14 އޯގަސްޓް 2018 - 07:28

ބޮލީވުޑްގައި ފާހަގަކޮށްލެވޭ މަގާމަކަށް އައުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ކާމިޔާބީއަކާ ހަމައަށް ދާން ލައްވައިލި ކޮންމެ މަސައްކަތެއް ކުރަން ވެސް ބައެއް މީހުންނަށް މައްސަލައަކަށް ނުވެ އެވެ.
އޭގެ ތެރެއިން އެކަކީ ޑައިރެކްޓަރު މުދައްސަރް އަޒީޒެވެ. މިސް ޔުނިވާސް ސުޝްމިތާ ސެންއާ ކުރިން ލޯބީގެ ގުޅުމެއް ވެސް ބޭއްވި މުދައްސަރްއަކީ "ދުލްހާ މިލްޔަގާ" ފަދަ ފިލްމްތައް ބެލުންތެރިނަށް ގެނެސް ދިން ޑައިރެކްޓަރެވެ.
ޑައިރެކްޓަރެއްގެ ގޮތުގައި އޭނާގެ ވިދުން ގަދަވީ 2016 ގައި ރިލީޒް ކުރި ކާމިޔާބު ފިލްމް "ހެޕީ ބާގް ޖާއޭގީ" އިންނެވެ.
އޭގެ ދެވަނަ ބައި "ހެޕީ ޕިރް ބާގް ޖާއޭގީ" މި މަހުގެ 24 ގައި ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ އިރު، މުދައްސަރް ވަނީ އޭނާ އަށް ބޮލީވުޑްގައި މިހާރު އާދެވިފައި ހުރި ހިސާބަށް ކުރި ދަތުރުގެ ބައެއް ވާހަކަތައް ކިޔައި ދީފަ އެވެ.
އިންޖިނިއަރިން ދާއިރާ އިން ކިޔަވާފައިވާ މުދައްސަރް ބުނި ގޮތުގައި އޭނާ ބޮލީވުޑަށް ނުކުމެ ފުރަތަމަ ހަވާލުވި މަސައްކަތަކީ ބަތަލާ ކަރީނާ ކަޕޫރްގެ ސާޅީ އިސްތިރި ކުރުމެވެ.
އެ މަސައްކަތް އޭނާ އަށް ކުރަން ޖެހުނީ 2003 ގައި ސުދީރް މިޝްރާ ޑައިރެކްޓް ކުރި ފިލްމްގެ ސެޓްގައި ހަރަކާތްތެރިވަމުން ދަނިކޮށް، ކަރީނާގެ ހެދުންތަކާ ހަވާލުވެ ހުރި މީހާ ބަލިވެގެންނެވެ.
"އޭރު ޗަމޭލީގެ ލަވައެއް ޝޫޓް ކުރަން ތައްޔާރުވަމުން ދިޔައީ. އެކަމަކު ޑްރެސް މޭން ބަލިވެގެން ސެޓަށް ނާދެވުނީމަ އަހަންނަށް ކުރަން ޖެހުނު ކަމަކީ ކަރީނާގެ ސާޅީތައް އިސްތިރި ކުރުން،" މުދައްސަރު ބުންޏެވެ. "އެއީ ހަގީގަތުގައި މި އިންޑަސްޓްރީގައި ރަސްމީކޮށް އަހަންނަށް ކުރަން ޖެހުނު ފުރަތަމަ މަސައްކަތަކީ."
އޭނާ ބުނި ގޮތުގައި އެ މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާ ވެސް ވި އެވެ. ސަބަބަކީ ކަރީނާއަކީ އޭނާ ވަރަށް ގަޔާވާ ބަތަލާއަކަށްވުމެވެ.
"އަހަންނަކީ އަބަދު ވެސް ކަރީނާގެ ފޭނެއް. އެހެންވެ ކަރީނާގެ ސާޅީ އިސްތިރި ކުރަން ލިބުމަކީ އަހަރެންގެ ފޭން މޮމަންޓްގެ ގޮތުގައި އަބަދު ވެސް ސިފަ ކުރާނީ،" ސްކްރީން ރައިޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ މުދައްސަރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކަރީނާއާ އެކު ފިލްމެއް ހެދުމަކީ ވެސް ކުރެވޭ އުންމީދެކެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މުދައްސަރް ވަނީ އޭނާ ދެން ހަދާ ފިލްމްގެ ބަތަލާގެ ރޯލް ކަރީނާ އަށް ހުށަހަޅައިފަ އެވެ. އަދި އެ ފިލްމަކީ "ހެބީ ބާގް ޖާއޭގީ" ގެ ތިން ވަނަ ބައި ކަމަށްވެ އެވެ.
އެކަމާ ބެހޭ ގޮތުން މުދައްސަރް ބުނީ ދެން ހަދާނެ ފިލްމަކީ ކޮބައި ކަމެއް އަދި ނޭނގޭ ކަމަށެވެ.
"އަހަރެން ބޭނުން ކަރީނާއާ ބައްދަލުކޮށް އަހަރެންގެ ފިލްމެއް އޭނާ އަށް އޮފާ ކުރަން." އޭނާ ބުންޏެވެ.
މި މަހުގެ 24 ގައި ސިނަމާތަކަށް އަންނަ "ހެޕީ ޕިރް ގާބް ޖާއޭގީ" ގެ ކާސްޓުންނަކީ ފުރަތަމަ ބައިގައި ހިމެނުނު ޑަޔާނާ ޕެންޓީ އާއި ޝިމީ ޝެރްގިލް އާއި އަބޭ ޑިއޯލް އާއި އަލީ ފަޒަލްގެ އިތުރަށް ކާސްޓާ އަލަށް ގުޅުނު ސޮނާކްޝީ ސިންހާ އެވެ.