ސީއެސްސީގެ ބަޖެޓް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ގޮތެއް ނުނިންމޭނެ: މެމްބަރުން
ސީއެސްސީގެ ބަޖެޓް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ގޮތެއް ނުނިންމޭނެ: މެމްބަރުން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ބަޖެޓް ބޮޑުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ އަންނަ އަހަރުގެ ބަޖެޓާއެކު ކަމަށް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ސީއެސްސީގެ ބަޖެޓް ބޮޑުކުރުމަށް އެދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީއަކާ ގުޅިގެން، އެ ކޮމިޓީގެ މެމްބަރުން ދެއްކެވި ވާހަކައިގައި، އެ މައްސަލައަކީ އެ ކޮމިޓީ މެެއިންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ އެއީ މާލިއްޔަތު ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިކަމަކީ އަޅުގަނޑުމެންގެ މެންޑޭޓްގައި އޮންނަ ކަމެއް ނޫން. އަޅުގަނޑުމެންނަށް ހަމައެކަނި ބަޖެޓް ކަނޑައެޅުމުގެ ބާރު މިއޮންނަނީ އޮޑިޓާ ޖެނެރަލް އޮފީހުގެ އެކަނި،" އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނިހާން ވިދާޅުވީ ސީއެސްސީގެ 20 މިލިއަން ރުފިޔާގެ ބަޖެޓް ރިވައިސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ މެދު ގޮތެއް ނިންމޭނީ ފިނޭންސް މިނިސްޓްރީން އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމުން މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީން މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ މެމްބަރުން ދެއްކި ވާހަކަތަކަށް ފަހު، ނިހާން ވިދާޅުވީ ސީއެސްސީން އެދިފައި ވަނީ މިއަހަރުގެ ބަޖެޓަށް ހަތަރު މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް ކަމަށެވެ.

"މި މައްސަލައަކީ މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން. އެހެންވީމަ އެގޮތަށް މި ކޮމިޓީން ނިންމީ،" އޭނާ ވިދާޅުވި އެވެ.