"ތަހުތު" އިން ފުރުސަތު ލިބުމުން ޖާންވީ ކަޕޫރަށް ޝޮކެއް
"ތަހުތު" އިން ފުރުސަތު ލިބުމުން ޖާންވީ ކަޕޫރަށް ޝޮކެއް

ބޮލީވުޑްގައި މިހާރު ކަރަން ޖޯހަރްގެ ތާރީހީ ފިލްމް "ތަހުތު" ގެ ވާހަކަ ހޫނެވެ. އެ ފިލްމް ބުރާސްފަތި ދުވަހު އިއުލާން ކުރުމާ އެކު އެތައް ބަޔަކު ވަނީ ކަރަން އަށް މަރުހަބާގެ މެސެޖްތައް ވެސް ފޮނުވަން ފަށައިފަ އެވެ. އަދި ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ ކަރަންގެ ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ ކަމަށް ބުނެ ޓްވީޓް ވެސްކޮށްފަ އެވެ.

ދެހާސް ވިހީގައި ރިލީޒް ކުރާ އެ ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ބަތަލާ ޖާންވީ ކަޕޫރް ބުނި ގޮތުގައި "ތަހުތު" އިން ފުރުސަތު ލިބުމުން އޭނާ ހުރީ އަދިވެސް ބޮޑު ޝޮކެއްގެ ތެރޭގަ އެވެ.

އޭނާއަކީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން މިދިޔަ މަހު ގެނެސް ދިން ފިލްމް "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ބުނީ ސީދާ ކަރަން ޑައިރެކްޓް ކުރާ ފިލްމަކުން ފުރުސަތެއް ލިބުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެކަމަކު ކެރިއަރު ފަށައިގަތްތަނާ އެ ހުވަފެން ހަގީގަތަކަށްވުމުން އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގޭ ކަމަށް ޖާންވީ ބުންޏެވެ.

"ވަރަށް އުފަލުން މި ހުރީ. މިހާރު އިންތިޒާރު ކުރެވެނީ އޭގެ މަސައްކަތް ފެށޭނެ އިރަކަށް،" އޭނާ ބުންޏެވެ. "އުންމީދެއް ނުކުރަން މިހާ އަވަހަށް ކަރަންގެ ޑައިރެކްޝަނަކުން ފުރުސަތު ލިބޭނެ ކަމަކަށް."

"ތަހުތު" އިން ޖާންވީ އަށް ލިބޭނެ އަނެއް އުފަލަކީ އޭނާގެ މަންމައާ އެކު "މިސްޓަ އިންޑިއާ"، "ޗާންދްނީ" އަދި "ލަމްހޭ" ފަދަ ކާމިޔާބު ފިލްމްތައް ކުޅުނު ބޮޑުބޭބެ އަނިލް ކަޕޫރާ އެކު ވެސް ސްކްރީން ހިއްސާކޮށްލަން ލިބުމެވެ.

"އަހަރެންގެ ބެސްޓް ތަހުތަށް ދޭނަން. އަހަންނަށް ވަރަށް ޔަގީން ކަރަންގެ މި ފިލްމަކީ ބެލުންތެރިން ހައިރާންކޮށްލާ ވަރުގެ ފިލްމަކަށް ވާނެކަން،" ޖާންވީ ބުންޏެވެ.

"ތަހުތު" ގެ ކާސްޓުންގެ ތެރޭގައި ރަންވީރް ސިންގް، އާލިއާ ބަޓް، ވިކީ ކޯޝަލް، ކަރީނާ ކަޕޫރް އަދި ބޫމީ ޕެޑްނޭކަރް ވެސް ހިމެނެ އެވެ.