އިންދިރާ ގާންދީގެ ރޯލަށް ވިދްޔާ ބަލަން، ވެބް ސީރީޒެއް
އިންދިރާ ގާންދީގެ ރޯލަށް ވިދްޔާ ބަލަން، ވެބް ސީރީޒެއް

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީއާ ބެހޭ ގޮތުން ނޫސްވެރިޔާ ސަގަރިކާ ގޯސް ލިޔެފައިވާ "އިންދިރާ: އިންޑިއާޒް މޯސްޓް ޕަވަފުލް ޕްރައިމް މިނިސްޓާ" ގެ ރައިޓްސް ބަތަލާ ވިދްޔާ ބާލަން ހޯދުމަށް ފަހު، އެއަށް ބިނާކޮށް ވެބް ސީރީޒެއް ގެނެސް ދޭން ނިންމައިފި އެވެ.

ފޮތުގެ ރައިޓްސް މިދިޔަ އަހަރު ވިދިޔާ ގަތުމަށް ފަހު، އޭނާ ވަނީ އެއަށް ހަދާނީ ފިލްމެއްތޯ ނޫނީ ވެބް ސީރީޒެއްތޯ ފަހުން ނިންމާނެ ކަމަށް ބުނެފަ އެވެ. އެކަމަކު މިހާރު ވަނީ ވެބް ސީރީޒެއްގެ ގޮތުގައި އިންދިރާގެ ވާހަކަ ގެނެސް ދޭން ނިންމައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ވިދްޔާ މިޑް-ޑޭ އަށް ބުނީ އިންދިރާގެ ވާހަކަ ވެބް ސީރީޒެއްގެ ގޮތުގައި ގެނެސް ދޭން ނިންމީ ފީޗާ ފިލްމެއްގެ ގޮތުގައި އެ ވާހަކަ އަށް މުޅިން އިންސާފުކޮށް ނުދެވޭނެތީ ކަމަށެވެ.

"ފީޗާއެއް ހަދާ ނަމަ އޭގެ ޑިއުރޭޝަން ވަރަށް ވަރަށް ލިމިޓެޑްކޮށް މި އޮންނަނީ. އެހެންވެ ވެބް ސީރީޒެއް ހަދަން ނިންމީ. އޭރުން މުޅި ވާހަކަ އަށް އަހަރެމެންނަށް ވަރަށް ރަނގަޅަށް އިންސާފުކޮށް ދެވޭނެ،" މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ތުމާރީ ސުލޫ" ގެ ބަތަލާ ބުންޏެވެ.

ވިދްޔާ ބުނި ގޮތުގައި "އިންދިރާ: އިންޑިއާޒް މޯސްޓް ޕަވަފުލް ޕްރައިމް މިނިސްޓާ" އަށް ވެބް ސީރީޒް ޕްރޮޑިއުސް ކުރާނީ ރޯނީ ސްކްރޫވާލާ އެވެ. އޭނާއަކީ ދާދި ފަހުން ނެޓްފްލިކްސް އިން ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" ގެ ވެސް ޕްރޮޑިއުސަރެވެ.

އިންދިރާގެ ވެބް ސީރީޒްގައި ޓައިޓްލް ރޯލް ކުޅޭނީ ވިދްޔާ އެވެ. އޭނާ ބުނީ އިންޑިއާގެ ވަރުގަދަ އަންހެން ޝަހުސިއްޔަތެއްގެ ރޯލް ކުޅެން ލިބުމަކީ ވަރަށް ވެސް ބޮޑު ފަހުރެއް ކަމަށެވެ. އަދި އެ ރޯލަށް ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދޭން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

"މީގެ މަސައްކަތް އަހަރެމެން ކުރާނީ ވަރަށް ބޮޑަށް ރިސާޗް ވެސްކޮށްގެން. ސްކްރިޕްޓަށް ވެސް އަދި ވަގުތު ނަގާނެ. ވަރަށް ބޮޑު މަސައްކަތެއް މިއީ،" ވިދިޔާ ބުންޏެވެ. "އެހެންވެ އަދި ބުނަން ދަތި މީގެ ޝޫޓިން ފެށޭނެ އިރެއް ވެސް ބުނަން."

"އިންދިރާ: އިންޑިއާޒް މޯސްޓް ޕަވަފުލް ޕްރައިމް މިނިސްޓާ" ޑައިރެކްޓް ކުރާނެ މީހަކު ވެސް އަދި ނުނިންމަފަ އެވެ.

އިންދިރާ ގާންދީއަކީ އިންޑިއާގައި ބޮޑުވަޒީރުކަން ކުރެއްވި ހަމައެކަނި އަންހެނާ ބޭފުޅާ އެވެ. އެކަމާ ވަނީ ދެ ދައުރަކަށް ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. އެއީ 1966-1977 އަށް އަދި 1980-1984 އަށެވެ.

މަގާމުގައި ހުންނަވަނިކޮށް އިންދިރާ އަވަހާރަކޮށްލީ އުމުރުން 66 އަހަރުގައި އޮކްޓޯބަރު، 13، 1984 ގަ އެވެ.