11 އޯގަސްޓް 2018 - 22:48

ސައޫދީ އަރަބިއްޔާ އަށް ހަނދު ސާބިތުވުމާ ގުޅިގެން، މާދަމާއަކީ ރާއްޖެ އަށް ވެސް މި އަހަރުގެ ޛުލްހިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ކަނޑައަޅައިފި އެވެ.
ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ވުމުން މި އަހަރުގެ އަރަފާތު ދުވަސް ވާނީ މި އޯގަސްޓް މަހުގެ 20 ވަނަ ދުވަހެވެ.
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިރޭ ނެރެފައިވާ ބަޔާނުގައި ބުނީ މާދަމާއަކީ ޛުލްހިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅީ ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން ހަނދު ސާބިތުކޮށްފައިވާތީ ކަމަށެވެ.
ސައޫދީ އަށް މިރޭ ހައްޖު މަހަށް ހަނދު ފެނުނު އިރު، މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ވެސް ސާބިތުވެ އެވެ. ސައޫދީ އަރަބިއްޔާ އަށް މިއަދުގެ އިރު އޮއްސުމަށް ފަހު، 12 ވަރަކަށް މިނެޓް ވަންދެން ހަނދު، ފެންމަތީގައި ހުއްޓެވެ. އެހެންކަމުން، މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެނުމުގެ ފުރުސަތު އޮތެވެ.
"މި ދުވަސްތަކުގައި ހެޔޮ އަމަލު ކުރުމުގެ ތައުފީގު އަޅަމެންނަށް ދެއްވައި، ދިވެހި ގައުމަށް އަމާންކަން މިންވަރު ކުރައްވާށި،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.