11 އޯގަސްޓް 2018 - 12:36

މި އަހަރުގެ ރިޔާސީ އިންތިޚާބު ގައި ވޯޓުލުމަށްޓަކައި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުއްދަތު މިއަދު ހަމަވާތީ، ރީ-ރަޖިސްޓްރީ ކުރުމަށް ގިނަ ބަޔަކު ޖަމާވެއްޖެ އެވެ.

ރީ-ރަޖިސްޓްރީ ކުރުމާއި ފޯމު ބަލައިގަތުން ފަދަ އިންތިޒާމުތައް ހިންގާ ބާޖަމާލުއްދީނު ކައިރީ މިއަދު ހެނދުނުން ފެށިގެން މީހުން ވަނީ ކިޔޫގައި ޖެހެން ފަށައިފަ އެވެ. މައުލޫމާތު ފުރާފައިވާ ފޯމުތައް ހިފައިގެން ވެސް ބައެއް މީހުން ކިޔޫގައި ތިބި އިރު، ބާޖަމާލުއްދީނުގެ ބޭރުގައި ވެސް ބައެއް މީހުން ކިޔޫގައި ޖެހިފައި ތިއްބެވެ.

ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރަން އެންމެ ފުރަތަމަ ހުޅުވާލި މުއްދަތު، މިއަދު ހަވީރު ތިނެއްގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން މިރޭ 12 ޖަހަންދެން އެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
އަންނަ މަހުގެ 23 ގައި އޮންނަ އިންތިޚާބުގައި ވޯޓުލާން، ކިޔޫގައި ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު އިއްޔެ ވެސް ރީ ރަޖިސްޓްރީ ކުރި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ރީ-ރަޖިސްޓްރީ ކުރާ އެންމެ ފަހު ދުވަހަށް ވުމުން، ގިނަ އަދަދެއްގެ ބަޔަކު މިއަދު ހެނދުނުން ފެށިގެން ފޯމު ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި މިއަދުގެ ކޮންމެ ވަގުތެއްގައި އިންތިހާބީ މަރުކަޒު (ބާޖަމާލުއްދީން) އަށް ދިޔައަސް ފޯމު ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދިވެސް ރަޖިސްޓްރީ ނުކުރާ މީހަކު ހުރި ނަމަ އަޅުގަނޑުމެން އެދެން ވީހާ ވެސް އަވަހަކަށް އެކަން ކޮށް ނިންމުމަށް. އަދި ކުރިން ފޯމު ހުށަހެޅި ނަމަވެސް ރަޖިސްޓްރީވި ކަމަށް ނުދައްކާނަމަ، އަލުން ފޯމު ހުށަހެޅުމަށް ވަޑައިގަތުމަށް" އަކްރަމް ވިދާޅުވި އެވެ.
އިންތިހާބީ މަރުކަޒުގެ އިތުރުން، ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އެކި ތަންތަނުގައި ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އީސީގެ ޓީމުތައް، ހުޅުމާލޭގެ ކޮމިއުނިޓީ ސެންޓަރާއި ވިލިމާލޭ ފެރީ ޓާމިނަލްގައި ހަރަކާތްތެރިވާއިރު، އެކި ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ އެކި ސަރަހައްދުތަކުގައި މޭޒު ބަހައްޓައިގެން، ފޯމު ފުރުމުގެ ކަންކަން ކޮށްދެމުންނެވެ.
އީސީން ބުނިގޮތުގައި ރީ-ރަޖިސްޓްރީވުމަށް އެދި ރެއާ ހަމައަށް 86،000 ފޯމު ވަނީ ހުށަހަޅާފަ އެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު މިރޭ ހަމަވާއިރު އެ އަދަދު 95،000އަށް އަރާނެ ކަމަށް އެތަނުން ލަފާ ކުރެ އެވެ.
މިއީ، މިދިޔަ އަހަރުގެ އިންތިޚާބާ އަޅާބަލާއިރު ރެކޯޑް އަދަދެކެވެ. އިންތިހާބުގައި ވޯޓުލުމަށް މިދިޔަ ފަހަރު ފޯމު ހުށަހަޅާފައިވަނީ 60،000 މީހުންނެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ. އަދި އިންތިޚާބުގައި ރާއްޖެ އަދި ބޭރުގެ ބައެއް ގައުމުތަކުގައި 490 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އެވެ.