ލޮލުގެ ބޮޑެތި އޮޕަރޭޝަންތަކަށް ޗައިނާ އިން ރާއްޖޭގައި ސެންޓަރެއް ހުޅުވަނީ
ލޮލުގެ ބޮޑެތި އޮޕަރޭޝަންތަކަށް ޗައިނާ އިން ރާއްޖޭގައި ސެންޓަރެއް ހުޅުވަނީ

ލޮލުގެ ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް، ޗައިނާގެ އެހީގައި ރާއްޖޭގައި ސެންޓަރެއް ހުޅުވަން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިޒޯންގް "މިހާރު'' އަށް މިއަދު ވިދާޅުވީ، ގިނަ ވަސީލަތްތަކާ އެކު ގާއިމް ކުރާ އެ ސެންޓަރު އިމާރާތް ކުރަން ނިންމާފައި ވަނީ ހުޅުމާލޭގައި ކަމަށެވެ. އަދި، އެކަމުގެ މަޝްވަރާތައް ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އެންމެ ފަހުން ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވި ކަމެއް. އެކަމުގެ އަމަލީ މަސައްކަތް ފެށޭތޯ މިހާރު މި މަސައްކަތް ކުރަނީ،" ލިޒޯންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ލޮލުގެ ބަލިތަކަށް ފަރުވާދީ، ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނެ ގޮތް އެ ސެންޓަރުގައި ހަމަޖައްސާނެ އެވެ. އެކަމަކު އެއީ މިހާރު މަޝްވަރާ ކުރަމުންދާ ކަމަކަށް ވާތީ، ސެންޓަރު އަޅާނެ ދުވަހެއް އަދި އެކަމުގެ އިތުރު ތަފްސީލެއް ލިޒޯންގް ނުދެއްވަ އެވެ.

ތައުލީމް ހާސިލް ކުރުމަށާއި އެ ނޫން ބޭނުންތަކަށް ޗައިނާގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެފައިވާ ދިވެހިންނަށް އެ ގައުމުގައި ކުރެވުނު ތަޖުރިބާ ހިއްސާ ކުރުމަށް އިއްޔެ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސަފީރު ވަނީ ސާފު ބޯފެން ފޯރުކޮށްދިނުމަށް، ރާއްޖޭގެ ރަށްރަށަށް ޑީސެލިނޭޝަން ޕްލާންޓްތަކެއް ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި 58 ރަށެއްގައި ސޯލާ ޕަވާ ސިސްޓަމްތަކެއް ބަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑަށް ގުޅުން ބަދަހި ކޮށްފައިވާ ޗައިނާ އިން މިދިޔަ މަހުގެ ތެރޭގައި ވަނީ ރާއްޖެ އަށް ސީ އެމްބިއުލާންސެއް ވެސް ހަދިޔާކޮށްފަ އެވެ. އަދި ރާއްޖެއާ އެ ގައުމާ ދެމެދު އޮތް ގާތްގުޅުމުގެ ރަމްޒު ކަމަށްވާ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، އެ ބްރިޖު މި މަސް ނިމުމުގެ ކުރިން ހުޅުވާނެ އެވެ.