11 އޯގަސްޓް 2018 - 20:34

ގާހިރާ (އޮގަސްޓް 11) - ދީނީ ސަބަބުތަކަށްޓަކައި ފިލްމު ކުޅުން ހުއްޓާލުމަށް ފަހު ބުރުގާ އެޅި މިސްރުގެ މަޝްހޫރު ބަތަލާ، ބުރުގާ ބޭލުމަށް ފަހު އޭނާ އެނބުރި އައިކަން ސޯޝަލް މީޑިއާގައި އާއްމުކޮށްފި އެވެ.

މިސްރުގައި މަޝްހޫރު ފިލްމުތައް ކުޅެފައިވާ ހާލާ ޝައިހާ 2005 ވަނަ އަހަރު ރިޓަޔާ ކުރީ އުމުރުން 26 އަހަރުގަ އެވެ. އޭނާ ވަނީ ބުރާސްފަތި ދުވަހު ޓްވިޓާ އެކައުންޓެއް އުފައްދާ 13 އަހަރަށް ފަހު އެނބުރި އަންނަނީކަން އިއުލާންކޮށްފަ އެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އޭނާގެ ޓްވިޓާ އެތައް ބަޔަކު ފޮލޯ ކުރި އެވެ.
ބުރާސްފަތި ދުވަހު އުފެއްދި އިންސްޓަގްރޭމް އެކައުންޓެއްގައި އޭނާ ވަނީ ބުރުގާއާ ނުލައި ހުރި ފޮޓޯތަކެއް ވެސް ޝެއާކޮށްފަ އެވެ. ހަމައެކަނި "ބެކް" ޖަހާފައި ޝައިހާ ޝެއާ ކުރި ފޮޓޯތަކުގެ އިންސްޓަގްރާމް ވަނީ ފުރަތަމަ ދުވަހު ވެސް 38،000 މީހުން ފޮލޯކޮށްފަ އެވެ.
އޭނާގެ މި ނިންމުމަށް މިސްރުގެ އެތައް ބަޔަކު ދަނީ ޓްވިޓާގައި އެކި ގޮތްގޮތަށް ޚިޔާލުފާޅު ކުރަމުންނެވެ. އެއް ބަޔަކު އޭނާ އަށް ފާޑު ކިޔަމުންދާ އިރު އަނެއް ބަޔަކު ބުނަނީ އޭނާގެ ނިންމުން ގޯސް ނޫން ކަމަށެވެ. ބައެއް މީހުން ބުނި ގޮތުގައި ބުރުގާ ބޭލުމަކީ ޝައިހާގެ އަމިއްލަ ކަމެއް ކަމަށާއި އެކަމަށް އެހެން މީހުން ފާޑު ކިޔައިގެން ނުވާނެ ކަމަށެވެ.