12 އޯގަސްޓް 2018 - 10:07

ބުދަ ދުވަހާ ގުޅޭ
"ހިނގާ ޕޮލިހަށް އަންގަމާ!" ޝާޒްލީ ޚިޔާލެއް ހުށައެޅިއެވެ.
"ބައްޕަޔާ ޑިސްކަސްނުކޮށް ތިވަރު ކަމެއް ކުރާކަށް ނުވާނެ." އަޒީޒާގެ ޚިޔާލު ތަފާތެވެ.
"ޑެޑް ވަގުތުން ބުނާނެ ނޫނެކޭ!" ސުހެއިލު ބުންޏެވެ.
"ހުރެ މާމަ ވާހަކަދައްކާނަން. ދަރިފުޅުމެން ތި ބުނާހެން، މަންމަ ދިރިހުރިތޯ ބަލައިލުމަކީ މައްސަލައެއް ނޫންތާ،" އަޒީޒާ ވިސްނައިލައިފައި ބުންޏެވެ. "ދަރިފުޅުމެން އަދިވެސް ޔަގީންކޮށްބަލަ މަންމަ ހަމަ އެކަކަށް ވެސް ނުގުޅާތޯ."
ހަވީރު ފަހެއްޖެހިއިރު ވެސް ޖިނާ އިނީ ކުދިންތަކަކަށް ޓިއުޝަންދޭށެވެ. ގުރޭޑު އަށެއްގެ ފަސް ކުދިން ތިއްބެވެ. އެއީ ދިވެހި އަދަބީ ގަޑިއެވެ. ވާހަކައާއި ޅެންހެދުމުގެ ވާހަކަދެކެވެމުން ގޮސް ރައިވަރު ހެދުމާ ބެހޭގޮތުން ވާހަކަދެކެވެން ފެށިއެވެ. އެ ތަނުން އެއް ކުއްޖަކު ލިޔެފައިވާ ދިގު ރައިވަރެއް ދައްކައިލިއެވެ. މުޅި ރައިވަރުގައި ކިޔައިދީފައިވަނީ ބިރުވެރި ވާހަކައެކެވެ. ޖިނާ އެ ރައިވަރު ބެލީ ރައިވަރުގެ ހަމަތަކަށް ފާޑުކިޔުމަށް ޓަކައެވެ. އެހެންނަމަވެސް ޖިނާ ސުވާލު އުފެއްދީ އެހެން ދިމާއަކުންނެވެ.
"މީގަ ބުނެފަ މިއޮތީނު ޖިންނި ފައިގަ ކަށްޓެއް ހުންނަ ވާހަކަޔާ، ވަޅުން މަސް ނަގާ ވާހަކަޔާ، އުނދުނަށް ފައި ލައިގެން ކައްކާ ވާހަކަ،" ޖިނާ ބުންޏެވެ. "މީ ހަމަ ޖިންނި ކުރާ ކަންކަން؟"
އާރިފު އަތްނެގިއެވެ. އޭނައަކީ ރައިވަރު ހެދި ދަރިވަރެވެ.
"މާމަ ބުނި ހަންޑިއެއް ވިއްޔާ ފައިގަ ކަށްޓެއް ހުންނަންޖެހޭނޭ،" އާރިފު ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ޖިންނީގެ ވެސް ހުންނާނެ. ލާނީ ވެސް ހުސް ރަތް އެއްޗެހި."
"އެހެންތަ؟" ވިސްނާކަމަށް ހެދިލައިފައި ޖިނާ ބުންޏެވެ.
"މުދައްރިސް!" އެހެން ކުއްޖަކު އަތްނަގައިފައި ބުންޏެވެ. "އަޅުގަނޑު ދުށިން ޖިންނިއެއް."
"މާމަ ބުނީ ޖިންނިއެއް ނުފެންނާނޯ!" އާރިފު އިތުރަށް ކިޔައިދިނެވެ. "މިސާލަކަށް މި ތާނގަ ވެސް ހުރެދާނެ ޖިންނިއެއް. އެކަމަކު އަހަރުމެންނަކަށް ނޭނގޭނެ."
"ތީ ވަރަށް ބޮޑު ތެދެއް!" ވަގުތުން ޖިނާ އެއްބަސްވިއެވެ.
އެ ހިސާބުން ވަގުތު ހަމަވެގެން ކިލާސް ނިންމައިލިއެވެ. ހުރިހައި ކުދިން ދަންދެން އަޒީޒާ އިނެވެ. ކުދިންގެ ފިޔަވަޅުގެ އަޑު އޮބި، ދޮރު ލެއްޕި އަޑު އިވުމުން ޖިނާއަށް ގޮވައިލިއެވެ. ޖިނާ ގޮސް އަޒީޒާގެ ކޮޓަރީގެ ދޮރު ހުޅުވައިލި ވަގުތު ކުއްލިއަކަށް ހުއްޓުންއެރިއެވެ. އެންމެ ފިޔަވަޅެއް ވެސް އެތެރެއަށް އަޅާކަށް ނުކެރުނެވެ. އެ ކޮޓަރިއަކީ އަޒީޒާ ފަސް ވަގުތު ނަމާދުކުރާ ތަނެކެވެ. ލައްކަ ހިތްވަރުކޮށްގެން ޖިނާއަށް އެތެރެއަށް ވަދެވިދާނެއެވެ. އެހެންނަމަވެސް އެ ވަރުގެ ހަކަތައެއް ބޭކާރުކޮށްލަން ޖިނާ ބޭނުން ނުވީއެވެ.
"ކީކޭ؟" ޖިނާ ބުންޏެވެ.
"އެތެރެއަށް ވަދެބަލަ!" އަޒީޒާ އެދުނެވެ.
ޖިނާ އެތެރެއަށް ވަނެވެ. ފުރަތަމަ ފިޔަވަޅު އެޅުމާއެކު ޖިނާގެ މުޅި ހަށިގަނޑު ފިއްތައިލި ކަހަލައެވެ. ދެވަނަ ފިޔަވަޅު އެޅުމާއެކު، ކުރިޔަށް ވުރެ ބޮޑަށް ފިއްތައިލިއެވެ. ފަޅައިގެންހިނގައިދާނެ ކަހަލައެވެ.
"ކިހިނެއްވީތަ؟" ވަރަށް ހިތްވަރުކޮށްފައި ޖިނާ ބުންޏެވެ.
"ތަނަކަށް ތަދުވަނީތަ ދަރިފުޅާ؟" އަޒީޒާ އެހިއެވެ.
ޖިނާއަކަށް ވާހަކައެއް ނުދެއްކުނެވެ. އަނބުރައިލައިފައި ކޮޓަރިން ނުކުތެވެ. ވީ ގޮތް އަޒީޒާއަކަށް ނޭނގުނެވެ. ޖިނާއަށް ގޮވަމުން އަޒީޒާ ނުކުތްއިރު ޖިނާ އިނީ މޭޒުކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ބޮލުގައި ދެއަތުން ހިފަހައްޓައިލައިގެންނެވެ. ބޯ ހަމައަކަށްއެޅެން ވަގުތުނެގިއެވެ.
"ބޮލުގަރިއްސާވަރުން މި އުޅެނީ." ޖިނާ ބުންޏެވެ.
"ނިތްކުރީގަ ބާމުކޮޅެއް އުނގުޅައިދެން؟" އަޒީޒާ އުޅުނީ ބާމުފުޅި ނަގަން އަލުން ކޮޓަރިއަށް ދާށެވެ.
"މިހާރު އެބަ ރަނގަޅުވޭ!" ޖިނާ ތެދުވެ ފޮތްތައް ތަރުތީބުކުރަމުން ބުންޏެވެ. "ކީއްކުރަން ގޮވީ؟"
"އާނ!" ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން އަޒީޒާ ބުންޏެވެ. "އަޒްރާގެ ޚަބަރެއް ނުވާތީ ކުދިވެރިން ވަރަށް ކަންބޮޑުވެގެން އުޅެނީ. އަޒްރާގެ މައިންބަފައިންނަކަށް ވެސް އޭނަ ނުގުޅަޔޯ! މި ގެއިން އެ ފަހަރު ނުކުމެގެން ދިޔަގޮތަށް އޭނަގެ އެއްވެސް ޚަބަރެއް އެކަކަށް ވެސް ނުވާކަމަށް ވަނީ. ކުދިން ބޭނުންވަނީ ފުލުހުންނަށް އަންގަން."
އަޒްރާގެ ޚަބަރެއް ނުވާނެކަމާއި، އެއީ ކީއްވެގެންކަން އެންމެ ރަނގަޅަށް އެނގެނީ ޖިނާއަށެވެ. ދުނިޔޭގެ އެންމެން ނުކުމެ އަޒްރާ ހޯދަން އުޅުނަސް އެ ކަމެއް ކާމިޔާބެއް ނުވާނެއެވެ.
"ކީއްކުރަން؟" ޖިނާ ފޫހިވެފައި ބުންޏެވެ. "ޕޮލިހަށް ގުޅާނީ އަޒްރާގެ މައިންބަފައިން. ގައިމު ކަމެއްވެގެންތާ އެ މީހުން މަޑުން އެ ތިބެނީ. އެ މީހުންނަށް އެނގޭ އަޒްރާގެ ވައްތަރު. ދެން ޕޮލިހުން މި ކަމުގެ ތެރެއަށް ވަދެގެން ކޮންނަމުން ގޮސް އަޒްރާގެ ވިޔާނުދާ ދިރިއުޅުން ފެންމަތިވެ، ކުދިން ފަޟީހަތްވެ މީހުން މަލާމާތްކުރަން ފަށާނީ. ބުނޭ މަ ބުންޏޭ.."
ޖިނާގެ ވާހަކަ މެދުކަނޑައިލީ އަޒީޒާގެ މޫނުމައްޗަށް ވެރިވި މާޔޫސްކަން ފެނުމުންނެވެ.
"މައްސަލައެއް ނެތް!" ޖިނާ އެއްބަސްވިއެވެ. "ބުނޭ އޭނަގެ ޚަބަރެއްވޭތޯ ބަލާށޭ. ފުލުހުންނަށް ތިކަން ވެއްޖެއްޔާ ރަނގަޅެއްނު! ބަލާތި ފޯނު ނަންބަރު އަތުޖެހޭތޯ!"
ހުކުރު ދުވަހަކީ، ގިނަ ގޭގޭގައި މެންދުރުގެ ކެއުން ތަންކޮޅެއް ވަރުގަދަކުރާ ދުވަހެކެވެ. ޒޫނާ ތައްޔާރުކުރީ ތަންދޫރީ ކުކުޅެވެ. މުޅި ގޭތެރެއޮތީ އެއްވަސްވެފައެވެ. "ހުކުރަށް ދާން" ޖިނާ ނުކުތީ މެންދުރު ބާރަގަނޑި ވިހި ހިނގި ފަހުންނެވެ. ޖިނާ ދިޔައީ މިސްކިތަކަށް ނޫނެވެ. ހުޅުމާލެއަށެވެ. ރަށުގެ ދެކުނު ފަރާތުގައި އޮންނަ ކުރެދިވަލަށެވެ. ކުޑަ އިރުކޮޅަކު ޖިނާ އިންތިޒާރުކުރަން ޖެހުނެވެ. އެކުވެރި އަނީސް އައީ ހުކުރުނަމާދު ނިންމައިފައެވެ. ޖިނާއާއި އަނީސް ވެސް ތިބީ އިންސާނުންގެ ލޯތަކަށް ފަރުދާވެގެންނެވެ.
"ހާދަހާ ލަސްވީ!" ޖިނާ ބުންޏެވެ. އެއަށް ފަހު ހަނދާންވިއެވެ. "އާނ! ހުކުރު ވަގުތު ދޯ! ތަންކޮޅެއް ފަހުން ވެސް ނަމާދުކުރެވެއެއްނު!"
"އެ ކަހަލަ ކަންތައް އޮންނަ ގޮތެއް ކަލެޔަކަށް ނުވިސްނޭނެ،" ޖަވާބުގައި އަނީސް ބުންޏެވެ. "އެކި ޖިންނީންގެ ބުއްދި ހުންނާނީ އެކި ވަރަށް. މިސާލަކަށް އިންސާނެއް ދެކެ ލޯބިވެގެން ކަލޭ ތި އުޅޭއުޅުން އަހަންނަކަށް ނުވިސްނޭނެ. އިންސާނުންގެ ތެރޭގަ އުޅޭހިތްވޭ! އެ މީހުން އުޅޭ ގޮތަށް އުޅެން ބޭނުން. އެކަމަކު ތިހެން ކިހިނެއް އުޅޭނީ؟ ތީ އިންސާނެއް ނޫންކަން ޒޫނާއަށް ދުވަހަކު ވެސް ނޭނގިދާނެ. ހީވެދާނެ ކަލޭދެކެ އޭނަ މިހާރު ހިތުންރުހުމުންނޭ ލޯބިވަނީ. ނޫންނޫން! ވަރަށް ބޮޑު ކުށްހީއެއް އެއީ."
އަނީސްގެ ވާހަކަތައް ޖިނާއަކަށް ކަމަކުނުދިޔައެވެ.
"ތިއޭ އަހަރުމެންގެ އެކުވެރިކަން ހީނަރުވާ ސަބަބަކީ،" ޖިނާ ބުންޏެވެ. "އަބަދުވެސް އަނީސް އުޅޭނީ ފިލާވަޅުނަގައިދޭން."
"އަހަރެން ދައްކާ ވާހަކަ ކަމަކުނުދޭ! އަހަރެން އުޅޭ ގޮތް ކަމަކުނުދޭ!" އަނީސް ކެތްތެރިކަމާ އެކުގައި ބުންޏެވެ. "ދެން ކީއްކުރަން އަހަރެންގެ މަޝްވަރާ ހޯދަން ތި އަންނަނީ؟ އެ ގޭގެ ބައެއް ތަންތާކަށް ކަލެއަކަށް ނުވަދެވޭނެ. ދެން ވެސް ވަދެއްޖެއްޔާ ހަމަ އެހެންވާނެ. އެކަމަކު މިހާރު ވެސް އަހަންނަށް ވަދެވޭނެ. އެނގޭދޯ މި ބުނާ އެއްޗެއް. ކަލޭ ޖެހޭނީ މިހާރު ތި އުޅޭއުޅުން ދޫކޮށްލާފަ އަހަރެން އުޅޭހެން އުޅެން ފަށަން."
ޖިނާ ވަކި ޖަވާބެއް ނުދެއެވެ. ދެ ފިކުރެއްގައި ހުރީއެވެ.
"ތި ބުނަނީ ޒޫނާއަކީ ތިމަންނަ މާ ލޯބިވާ މީހެކޭ،" އަނީސް އިތުރު ނުކުތާއެއް ފާހަގަކުރިއެވެ. "އޭނަޔަށްޓަކާ ކޮންމެ ކަމެއް ކުރަން ވެސް ތިހިރީ ތައްޔާރަށް. ދެން ކީއްވެ ރަނގަޅު ގޮތް ގަބޫލުނުކުރަންވީ؟ އޭރުން މުޅިން އާ ފެށުމެއް އެ ލިބުނީ. މަ ބުނީތީކީ ނޫން. ޒޫނާއަށް ޓަކާ!"
ޖިނާ ގެއަށް އައިއިރު އެންމެން ތިބީ ކާމޭޒުދޮށުގައެވެ. ސުހެއިލު ފިޔަވައެވެ.
"މިއޮއް އައީނު ތި ނައިސްގެންއުޅޭ ބައްޕަ!" ޕާޕަރުތަށި މޭޒުމަތީގައި ބަހައްޓަމުން އަޒީޒާ ބުންޏެވެ. "ދަރިފުޅު ހާދަހާ ލަސްވީ! މާ ދުރު މިސްކިތަކަށް ދިޔައީތަ؟ އަވަހަށް އިށީނދޭ! މިއަދު ގައިމު އަދި ހޮޓަލެއް ވެސް ނުހުޅުވާނެ."
ދައްކާނެ ބަހަނާއެއް ޖިނާއަކަށް ނޭނގުނެވެ. އައި ގޮތަށް އައިސް މޭޒު ކައިރީގައި އިށީނެވެ. އެކަމަކު ތަށްޓަށް އެއްޗެއް ނާޅައެވެ. ބަތްއަޅަން ޒޫނާ ސަމުސާ ދިއްކޮށްލިއެވެ. ޖިނާ ބަލައިލީ ޝާޒްލީގެ ތަށްޓަށެވެ. އޭނަ އިނީ ޖިނާޔާ ޖެހިގެންނެވެ. އެ ތަށީގައި އޮތް ކުކުޅު ކަށިކޮޅެއް ޖިނާ ނެގިއެވެ. ވަރަށް މީރުކޮށް ކާންފެށިއެވެ. އެތައް އެއްޗެއް މޭޒުމަތީގައި ހުއްޓައި ޖިނާ ކަށިކޮޅެއް ނަގައިގެން ކާންފެށުމުން އެހެން މީހުން ހައިރާންވިއެވެ. ޖިންނިންގެ ކާނައަކީ އެ ކަހަލަ ކަށިކަމެއް އެހެން މީހަކަށް ނޭނގެއެވެ.
"މީރުކަމުން.." މީހަކު ސުވާލުނުކުރަނީސް ޖިނާ ބުނެލިއެވެ.
އެ ދަނޑިވަޅު ސުހެއިލު ވަންތަން ފެނުނެވެ.
"ސުހެއިލު ވެސް ދިޔައީ ބައްޕަ ދިޔަ މިސްކިތަށްތަ؟" އަޒީޒާ ސުވާލުކުރިއެވެ.
"މިއަދު ހުރިހާ މުދިމުން ވެސް ލަސްލަހުން ހުކުރުކުރި ދުވަހެއްތާ!" ސުހެއިލަށް ތަށްޓެއް ބަހައްޓަމުން ޒޫނާ ބުންޏެވެ.
"ހުކުރުން ފޭބިތަނާ އަރީންނާ ދިމާވެގެން ބުނެފި އޮފީހަށް ހިނގާބަލަށޭ!" ޖަވާބުދެމުން ސުހެއިލު އައިސް އިށީނެވެ. "އެއްކަލަ ޕޮލިސް އަރީން. ބުނީމެންނު ފްރެންޑެކޭ. އޭނަ ބުނީ މަންމަ ފުރަނިކޮށް އެއާޕޯޓުގެ ކެމެރާއަކަށް އެބަހުއްޓޯ އަރާފަ. އެކަންޏޯ ހުރީ ވެސް. ރެކޯޑުތަކުން ވެސް އެނގެޔޯ އިންޑިޔާއަށް ފުރިކަން. މަ ބުނިން އިންޑިޔާގެ ކޮންތަނެއްގަތޯ ހުރި ބަލައިލަދޭށޭ! އަރީން ބުނީ މަންމައަކީ ކުށްވެރިއެއް ނޫނޭ. ޑިވޯސްވެގެންނޭ ދިޔައީ ވެސް. އެހެންވެ ދެން ޕޮލިހަށް ކުރެވޭނެ ކަމެއް ނޯންނާނޭ. އެންމެ ރަނގަޅުވާނީ ފެމެލީތެރެއިން މައްސަލަ ޙައްލުކުރިއްޔާއޭ."
"އެކަމަކު މަންމައަކަށް ނުކެރޭނެ އެކަނި ޓްރެވަލްކުރާކަށް،" ޝާޒްލީ ނުތަނަވަސްކަމާ އެކުގައި ބުންޏެވެ. "ކޮންމެވެސް މީހަކު މަންމަ ގާތުގަ ހުންނާނެކަން ޔަގީން."
ދޮށީއަނބީގެ ވާހަކަދެކެވޭއިރު އެ ތަނުގައި އިންނާކަށް ޒޫނާ ބޭނުމެއް ނޫނެވެ. އެކަމަކު ވާހަކައިގެ މެދުތެރެއިން ތެދުވެގެން ދާކަށް ވެސް ނުކެރުނެވެ. ޖިނާއަކަށް ނީނދެވުނެވެ.
"ޝާޒްލީ ތިހެން ތި ބުނަނީ މަންމަގެ ގޮތް ނޭނގޭތީ،" ޖިނާ ބުންޏެވެ. "ޝާޒްލީ ދެނަހުރިންތަ ދަރުބާރުގޭ ކައިރީގަ އޮންނަ ގަސްތަކުތެރެއަށް ރޭގަނޑު އެކަނިމާއެކަނި މަންމަ ދާކަން؟ ފިރިހެނަކާ ބައްދަލުކުރަން ދަނީ. މި ހުންނަނީ ދަރިން ކުރިމަތީގަ ދައްކަން މާ ރީތި ވާހަކައެއް ނޫން. މަންމަ ވަރަށް ބަދަލުވެއްޖޭ! ބައްޕަ ވެސް މިހާރު މިހިރީ ބަދަލުވެފަ. ދަރިފުޅުމެން ޖެހޭނީ ބަދަލު ގަބޫލުކުރަން. މިހާރު އެނގިއްޖެއްނު ވީގޮތް. ދެން އަހަރެން ބޭނުމެއް ނޫން މި ވާހަކަ އިތުރަށް ދައްކާކަށް. މަންމަގެ ވާހަކަ މި ގޭތެރޭގަ އެކަކު ވެސް ދެން ދައްކައިގެން ނުވާނެ."
(ނުނިމޭ)