ޑައިރެކްޓަރު މެތިއު، ޖެސިކާ ޗެސްޓެއިންގެ "އީވް" ދޫކޮށްލައިފި
ޑައިރެކްޓަރު މެތިއު، ޖެސިކާ ޗެސްޓެއިންގެ "އީވް" ދޫކޮށްލައިފި

"އީވް" ގެ ނަމުގައި ޖެސިކާ ޗެސްޓެއިން ބަތަލާގެ ރޯލް ކުޅެ، ޕްރޮޑިއުސް ކުރާ ފިލްމް އިއުލާން ކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން އެ ފިލްމް ޑައިރެކްޓަރު މެތިއު ނިއުޓަން ފިލްމް ދޫކޮށްލައިފި އެވެ.

ޑައިރެކްޓަރު މެތިއު، ޖެސިކާ ޗެސްޓެއިންގެ "އީވް" ދޫކޮށްލައިފި
ޑައިރެކްޓަރު މެތިއު، ޖެސިކާ ޗެސްޓެއިންގެ "އީވް" ދޫކޮށްލައިފި

އޭނާ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފިލްމް ދޫކޮށްލީ މާޒީގައި ހިނގާފައިވާ ބައެއް ކަންކަމާ ގުޅިގެން، ސޯޝަލް މީޑިއާގައި އޭނާ އަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކާ ހެދި ކަމަށެވެ. އެ ބަޔާނުގައި އޭނާ ވަނީ ބައިޕޯލާ ޑިސްއޯޑާ އަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.

މެތިއުގެ މައްޗަށް މާރީމާރީ ހިންގުމާއި ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވި އޭގެ ތެރެއިން މައްސަލަތައް އޭނާގެ މައްޗަށް ސާބިތުވެފައިވެ އެވެ. އޭނާ ބުނި ގޮތުގައި ފާއިތުވި 8 އަހަރު ދުވަހު އޭނާ އުޅުނީ ދިމާވެފައި ހުރި ނަފުސާނީ މައްސަލަތަކުންނާއި ރަލަށް ދެވިހުން ފަދަ ކަންކަމުން އަރައި ގަތުމަށް ފަރުވާ ހޯދުމުގަ އެވެ.

ނަމަވެސް ރަނގަޅު މީހަކަށް ވާން އޭނާ ކުރާ މަސައްކަތް ބައެއް މީހުން އަދިވެސް ބަލައި ނުގަންނަ ކަމަށާއި އެކަމާ ދެރަވާ ކަމަށް ބުންޏެވެ.

މެތިއު ބުނި ގޮތުގައި މާޒީގައި ހިނގާފައިވާ ކަންތައްތަކާ އޭނާ އަބަދުވެސް ހިތާމަ ކުރާނެ އެވެ. އެކަމަކު މާޒީ ހަނދާންކޮށް، އޭގެ ފަހަތުން ދުވުމުގެ ބަދަލުގައ ކޮންމެ މީހަކު ވެސް ބޭނުން ވާނީ ކުރެވިފައިވާ ގޯސްތަކުން ފިލާވަޅު ލިބި ގަނެ، އިސްލާހު ވާން ކަމަށް ބުންޏެވެ.

"އަހަރެން ބޭނުން ވަނީ ފިލްމް އިންޑަސްޓްރީގައި ކުރިއަށް އޮތް ތަނުގައި ނަމޫނާ ދައްކާ މީހަކަށް ވާން،" ފްރޮމް ނޯ ވެއާ (2016) އާއި ހޫ ވީ އާ ނައު (2017) ފަދަ ފިލްމްތައް ގެނެސް ދިން އޮސްޓްރޭލިއާ އަށް އުފަން މެތިއު، 41، ބުންޏެވެ.

މެތިއު "އީވް" ދޫކޮށްލުމާ ގުޅިގެން ޖެސިކާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި މި ފިލްމް ދެން ޑައިރެކްޓް ކުރާނީ ކާކު ކަމެއް ވެސް އަދި ނޭނގެ އެވެ.