03 އޯގަސްޓް 2016 - 14:25

ކަތުމަންޑޫ، ނޭޕާލް (އޮގަސްޓް 3) - އަންނަ ހުކުރު ދުވަހު ބްރެޒިލްގައި ފަށާ އޮލިމްޕިކްސްގައި ވާދަކުރާ އެންމެ ޒުވާން އެތުލީޓަކަށް މިދިޔަ އަހަރު ނޭޕާލަށް އައި ބިންހެލުމުން ސަލާމަތްވި އުމުުރުން 13 އަހަރުގެ ފެތުންތެރިއާ ގޯރިކާ ސިންގް ވެއްޖެ އެވެ.
ގޯރިކާ އަކީ އިނގިރޭސިވިލާތުގައި ތައުލީމް ހާސިލްކުރަމުން އަންނަ ކުއްޖެކެވެ. އޭނާ ފެތުމުގެ ތަމްރީން ހަދަމުން އަންނަނީ އިންގްލިޝް ކްލަބް ބާނެޓް ކޮޕްޓްހޯލްގަ އެވެ. މިދިޔަ އަހަރު ނޭޕާލަށް ބިންހެލުން އައިއިރު ގޯރިކާ ހުރީ ނޭޕާލުގަ އެވެ. ބިންހެލުމުގެ އަސަރު ގޯރިކާގެ އާއިލާ ދިރިއުޅޭ ގެޔަށް ކުރި ނަމަވެސް އެ އާއިލާގެ މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
އަންނަ އާދިއްތަ ދުވަހު ރިއޯ އޮލިމްޕިކްސްގެ ސްވިމިން 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ފަތާއިރު ގޯރިކާގެ އުމުރުން އެ ދުވަހާ ހަމަ އަށްވާނީ 13 އަހަރާއި 255 ދުވަހެވެ. ގޯރިކާ ބުނީ އެއީ ކެރިއަރުގައި ހާއްސަ ދުވަހަކަށް ވާނެ ކަމަށެވެ.
"ވަރަށް އުފާވެރި ދުވަހަކަށް ވާނެ. ގަބޫލުކުރަން ވެސް ދަތި. މިއީ އަހަންނަށާއި އަހަރެންގެ އާއިލާގެ އިތުުރުން ނޭޕާލަށް ވެސް ލިބޭ ފަހުރެއް،" ގޯރިކާ ބުންޏެވެ.
ގޯރިކާ ވަނީ މިިދިޔަ އަހަރު އޮގަސްޓް މަހު ރަޝިއާގެ ކަޒާންގައި އޮތް ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ފަތައިފަ އެވެ. އަދި މި އަހަރު ފެބްރުއަރީ މަހު އިންޑިއާގެ ގުވާޓީ އާއި ޝިލޮންގައި އޮތް ސާފް ގޭމްސްގައި ގޯރިކާ ވަނީ ތިން މެޑަލް ހޯދައިފަ އެވެ.
ގޯރިކާ ބުނީ މި ފަހަރުގެ އޮލިމްޕިކްސްގައި މެޑެއްޔެއް ނުލިބުނު ނަމަވެސް ގައުމީ ރެކޯޑް އާ ކުރުމަކީ ޓާގެޓެއް ކަމަށާއި މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕަށް ވުރެން ރަނގަޅު ޓައިމިންއެއްގައި ރޭސް ނިންމަން ބޭނުންވާ ކަމަށެވެ.