ 11 މިލިއަން ޔޫރޯ އެވެ. މޮޑްރިޗް ރުއްސުމަށްޓަކައި މެޑްރިޑުން އާ ކޮންޓްރެކްޓާ އެކު ބޮޑު މުސާރައެއް ދޭނެ އެވެ.
ސެންޓިއާގޯ ބެރްނެބުއޭ ޓްރޮފީ މެޗުގައި ރޭ އޭސީ މިލާން އަތުން 3-1 އިން މެޑްރިޑް މޮޅުވި މެޗުގެ ފަހު ހާފުގައި މޮޑްރިޗް ކުޅެން އެރުމުން އެ ޓީމުގެ ސަޕޯޓަރުން ވަރަށް ބޮޑު ތަރުހީބެއް ދިނެވެ.