12 އޯގަސްޓް 2018 - 07:02

ދެކުނު ކޮރެއާގެ މަޝްހޫރު ސުޕަމާޓެއް ކަމަށްވާ އީ-މާޓުން ޕްލާސްޓިކް ތައްޓެއްގައި ދޮންކެޔޮ ބަންދުކޮށްފައި ވިއްކާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ކަސްޓަމަރުންނަށް ހާއްސަކޮށްގެން އާ ކަމެއްކޮށްލުމުގެ ގޮތުން، ބަންދުކޮށްފައިވާ ޕްލާސްޓިިކް ތައްޓެއްގައި ދޮންކެޔޮ ވިއްކަން ފެށީ "ޖީނިއަސް" ގެ ނަމުގަ އެވެ. އެ ތަށީގައި އޮންނަނީ އެއް ސައިޒެއްގެ ހަ ވައް ކޭލެވެ. ތަށީގައި ދޮންކެޔޮ އަތުރާފައި ހުންނަނީ ދޮންވެފައި ހުންނަ ތަރުތީބުންނެވެ.
އީ-މާކެޓުން "ޖީނިއަސް" ޕްރޮމޯޓް ކުރުމުގެ ގޮތުން ބުނެފައި ވަނީ ކޮންމެ ދުވަހަކު ވެސް ދޮންކެޔޮ ވަކެއް ކާލަންވާނެ ކަމަށާއި މިގޮތަށް ޕެކެޖްކޮށްގެން ކެޔޮ ވިއްކަން ނިންމީ މާ ބޮޑަށް ދޮންވެފައި ހުންނަ ކޭލާއި ރޯ ކެޔޮ ކަސްޓަމަރުންނަށް ފޯރުކޮށް ނުދޭނެކަން ކަށަވަރު ވެސް ކޮށް ދިނުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް ޕްލާސްޓިކާ ދެކޮޅަށް މުޅި ދުނިޔެ ވެސް މަސައްކަތްކުރާ ޒަމާނެއްގައި އީި-މާޓްގެ "ޖީނިއަސް" އަކީ އެހާ ޖީނިއަސް ހިޔާލެއް ނޫން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ދޮންކޭލަކީ ގުދުރަތީ ގޮތުން ވެސް ބޭރުގައި ރައްކާތެރި "ކަވަރެއް" ލެވިފައިވާ މޭވާއެއް ކަމަށާއި ޕްލާސްޓިކް ތެރެއަށް ދޮންކެޔޮ ލުމަކީ ގަމާރު ކަމެއް ކަމަށް ބައެއް މީހުން ބުންޏެވެ. އަދި މިއީ އީ-މާޓުން ކުރާ ބޭކާރު ހަރަދެއް ކަމަށް ވެސް ޓްވިޓާގައި ހިޔާލު ފާޅު ކުރި މީހުން ބުނެފައިވެ އެވެ.
ގިނަ ބަޔަކު ވަނީ މިހާރުން މިހާރަށް ޕްލާސްޓިކާ ދޮންކެޔޮ ދުރު ކުރަން ވެސް ގޮވާލައިފަ އެވެ.