ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިދިޔަ އަހަރު ރިލީޒް ކުރި "މުބާރަކަން" އަށް ފަހު، އަރްޖުން ކަޕޫރްގެ އިތުރު އެއްވެސް ފިލްމެއް އަދިއެއް ސިނަމާތަކަށް ނާދެ އެވެ. އެކަމަކު މަސައްކަތް ނިމިފައި އޮތް ދެ ފިލްމެއް އެބަ އޮތެވެ. އެއީ އަންނަ އޮކްޓޯބަރު 19 ގައި ރިލީޒް ކުރާ "ނަމަސްތޭ އިންގްލެންޑް" އާއި ކުރިން މި މަހު ރިލީޒްކުރަން ތާވަލް ކުރި "ސަންދީޕް އޯރް ޕިންކީ ފަރާރް" އެވެ.

އެ ދެ ފިލްމްގައި ވެސް އަރްޖުންއާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ 2012 ވަނަ އަހަރު އޭނާ ބޮލީވުޑަށް ތައާރަފުވި ފިލްމް "އިޝަގްޒާދޭ" ގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ އެވެ.

ދިބާކަރް ބެނަޖީ ޑައިރެކްޓްކޮށްފައިވާ އަދި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ "ސަންދީޕް އޯރް ޕިންކީ ފަރާރް" މިހާރު ވަނީ މާޗް، 1، 2019 އަށް ފަސްކޮށްފަ އެވެ.

އަރްޖުން ސޮއިކޮށްފައިވާ ރާޖްކުމާރް ގުޕްތާގެ ފިލްމް "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ޝޫޓިން މިހާރު ވަނީ ފަށައިފަ އެވެ. މި ފިލްމަކީ އަހަރު ރިލީޒްކޮށް 100 ކްރޯޑް ކުލަބުން ޖާގަ ވެސް ހޯދި އަޖޭ ދޭވްގަންގެ "ރެއިޑް" އަށް ފަހު، ގުޕްތާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.

އަރްޖުން ފުލުހެއްގެ ރޯލުން ފެނިގެންދާ "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ޝޫޓިން ފެށި ނަމަވެސް، މި ފިލްމްގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މެއި 24، 2019 ގަ އެވެ.

"އިންޑިއާސް މޯސްޓް ވޯންޓެޑް" އަކީ "2 ސްޓޭޓްސް" އާއި "ކީ އެންޑް ކާ" އަދި "ގުންޑޭ" ފަދަ ފިލްމްތައް ކުޅެފައިވާ އަރްޖުންގެ 12 ވަނަ ފިލްމެވެ.

ސަލްމާން ހާން މިހާރު ކުޅެމުން އަންނަ ފިލްމް "ބާރަތު" ގެ ކާސްޓާއި ކްރޫ މޯލްޓާ އަށް ގޮސް އެ ގައުމުގައި ޝޫޓިން ފަށައިފި އެވެ. ޝޫޓިން އަށް އިންޑިއާ އިން ބޭރަށް ދިޔަ އިރު، ސަލްމާންގެ މަންމަ ސަލްމާ ހާނާއި އާއިލާގެ އެހެން ބައެއް މެމްބަރުން ވެސް މޯލްޓާ އަށް ދިޔަ އެވެ.

"ބާރަތު" އަކީ ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ އާއި ޓީ ސީރީޒް ގުޅިގެން ހަދާ ފިލްމެކެވެ. މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ކެޓްރީނާ ކެއިފް، ތައްބޫ، ޑިޝާ ޕަޓްނީ، ޖެކީ ޝްރޮފް، ނޯރާ ފަތެހީ އަދި ސުނިލް ގްރޯވާ ވެސް ހިމެނެ އެވެ.

މޯލްޓާ އަށް ކާސްޓާއި ކްރޫ ދިޔައީ މުމްބާއީގެ ޝޫޓިން ނިންމައިލުމަށް ފަހު އެވެ. ފިލްމްގެ ތިން ވަނަ ޝޫޓިން ޝެޑިއުލް ކުރިއަށް ދާނީ އަބޫ ދާބީގަ އެވެ.

"ބާރަތު" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.

ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާގެ ފޭނުންނަށް މި މަހުގެ 13 ވަނަ ދުވަހަކީ ހާއްސަ ދުވަހަކަށް ވާނެ އެވެ. އެ ދެ ތަރިން އެކީގައި އަލަށް ކުޅުނު ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ސުއީ ދާގާ: މޭޑް އިންޑިއާ" ގެ ޓްރެއިލާ 13 ވަނަ ދުވަހު ދައްކައިލަން މިހާރު ވަނީ ނިންމައިފަ އެވެ.

ޝަރަތު ކަތަރިޔާ ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ޕޯސްޓަރު ވެސް ވަނީ ދައްކާލައިފަ އެވެ. "ސުއީ ދާގާ" ގައި ވަރުން ފެނިގެން ދާނީ ފަހާ މީހެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ކުޅެފައި ވަނީ ޖަރީ ކުރާ މީހެއްގެ ރޯލުންނެވެ. މިއީ އެ ދެ ތަރިން ވަރަށް ޑި-ގްލެމް ރޯލްތަކުން ފެނިގެން ދާނެ ފިލްމެކެވެ.

"ސުއީ ދާގާ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 28 ގަ އެވެ.

ޗަންކޭ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ޕާންޑޭ ބޮލީވުޑަށް ތައާރަފު ވާނެ ފިލްމަކީ އަންނަ އަހަރު ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ ނޫން" ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޕުނިތު މަލްއުތުރަ ޑައިރެކްޓް ކުރާ އެ ފިލްމް އަންނަ ނޮވެމްބަރު މަހުގެ 23 އަށް ތާވަލުކޮށްފައި އޮއްވައި މިހާރު ވަނީ މެއި، 10، 2019 އަށް ފަސްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފެބްރުއަރީ، 14، 2019 ގައި ރިލީޒް ކުރާ ޒޯޔާ އަހްތަރުގެ "ގަލީ ބޯއި" އިން އަނަންޔާ ފެނިގެން ދާނެ އެވެ. އެކަމަކު އެއީ ހާއްސަ ފެނިލުމަކުން ކަމަށްވެ އެވެ.

އެ ފިލްމްގެ ތަރިންނަކީ ރަންވީރް ސިންގް އާއި އާލިއާ ބަޓްގެ އިތުރުން ކަލްކީ ކޮއެޗްލިން އެވެ.