ޗެލްސީގެ ފެށުން ރަނގަޅުވުމުން ސާރީ ހިތްހަމަޖެހިފައި
ޗެލްސީގެ ފެށުން ރަނގަޅުވުމުން ސާރީ ހިތްހަމަޖެހިފައި

ހަޑްސްފީލްޑް (އޮގަސްޓް 12) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ރޭ ހަޑްސްފީލްޑް ޓައުން އަތުން 3-0 އިން މޮޅުވުމަކީ އޭނާގެ މަސައްކަތަށް ލިބިގެންދިޔަ ފަސޭހައެއް ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

ޗެލްސީގެ ފެށުން ރަނގަޅުވުމުން ސާރީ ހިތްހަމަޖެހިފައި
ޗެލްސީގެ ފެށުން ރަނގަޅުވުމުން ސާރީ ހިތްހަމަޖެހިފައި

ހަޑްސްފީލްޑް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީގެ ލަނޑުތައް ކާމިޔާބުކުރީ އެންގޯލޯ ކާންޓޭ އާއި ޖޯޖީނިއޯ އަދި ޕެޑްރޯ ރޮޑްރިގޭޒް އެވެ. ޖޯޖީނިއޯ ޖެހި ގޯލަކީ މާކޮސް އަލޮންސޯ އަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ހާފުގައި ޕެޑްރޯ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޑެން ހަޒާޑް އެވެ.

މެޗަށް ފަހު ސާރީ ބުނީ ޓީމާ ހަވާލުވިތާ އަދި މަހެއް ވެސް ނުވަނީސް ވާދަވެރި މެޗަކަށް ނުކުންނަން ޖެހުމުން ކޮންމެވެސް ވަރެއްގެ ހިތް ނުތަނަވަސްކަމެއް ހުރި ކަމަށާއި އެކަމަކު ފުރަތަމަ މެޗުގެ ނަތީޖާ އިން ހިތްވަރު ލިބުނު ކަމަށެވެ.

"އަހަރެން ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވޭ. މަހެއް ވެސް ނުވޭ. އަދި ޕްރެކްޓިސް ކުރީ މުހިއްމު ކުޅުންތެރިން ނުލައި. އެކަމަކު އަހަރެމެން މި ނެރުނު ނަތީޖާއާ މެދު ހިތްހަމަޖެހޭ. މިއީ ރަނގަޅު ފެށުމެއް،" ސާރީ ބުންޏެވެ.

މިދިޔަ ސީޒަނުގައި ސާރީގެ ކޯޗުކަމުގައި ނަޕޯލީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ގިނަ ކޯޗުންގެ ނަޒަރުގައި އެންމެ ބަލާހިތްވާ ކުޅުމެއް މުޅި ޔޫރަޕަށް ބަލާއިރު ވެސް ފެނުނީ ނަޕޯލީގެ ފަރާތުންނެވެ. ސާރީ ބުނީ ނަޕޯލީގައި އޭނާ ކުރި މަސައްކަތް އެ ޓީމާ ހަމައިން ނިމިއްޖެ ކަމަށާއި ޗެލްސީގައި ކުރަނީ ތަފާތު ކަމެއް ކަމަށެވެ.

ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ޓޮޓެންހަމަށް މި މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ޔެން ވާޓޮންގެން އާއި ޑެލޭ އަލީ އެވެ. އަދި ނިއުކާސަލްގެ ލަނޑު ޖެހީ ރެއާލަށް ކުރިން ކުޅުނު ހޮސޭލޫ އެވެ.

މި ފަހަރުގެ ލީގަށް ބޮޑު ހަރަދުކޮށްގެން ތައްޔާރުވި ވުލްވްސް ރޭ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މި މެޗުގެ ދެ ވަނަ ހާފު އެއްކޮށް އެވަޓަން އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ފިލް ޔަގިއެލްކާ ކުރި ނުރައްކާތެރި ފައުލަކަށް އޭނާ އަށް ރަތް ކާޑު ދެއްކުމުންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ފުލަމް ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 2-0 އިން ބަލިވެފަ އެވެ. އަދި ބޯންމައުތު ވަނީ 2-0 އިން ކާޑިފް ބަލިކޮށްފަ އެވެ. އަދި އަމިއްލަ ދަނޑުގައި ކުޅުނު ވަޓްފޯޑުން ވަނީ 2-0 އިން ބްރައިޓަން އަތުން މޮޅުވެފަ އެވެ.