26 މެއި 2016 - 06:36

އިންޑިޔާގެ އިދިކޮޅު ސިޔާސީ ޕާޓީކަމަށްވާ ކޮންގްރެސް އަށް ފާޑުކިޔާ އެކްޓަރު ރިޝީ ކަޕޫރު ކުރި ޓުވީޓްތަކެއްގެ ސަބަބުން ކޮންގްރެސްގެ ޒުވާނުންތައް ރުޅިގަދަވެ އިލާހް އާބާދުގެ އާއްމު ފާޚާނާބަރިއަކަށް ރިޝީ ކަޕޫރުގެ ނަން ދީފި އެވެ.

ޒުވާނުންތައް ވަނީ އިލާހު އާބާދުގެ ޝިވާޖީ ޕާކްގައި ހުންނަ ފާޚާނާބަރިއެއްގެ ބޭރުގައި ރިޝީ ކަޕޫރުގެ ނަން ޖަހާފައިވާ ބޯޑެއް ހަރުކޮށްފަ އެވެ.
މި ވާހަކަ ރިޝީ ކަޕޫރު ކައިރީގައި ބުނުމުން ރުޅި އައުމުގެ ބަދަލުގައި އޭނާ ބުނީ އެންމެ ކުޑަމިނުން އޭނާގެ ނަމުގެ ބޭނުން ވެސް ކޮންމެވެސް ސިފައެއްގައި ހިފިއްޖެ ކަމަށެވެ.
ފާޚާނާބަރިއަކަށް އޭނާގެ ނަން ދިނުމަކީ ފަޚުރެއް ކަމަށް ދެކޭ ކަމަށާއި ސަބަބަކީ އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ޕްރޮޖެކްޓަކަށް ވާތީ ކަމަށެވެ.
މިދިޔަ ހަފުތާގައި ރިޝީ ކޮށްފައިވާ ޓުވީޓްތަކެއްގައި އިންޑިޔާގެ މުހިއްމު މަގުތަކަށާއި އެއާޕޯޓްތަކަށް އަދި މުދާތަކަށް ނެހްރޫ-ގާނދީގެ ނަން ދޭތީ އެކަމަށް ކޮންގްރެސް އަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
ރިޝީ ބުނީ އިލާހް އާބާދުގައި ތިބި ކޮންގްރެސްގެ މީހުންނަށް އޭނާ ބުނި އެއްޗެއް ފަހުމް ނުވި ކަމަށާއި ނެހްރޫ-ގާނދީ އާއިލާއާ އެއްވެސް ރުޅިވެރިކަމެއް އަދި ދެކޮޅުވެރިކަމެއް ނެތް ކަމަށެވެ.
ރިޝީ ކޮށްފައިވާ ޓުވީޓްތަކުން އެއް ޓުވީޓުގައި "ގައުމުގެ ހުރިހާ އެއްޗަކަށް ގާނދީގެ ނަން ދޭން ޖެހޭތޯ" ސުވާލުކޮށްފައި ވެ އެވެ. ކޮންގްރެސް އިން ގާނދީ ފެމެލީގެ މުދާގަނޑަކަށް ހަދާފައިވާ އެއްޗެހީގެ ނަން ބަދަލު ކުރުމަށާއި ހީކުރަނީ ބައްޕަގެ ތަރިކަ މުދާގަނޑެއްކަމަށްތޯ ރިޝީގެ ދެ ވަނަ ޓުވީޓްގައި ސުވާލު ކޮށްފައި ވެއެވެ.
ރިޝީގެ އިތުރު ޓުވީޓެއްގައި ބުނެފައިވަނީ ގައުމުގެ މުހިއްމު ހަރު މުދަލަށް ނަން ދޭން ޖެހޭނީ އެ މުޖުތަމައަށް އެންމެ ފައިދާ ހުރި ޚިދުމަތެއް ކޮށްދިން މީހެއްގެ ނަމެވެ. ހުރިހާ އެއްޗަކަށް ގާނދީގެ ނަން ދޭން ޖެހޭތަ؟ އަހަންނަކަށް އެއްބަހެއް ނުވެވޭނެ. ވިސްނާލަބަލަ؟ ކީއްކުރަން؟"
"ކީއްވެ އިންދިރާ ގާނދީ އެއާޕޯޓް އިންޓަނޭޝަނަލް ކިޔަނީ. ކީއްވެ މަހާތުމާ ގާނދީ ނޫނީ ބަގަތު ސިންގް އަމްބޭކަރް ނުކިޔަނީ. ނޫނީ މަގޭ ނަން ރިޝީ ކަޕޫރު ނުކިޔަނީ. އެހެން ނޫންތަ؟ ކީކޭ ބުނަނީ؟" ރިޝީގެ އެހެން ޓުވީޓެއްގައި ބުނެފައި ވެއެވެ.