ސަންޖޭ ބަންސާލީއާ އަޅާކިޔާތީ ކަރަން ޖޯހަރް ބިރުން
ސަންޖޭ ބަންސާލީއާ އަޅާކިޔާތީ ކަރަން ޖޯހަރް ބިރުން

ކަރަން ޖޯހަރް ބޮލީވުޑްގައި ބޮޑަށް މަޝްހޫރީ ޒުވާނުންނާ ގުޅޭ، ކެންޑީ ފްލޮސް ލޯބީގެ ފިލްމްތައް ހަދަން މޮޅު ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. ސަންޖޭ ލީލާ ބަންސާލީއަކީ ތާރީހީ ހާދިސާތަކަށް ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދޭން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގައި ނަން މަޝްހޫރު މީހެކެވެ.

ކަރަން ފުރަތަމަ ފަހަރަށް، "ތަހުތު" ގެ ނަމުގައި ޕީރިއަޑް ޑްރާމާއެއް ހަދަން ނިންމުމާ އެކު މީޑިއާތަކުންނާއި ވަރަށް ގިނަ ފޭނުން ވެސް މިހާރު ވަނީ އޭނާއާ ބަންސާލީއާ އަޅާކިޔަން ފަށައިފަ އެވެ. ކަރަންގެ ފޭނުންނަށް އޮތް ޔަގީން ކަމަކީ ބޮޑު ސްކްރީނުން ވިދުން ގަދަ، ފުރިހަމަ އަދި މޮޅު ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭނެ ކަމެވެ.

އެކަމަކު އޭނާ އާއި ބަންސާލީ އަޅާކިޔާތީ ކަރަން ހުރީ ބިރުންނެވެ.

އޭނާ ބުނީ "ޕަދްމާވަތު" އާއި "ބަޖިރާއޯ މަސްތާނީ" ކަހަލަ ފިލްމްތައް ގެނެސް ދިން ބަންސާލީއަކީ ފެވަރިޓެއް ކަމަށާއި އޭނާއަކީ އިންޑިއާގެ އެންމެ ވަރުގަދަ އެއް ޑައިރެކްޓަރު ކަމަށެވެ. އެހެންވެ "ތަހުތު" އިއުލާން ކުރުމާ އެކު، ދެ މީހުންގެ އަޅާކިޔާތީ ފިކުރު ބޮޑުވެ، ނުތަނަވަސްވާ ކަމަށް ކަރަން ބުންޏެވެ.

"އަހަރެން ގަބޫލެއް ނުކުރަން ބަންސާލީއާ އަހަންނާ އަޅާކިޔުމަކީ އިންސާފެއް ކަމަކަށް ވެސް. އޭނާއަކީ އަހަރެން ވަރަށް ގަދަރުކުރާ އަދި އެހާމެ އިހުތިރާމު ކުރާ ކުޅަދާނަ ޑައިރެކްޓަރެއް،" ކުޗް ކުޗް ހޯތާ ހޭ އާއި އޭ ދިލް ހޭ މުޝްކިލް ފަދަ ފިލްމްތައް ގެނެސް ކަރަން ބުންޏެވެ. "ބަންސާލީއަކީ އިންޑިއަން ސިނަމާގެ އެންމެ ވަރުގަދަ އެއް ނަން. އިންޑިއާގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރު."

އޭނާ ބުނި ގޮތުގައި ޕީރިއަޑް ޑްރާމާއެއް ހަދަން ނިންމީ އެއްގޮތަކަށް ވެސް ވަކި މީހަކާ ވާދަކުރުމުގެ ނިޔަތައެއްގައެއް ނޫނެވެ. އެކަމަކު މުގާލް ޑައިނާސްޓީ ޒަމާނުގެ ތެރެއަށް ފައްތައިގެން ވާހަކައެއް ކިޔައި ދޭން ބޭނުންވާތީ، އެ ދިމާއަށް މިސްރާބު ޖެހީ ކަމަށް ކަރަން ބުންޏެވެ.

"އަހަރެން ބަލާނީ ހަމަ އަހަރެންގެ ގޮތުގައި މި ފިލްމް ބެލުންތެރިންނަށް ގެނެސް ދެވޭތޯ. ވަކި މީހަކާ ވާދަކުރުމުގެ ވިސްނުމެއް މީގެ ތެރެއަކު ނެތް." ކަރަން ބުންޏެވެ.

އޭނާ ބުނީ ހުރިހާ ވިސްނުމެއް އޮތީ ސުމިތު ރޯއި ލިޔެ ދިން ވަރުގަދަ ސްކްރިޕްޓަށް ވީހާ ވެސް ފުރިހަމަ އަށް އިންސާފުކޮށް ދިނުން ކަމަށެވެ. އަދި އެކަން ވާނެކަމާ ދޭތެރޭ ޝައްކު ވެސް ނުކުރާ ކަމަށް ކަރަން ބުންޏެވެ.

ދެހާސް ވިހީގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ތަހުތު" ކާސްޓުންނަކީ ރަންވީރް ސިންގް، ކަރީނާ ކަޕޫރް، އާލިއާ ބަޓް، ވިކީ ކޯޝަލް، ޖާންވީ ކަޕޫރް، އަނިލް ކަޕޫރް އަދި ބޫމީ ޕެޑްނޭކަރް އެވެ.