މެޑްރިޑުގެ އަމާޒު ތިއާގޯ އާއި އިކާޑީ އަށް؟
މެޑްރިޑުގެ އަމާޒު ތިއާގޯ އާއި އިކާޑީ އަށް؟

މެޑްރިޑް (އޮގަސްޓް 11) – ބަޔާން މިއުނިކުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާ ގެންނަން ރެއާލް މެޑްރިޑުން އެއްބަސްވެފައިވާ ކަމަށާއި އަދި އިންޓަ މިލާނުގެ ފޯވާޑް މައުރޯ އިކާޑީ ގަތުމުގެ ވާހަކަތައް ފަށަން ވެސް މެޑްރިޑުން ތައްޔާރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިނުގެ ރިޕޯޓެއް ބުނާ ގޮތުގައި ޗެލްސީއަށް ލޯނެއްގެ ދަށުން ދޫކޮށްލި މަޓެއޯ ކޮވަސިޗް ނެތްތަން ފޫބެއްދުމަށް މެޑްރިޑުން ބޭނުންވަނީ ބާސެލޯނާ އަށް ކުރިން ކުޅުނު ތިއާގޯ ގެންނާށެވެ. އަދި އޭނާއާ އެކު އެއްބަސްވެފައި ކަމަށާއި ބާކީ އޮތީ ބަޔާނާ އެކު އެއްބަސްވުމަކަށް އައުން ކަމަށް ބުނެފައިވެ އެވެ. ބަޔާނުގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވަނީ އޭނާ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް މީގެ ދުވަސްތަކެއް ކުރިން ވިދާޅުވެފަ އެވެ.

ތިއާގޯ ވަނީ މެޑްރިޑުގެ ކޯޗު ހުލެން ލޮޕެޓީގާ އެކު ސްޕެއިން ގައުމީ ޓީމާއި 21 އަހަރުން ދަށުގެ ޓީމުގައި މަސައްކަތްކޮށްފަ އެވެ. ބްރެޒިލާ އެކު 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މަޒީނިއޯގެ ދަރިފުޅު އުމުރުން 27 އަހަރުގެ ތިއާގޯ ވެސް އަލުން ސްޕެއިނަށް ދާން ބޭނުންވާ ކަމަށްވެ އެވެ.

ބާސެލޯނާ އިން 2013 ވަނަ އަހަރު ބަޔާނާ ގުޅުނު ތިއާގޯ ވަނީ 2021ގެ ނިޔަލަށް އެ ކްލަބާ އެކު ކޮންޓްރެކްޓް ހަދައިފަ އެވެ. އޭނާގެ އަގު 50 މިލިއަނަށް އަރާނެ ކަމަށްވެ އެވެ.

މެޑްރިޑުން މިޑްފީލްޑަރެއް ގެންނަން މަސައްކަތްކުރާ ކަމުގެ އަޑުތައް ގަދަވީ އެ ޓީމުގެ އެންމެ މުހިއްމު އެއް މިޑްފީލްޑަރު ލޫކާ މޮޑްރިޗް އިންޓައާ ގުޅެން އުޅޭ ކަމަށް ވެސް ވާހަކަ ދެކެވޭ ދަނޑިވަޅެއްގަ އެވެ. މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ އެކު މޮޑްރިޗް ވާހަކަތައް ބާއްވާފައިވާއިރު އެ ކްލަބުން ބޭނުންވަނީ އޭނާގެ މުސާރަ ބޮޑުކޮށް ކްލަބުގައި މަޑުކުރުވުން ކަމަށްވެ އެވެ.

މެޑްރިޑުން މިހާރު ބޭނުންވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދުމަށް ފޯވާޑެއް ހޯދަން ކަމަށްވެ އެވެ. އެގޮތުން އިންޓަގެ ކެޕްޓަން އާޖެންޓީނާގެ ފޯވާޑް އިކާޑީ ގެނައުމުގެ ވާހަކަތައް ފަށަން މެޑްރިޑުގެ އޮފިޝަލުންތަކެއް އިޓަލީއަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޓަ އަށް ހަތަރު އަހަރު ކުޅެ 159 ލީގު މެޗުން 100 ގޯލް ޖަހާފައިވާ ފޯވާޑް ކްލަބް ދޫކޮށްލަފާނެ ކަމަށް ދޭތެރެދޭތެރެއިން އަޑުތައް އިވެ އެވެ. އެކަމަކު އިންޓަ އިން ސްކޮޑް ވަރުގަދަކޮށް ޗެމްޕިއަންސް ލީގަށް އަމާޒު ހިފާފައިވާ ދަނޑިވަޅެއްގައި ކެޕްޓަން ވިއްކާލަފާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. އެކަމަކު 100 މިލިއަން ޔޫރޯ އަށް އޭނާގެ ކޮންޓްރެކްޓް އުވާލުމުގެ ފުރުސަތު އޮންނާނެ އެވެ.