ފުރަތަމަ މެޗުން ޔުނައިޓެޑަށް މޮޅެއް
ފުރަތަމަ މެޗުން ޔުނައިޓެޑަށް މޮޅެއް

މެންޗެސްޓާ (އޮގަސްޓް 11) – އުނދަގޫ ހާލަތެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުން ލެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ބޭނުންވާ ކުޅުންތެރިން ނުލިބި ކޯޗު ހޯސޭ މޮރީނިއޯގެ ހާސްކަންބޮޑުވެ އަދި ސަޕޯޓަރުންގެ ރުޅިގަދަވެފައި ވަނިކޮށް ލިބުނު މި މޮޅާ އެކު ކޮންމެވެސް ވަރެއްގެ ފިނިކަމެއް މިވަނީ ލިބިފަ އެވެ.

ޔުނައިޓެޑަށް މެޗުގެ ތިން ވަނަ މިނެޓުގައި ކުރި ހޯދައިދިނީ ދާދި ފަހުން ފްރާންސާ އެކު ވޯލްޑް ކަޕް އުފުލާލި ޕައުލް ޕޮގްބާ އެވެ. އޭރިއާ ތެރެއިން ލެސްޓާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޕޮގްބާ ވަނީ ވޯލްޑް ކަޕުގެ ފޯމް ގެނެސްފަ އެވެ. މުބާރާތުގެ ފައިނަލުގައި ވެސް ލަނޑު ޖެހި ޕޮގްބާ ޗުއްޓީ އަށް ފަހު ޔުނައިޓެޑުގެ ތަމްރީންތަކާ ގުޅުނީ މިދިޔަ ހޯމަ ދުވަހު އެވެ.

"އަހަރެން ޕްރީ ސީޒަން އެއްވެސް މެޗެއް ނުކުޅެން، އަހަރެން އެނބުރި އައީ ހޯމަ ދުވަހު. އެހެންވެ ވަރަށް ބުރަކަން އިހުސާސްކުރެވުނު،" ޕޮގްބާ ބުންޏެވެ.

ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މެޗުގައި ކުޅުމަކީ ޕޮގްބާގެ ނިންމުމެއް ކަމަށާއި އޭނާ ދެއްކި ކުޅުން ވަރަށް ރަނގަޅު ކަމަށެވެ.

"އަހަރެމެން ހީކުރީ ގިނަވެގެން 60 މިނެޓު ކަމަށް ކުޅެވޭނީ. އެކަމަކު އޭނާ 80 މިނެޓު ހިފަހައްޓާލި،" މޮރީނިއޯ ބުންޏެވެ.

އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުގެ ދެ ވަނަ ހާފުގައި ލެސްޓާ އިން އެއްވަރުކުރުމާ ގާތަށް ދިޔަ އެވެ. އެ ޓީމުގެ ކެވިން އިހެނާޗޯ ފޮނުވާލި ނުރައްކާތެރި ބޯޅައެއް ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކުރި އެވެ. އޭގެ ފަހުން ޔުނައިޓެޑުގެ ރޮމެލޫ ލުކާކޫ އަތުން ފުރުސަތެއް ބޭކާރުވި އެވެ.

ޔުނައިޓެޑުގެ ލީޑު ފުޅާކޮށްދިނީ 83 ވަނަ މިނެޓުގައި ލުކް ޝޯ އެވެ. ހުއާން މަޓާ ދިން ބޯޅައެއް ހޯދައި ލެސްޓާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭނާ އެ ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. ލެސްޓާގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ތެރޭ ޖެހީ ދާދި ފަހުން އެ ޓީމުގެ ކޮންޓްރެކްޓް އާކުރި ޖެމީ ވާޑީ އެވެ.

ޕްރިމިއާ ލީގުގައި މިއަދު ހަވީރު 4:30 ގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި ނިއުކާސަލް ޔުނައިޓެޑް ކުޅޭނެ އެވެ. އަދި ޗެލްސީން ރަށުން ބޭރުގައި ހަޑަސްފީލްޑް ޓައުނާ ދެކޮޅަށް 7 ޖަހާއިރު ނުކުންނާނެ އެވެ.