ސަންޖޭ ލީލާ ބަންސާލީގެ "އިންޝާ ﷲ" ގައި ސަލްމާން ހާނާ އެކު ދީޕިކާ ޕަދްކޯން؟
ސަންޖޭ ލީލާ ބަންސާލީގެ "އިންޝާ ﷲ" ގައި ސަލްމާން ހާނާ އެކު ދީޕިކާ ޕަދްކޯން؟

ސަލްމާން ހާނާއި ދީޕިކާ ޕަދްކޯންގެ ޖޯޑު މިހާތަނަކަށް އަދި ބޮޑު ސްކްރީނުން ތަޖުރިބާކޮށްލަން ބެލުންތެރިންނަކަށް ނުލިބެ އެވެ. ބޮލީވުޑްގެ އެންމެ މަޝްހޫރު ހުރިހާ އެކްޓަރުންނާ އެކުހެން، ދީޕިކާ މިހާތަނަށް ފިލްމްތައް ކުޅެފައިވާ އިރު، ސަލްމާނާ އެކު އޭނާ އަދި ފިލްމެއް ނުކުޅެ އެވެ.

އެހެންވެ މި ޖޯޑަކީ ކޮންމެހެން ވެސް ސްކްރީނަށް ގެންނަން ޖެހޭ ދެ ތަރިން ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން ބެލުންތެރިންނަށް މިކަން ކޮށްދޭނެ ޑައިރެކްޓަރަކީ ސަންޖޭ ލީލާ ބަންސާލީ އެވެ.

ދާދި ފަހުން ސަލްމާން ވަނީ ބަންސާލީގެ ފިލްމެއް އޭނާ އަށް ހުށަހެޅިކަން ކަށަވަރުކޮށް ދީފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން މީޑިއާތަކުން ރިޕޯޓް ކުރި ގޮތުގައި ލޯބީގެ ވާހަކައެއް ކިޔައިދޭ އެ ފިލްމްގެ ނަމަކީ "އިންޝާ ﷲ" އެވެ.

ޓެލެގްރާފުން ބުނި ގޮތުގައި ފިލްމްގެ ލީޑް ރޯލުން ސަލްމާނާ އެކު، ދީޕިކާ ފެނުމުގެ ފުރުސަތު ބޮޑެވެ. މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި ބަންސާލީގެ ކާމިޔާބު ފިލްމް "ޕަދްމާވަތު" އަށް ފަހު، ދީޕިކާ މި ވަގުތު އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުކުރެ އެވެ. އެހެންވެ އަނެއްކާ ވެސް ބަންސާލީ ބޭނުން ވަނީ އޭނާގެ ފިލްމަކަށް ދީޕިކާ ގެންނާށެވެ.

ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އަދި އެންމެ މޮޅު ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ ވަނީ ބަންސާލީއާ އެކު މިހާތަނަށް ތިން ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ "ޕަދްމާވަތު" ގެ އިތުރުން 2015 ގެ "ބަޖިރާއޯ މަސްތާނީ" އާއި 2013 ގެ "ރާމް-ލީލާ" އެވެ.

"އިންޝާ ﷲ" އަށް ދީޕިކާ ސޮއިކޮށްފި ނަމަ، އޭނާވެގެން ދާނީ ބަންސާލީގެ ފިލްމްތައް އެންމެ ގިނައިން ކުޅުނު ބަތަލާއަށެވެ. ބަންސާލީގެ ތިން ފިލްމެއްގައި ދީޕިކާ މަސައްކަތްކޮށްފައިވާ އިރު، އައިޝްވާރިޔާ ރާއީ ވެސް ވަނީ ބަންސާލީގެ ތިން ފިލްމެއް ކުޅެފަ އެވެ.

އެއީ ހަމް ދިލް ދޭ ޗުކޭ ސަނަމް (1999). ދޭވްދާސް (2002) އަދި ގުޒާރިޝް (2010) އެވެ.

ސަލްމާން، ބަންސާލީއާ އެކު މަސައްކަތް ކުރި ފިލްމްތަކުގެ ތެރޭގައި "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "ހާމޯޝީ: ދަ މިއުޒިކަލް" އަދި "ސާވަރިޔާ" ހިމެނެ އެވެ.

ހިންދުސްތާން ޓައިމްސް އިން ބުނި ގޮތުގައި ބަންސާލީ މިހާރު އަންނަނީ "އިންޝާ ﷲ" ގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ނިންމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފިލްމް ރަސްމީކޮށް އިއުލާންކޮށް، އޭގެ މަސައްކަތް ފަށާނީ އަންނަ އަހަރު ކަމަށް ބުންޏެވެ.

ބެލެވޭ ގޮތުން މިއީ 2020 ގައި ސިނަމާ އަށް އަންނާނެ ފިލްމެކެވެ.