ސޮނާކްޝީ ސިންހާ އަށް ނެޓްފްލިކްސްގެ ވެބް ސީރީޒެއް
ސޮނާކްޝީ ސިންހާ އަށް ނެޓްފްލިކްސްގެ ވެބް ސީރީޒެއް

މަޝްހޫރު ސްޓްރީމިން ސާވިސް ނެޓްފްލިކްސްގެ ވެބް ސީރީޒެއް ކުޅެދޭން ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ އަށް ވެސް އަށް ހުށަހަޅައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ޕްރޮޖެކްޓާ ބެހޭ ގޮތުން ސޮނާކްޝީ އާއި ނެޓްފްލިކްސް އަދި އުޅެނީ މަޝްވަރާތަކުގަ އެވެ. އަދި ހުރިހާ ކަމެއް ހަމަޖެހުމުން، ވެބް ސީރީޒް ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބުންޏެވެ.

ސަލްމާން ހާނާ އެކު 2010 ގައި ފިލްމް "ދަބަންގް" އިން ބޮލީވުޑަށް ނުކުތް ސޮނާކްޝީއަކީ ބޮލީވުޑްގައި މިހާތަނަށް މާ ބޮޑު ކާމިޔާބީއެއް ލިބުނު ބަތަލާއެއް ނޫނެވެ. އަދި އޭނާ ކުޅެން ހޮވާ ފިލްމްތަކަށް ވެސް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެ އެވެ.

ސޮނާކްޝީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 24 ގައި ރިލީޒް ކުރާ "ހެޕީ ޕިރް ބާގް ޖާއޭގީ" އިންނެވެ. އޭނާ މިހާރު އަންނަނީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، އަބީޝެކް ވަރްމަން ޑައިރެކްޓް ކުރާ ބޮޑު ކާސްޓެއް ހިމެނޭ ފިލްމް "ކަލަންކް" ގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެޕްރީލް، 19، 2019 ގައި ރިލީޒް ކުރާ އެ ފިލްމްގެ ކާސްޓުންގެ ތެރޭގައި މަދޫރީ ޑިކްސިޓް، ސަންޖޭ ދަތު، އާލިއާ ބަޓް، ވަރުން ދަވަން، ކިއާރާ އަދްވާނީ، އަދިތިޔާ ރޯއި ކަޕޫރް، ކިރިތީ ސެނަން އަދި ކުނާލް ކޭމޫ ފަދަ ތަރިން ހިމެނެ އެވެ.

ސޮނާކްޝީ އަށް ނެޓްފްލިކްސްގެ ވެބް ސީރީޒެއް ހުށަހެޅި އިރު، އިންޑިއާގެ ކޮންޓެންޓްތަކުން ނެޓްފްލިކްސް މުއްސަނދި ކުރުމުގެ މަސައްކަތް މިހާރު ވަނީ މެކުހަށް ޖަހައިފަ އެވެ.

އެގޮތުން ސައިފް އަލީ ހާން ކުޅުނު "ސެކްރެޑް ގޭމްސް" އަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ޝާހްރުކް ހާން އަންނަނީ "ބާޑް އޮފް ބްލަޑް" ގެ ނަމުގައި ނެޓްފްލިކްސްއާ ގުޅިގެން ވެބް ސީރީޒެއް ގެނެސް ދޭން ތައްޔާރުވަމުންނެވެ. އޭގެ ލީޑް ރޯލް ކުޅޭނީ އިމްރާން ހާޝިމީ އެވެ.

ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރް، ޒޯޔާ އަހްތަރު، ދިބާކަރް ބެނަޖީ އަދި އަނޫރާގް ކެޝަޕްގެ ސެގްމަންޓްތަކެއް ހިމެނޭ އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" އަކީ ވެސް ދާދި ފަހުން ނެޓްފްލިކްސް އިން ސްޓްރީމް ކުރި އެއްޗެކެވެ.