11 އޯގަސްޓް 2018 - 07:28

އަޅުގަނޑުމެން އެންމެ ފަހުން ދުށީ ހުސްވި ޖުލައި މަހުގެ 27 ވަނަ ދުވަހު ހިފި ހަނދު ކޭތަ އެވެ. އޭގެ ދެ ހަފުތާ ފަހުން މިއަދު އަނެއްކާ ވެސް ކޭތައެއް ހިފާނެ އެވެ. ނަމަވެސް މިއަދު ހިފާ އިރު ކޭތަ އިސްލާމީ އެއްވެސް ގައުމަކަށް ފެނުމުގެ ފުރުސަތެއް ނެތެވެ. އެހެން ވިޔަސް، މިއަދުގެ އިރުކޭތަ އަކީ މުޅި އިސްލާމީ އުންމަތަށް އެތައް ގޮތަކުން މުހިންމު ކޭތައެކެވެ.

އިރު ހަނދުގެ ދައުރުވުން ލައްވަވާފައިވާ ގޮތުން، ކޮންމެ ހަނދު ކޭތައަކާ ގުޅިފައިވާ އިރުކޭތައެއް ވެ އެވެ. އިރު ކޭތައެއް ހިފާނީ، ހަނދު ކޭތައިގެ ދެ ހަފުތާ ކުރިން ނުވަތަ ހަނދު ކޭތައިގެ ދެ ހަފުތާ ފަހުންނެވެ. އަދި ބައެއް ފަހަރު މި ތިން ކޭތަ ހިފުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މިއިން ވެސް އެނގެނީ، އިރު ކޭތަ އާއި ހަނދު ކޭތަ ހިފަނީ، އިރު ހަނދާއި މި ބިން ފަޒާގެ ތެރޭގައި ބުރުޖަހަމުން ދާ ދިއުމުގައި އިއްތިފާގަކުން މެދުވެރިވާ ކަންތައްތަކެއްގެ ސަބަބުން ނޫން ކަމެވެ. އެހެނެއް ކަމަކު، ކޭތަ ހިފާ ގޮތް މެދުވެރިކުރައްވަނީ، އިރު ހަނދާއި ތަރިތައް ވަކި ފަލަކުތަކެއްގައި ވަކި މިންވަރެއްގައި ދައުރު ކުރަމުންދާ ގޮތަށް ލައްވަވާފައިވާ މަތިވެރިވަންތަ އިލާހެއްގެ ފުރިހަމަ ކުޅަދުންވަންތަކަމާ އެކުގައި ކަމެވެ.

ހަނދު ކޭތައެއް ހިފާނީ ހަނދު މަހެއް ދެބައިވުމުން ކަމާ މެދު އިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ. ސައެންސްގެ ސާބިތު ތިއަރީތައް ވެސް މިކަން ކަށަވަރުކޮށްދެ އެވެ. ހަމަ އެފަދައިން އިރު ކޭތައެއް ހިފަނީ ހަނދު މަހެއް ނިމި އައު ހަނދު މަހެއް ފެށޭ ވަގުތު ކަމާ މެދުގައި ވެސް އިލްމުވެރިންނާއި ސައެންސްގެ ސާބިތު ތިއަރީތަކާ ދެމެދު އެއްވެސް ފުށުއެރުމެއް ނެތެވެ.

އަބަދު ވެސް އިރު ކޭތަ ހިފާނީ ހަނދު މަހެއްގެ އެންމެ ފަހު ދުވަހު އެވެ. ތިރީސް ދުވަހުގެ ހަނދު މަހެއްގައި 29 ވަނަ ދުވަހު، ނުވަތަ އެހެން ދުވަހެއްގައި އިރު ކޭތައެއް ނުހިފާނެ އެވެ. ނުވަތަ 29 ދުވަހުގެ ހަނދު މަހެއްގައި 28 ވަނަ ދުވަހު ނުވަތަ އެހެން ދުވަހެއްގައި އިރު ކޭތައެއް ނުހިފާނެ އެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ސާބިތު ޢިލްމުތައް ކަށަވަރުކޮށްދޭ ކަމެކެވެ. ސަބަބަކީ އިރު ކޭތައަކީ ހަނދު މަހެއް ނިމިއްޖެ ކަމާއި އައު މަހެއް ފެށިއްޖެ ކަން، އިންސާނުންގެ ލޯތަކަށް ދެއްކެވުމަށް ﷲ ސުބްޙާނަހޫ ވަތައާލާ ލައްވަވާފައިވާ ގުދުރަތީ އަލިގަދަ ހެއްކެކެވެ.
ހަނދު މަހެއް ނިމި އައު ހަނދު މަހެއް ފެށެނީ، މި ބިމުގެ ވަށައިގެން ހަނދު ކުރަމުންދާ ދަތުރުގައި، ބިމުގެ ވަށައިގެން ބުރެއް ފުރިހަމަ ކުރުމަށް ފަހު، އެ ދަތުރު ފެށި ހިސާބަށް ހަނދު އެނބުރި އައުމުންނެވެ. ކީރިތި ޤުރްއާނުގެ ޔާސީން ސޫރަތުގެ 39 ވަނަ އާޔަތުގައި ﷲ އިޝާރާތް ކުރައްވާފައި އެވަނީ ހަނދުގެ އެ ދަތުރުގެ ނިމުމަށެވެ. އެ ހާލަތަށް ކިޔަނީ ކޮންޖަންކްޝަން (އިޤްތިރާން) ވުމެވެ.
އިރު ކޭތަ ހިފާ ކޮންމެ ވަގުތަކީ ކޮންޖަންކްޝަންވާ ވަގުތެކެވެ. އެހެން ވިއްޔާ ކޮންޖަންކްޝަން ވާ ކޮންމެ ފަހަރަކު ކޭތަ ނުހިފަނީ، ކީއްވެ ހެއްޔެވެ؟
މި ބިމުގެ އެންމެ އެތެރޭގެ މެދުން އިރުގެ އެންމެ އެތެރޭގެ މެދަށް ޚިޔާލީ ރޮނގެއް ދަމައިލާށެވެ. އަދި ހަނދުގެ އެންމެ އެތެރޭގެ މެދުން އެ ޚިޔާލީ ރޮނގު ދަތުރުކުރާ ގޮތަށް، އިރާއި މި ބިމާ ދެމެދަށް ހަނދު ހުރަސްވުމުން އެ ހުރީ ކޮންޖަންކްޝަން ވެފަ އެވެ. އަދި އެ ހުރީ އިރު ކޭތަ ވެސް ހިފައިފަ އެވެ.
އެ ވަގުތު މި ބިމުގައި ތިބެ ބަލައިލާއިރު، ހަނދު ހުންނާނީ އިރުގެ ސީދާ ކުރިމަތީގަ އެވެ. އެހެންކަމުން އިރު ކޭތަ ފެންނަ ސަރަހައްދުތަކަށް އެ ވަގުތު އަވީގެ ބަދަލުގައި މި ބިމަށް އެޅިފައި ހުންނާނީ ހަނދުގެ ހިޔަންޏެވެ. އެ ހާލަތުގައި އިރާއި ހަނދާއި މި ބިން އޮންނާނީ، ތިން ފުނަ އޮށް، ސީދާ އޭގެ މެދުން ރޮދިފަށަކަށް އަމުނާލާފައި އޮންނަ އިރު އޮންނަ ފަދަ ގޮތަށެވެ.
މިއާ ޚިލާފަށް، މި ދެންނެވި ޚިޔާލީ ރޮނގަށް ހަނދު ނާރާ ވަރަށް (ސީދާ އިރުގެ ކުރިމައްޗަށް ހަނދު ހުރަސް ނުވާ ގޮތަށް ހަނދާއި ބިމާއި އިރު އެއް މިސްރާބަކަށް އައިސް) ކޮންޖަންކްޝަން ވިޔަސް އިރު ކޭތައެއް ނުހިފާނެ އެވެ. މަހަކު އެއްފަހަރު ކޮންޖަންކްޝަން ވިޔަސް، އެއިން ކޮންމެ ފަހަރަކު އިރު ކޭތައެއް ނުހިފަނީ މިހެންވެ އެވެ.
މިއަދު ހިފާ އިރު ކޭތަ، އިސްލާމީ އެއްވެސް ގައުމަކަށް ނުފެނުނު ކަމުގައި ވިޔަސް، މި ކޭތަ މުޅި އިސްލާމީ އުންމަތަށް މުހިންމުވަނީ ކީއްވެ ހެއްޔެވެ؟ މިއަދަކީ ހިނގަމުން މިދާ ޒުލްގައިދާ މަހުގެ 29 ވަނަ ދުވަހެވެ. އަދި މި މަހުގެ އެންމެ ފަހު ދުވަސް ވެސްމެ އެވެ. ދެން ފެށޭނީ ހައްޖު މަސް ކަމަށް ވާތީ، މިއަދު ހިފާ އިރު ކޭތައަކީ، މުޅި އިސްލާމީ އުންމަތަށް ދައްކަވާ ވަރަށް މުހިންމު އިލާހީ ހެއްކެއް ކަން ޔަގީނެވެ.
މިއަދުގެ އިރު ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން މިއަދު މެންދުރު 1:02ގަ އެވެ. އެއީ އެންމެ އިރުމަތީގައި އޮތް އިސްލާމީ ގައުމު ކަމަށްވާ އިންޑޮނީޝިޔާ އަށް މިއަދު ހަވީރު 3:02 އެވެ. އެންމެ ހުޅަނގުގައި އޮތް އިސްލާމީ ގައުމު ކަމަށްވާ ސެނެގާލް އަށް އެއީ މިއަދުގެ ހެނދުނު 8:02 އެވެ. އެހެންކަމުން މިއަދުގެ ކޭތަ ހިފަން ފަށާ ވަގުތަކީ، އިސްލާމީ ހުރިހާ ގައުމުތަކަށް ވެސް މިއަދުގެ ދުވާލުގެ ވަގުތެވެ.
ކުރިން ވެސް ބުނިހެން، އިރު ކޭތަ ހިފުމަކީ، ހަނދު މަހެއް ނިމި އައު ހަނދު މަހެއް ފެށިއްޖެ ކަމުގެ ގުދުރަތީ ހެއްކެއް ކަމަށްވާތީ، އިސްލާމީ ހުރިހާ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމުގެ ކުރިން ޒުލްގައިދާ މަސް ނިމިއްޖެ ކަން، މިއަދުގެ އިރު ކޭތައާ އެކު އެ ކަށަވަރުވީ އެވެ.
އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ޒުލްގައިދާ މަސް ނިމި ހައްޖު މަހުގެ ހަނދު އުފަންވާނީ މައްކާ ގަޑިން މިއަދު މެންދުރު 12:57ގަ އެވެ. އެއީ މިއަދުގެ އިރު ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނެ ވަގުތު ވެސްމެ އެވެ.
ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވަނީ ހަނދު މަހެއްގައި އޮންނާނީ 29 ދުވަހާއި 30 ދުވަސް ކަމަށެވެ. އެހެންކަމުން، ހަނދުގެ އުމުރަށް ބަލާއިރު، ޒުލްގައިދާ މަސް ނިމުނުކަން ކަށަވަރު ކުރުން މުހިންމެވެ. ޒުލްގައިދާ މަހުގެ ހަނދު އުފަން ވެފައިވަނީ، ހުސްވި ޖުލައި މަހުގެ 13 ވަނަ ދުވަހު މައްކާ ގަޑިން ފަތިހު 5:47ގައި ކަމަށްވާތީ، މައްކާ ގަޑިން މިއަދު ފަތިހު 5:47 އަށް 24 ގަޑިއިރުގެ ބަރާބަރު 29 ދުވަސް ހަމަވީ އެވެ.
އޭގެ އިތުރުން ޒުލްގައިދާ މަހުގެ ހަނދު އުފަންވި ވަގުތުން (ޖުލައި 13 ވަނަ ދުވަހުގެ ފަތިހު 5:47) ފެށިގެން، ހައްޖު މަހުގެ ހަނދު އުފަންވާ ވަގުތަށް (މިއަދުގެ މެންދުރު 12:57އާ ހަމައަށް) ޒުލްގައިދާ މަހުން 29 ދުވަހާއި ހަތް ގަޑިއިރާއި 10 މިނެޓް ފާއިތުވީ އެވެ.
މި ހަގީގަތްތަކަށް ބަލާއިރު ކީރިތި މާތް ރަސޫލާ ދެއްވާފައިވާ މައުލޫމާތުގައިވާ ފަދައިން ޒުލްގައިދާ މަހުގެ 29 ދުވަސް މިއަދު ފުރިހަމަވެއްޖެ ކަން ހަނދުގެ އުމުރަށް ބެލުމުން ވެސް ކަށަވަރުވެ އެވެ. ހަމައެއާ އެކު، އިސްލާމީ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމުގެ ކުރިން، ޒުލްގައިދާ މަސް ނިމިއްޖެ ކަމާއި ހައްޖު މަހުގެ ހަނދު އުފަންވެއްޖެ ކަން، އޭގެ ފުރިހަމަ މަންޒަރާ އެކުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ މިއަދު އަޅުގަނޑުމެން އިންސާނުންގެ ލޯތަކަށް އެ ދައްކަވަނީ އެވެ. އެއީ މިއަދުގެ އިރު ކޭތަ ހިފާ ވަގުތެވެ. ނުވަތަ ކޮންޖަންކްޝަންވާ ވަގުތެވެ.
ހަނދު ލައްވަވާފައިވަނީ، މަހެއް ނިމި އައު މަހެއް ފެށިއްޖެ ކަމުގެ އަލާމާތެއްގައި ގޮތުގައި ކަން ސުންނަތުން ސާބިތުވެ އެވެ. އެއީ، "ހަނދު ފެނުމުން ރޯދަ ހިފާށޭ، ހަނދު ފެނުމުން ރޯދަ ހިފުން ހުއްޓައިލާށޭ" އޮންނަ މަޝްހޫރު ހަދީސްތަކެވެ.
ހަނދު ފެންނަ ކޮންމެ ފަހަރަކީ މަހެއް ފެށޭ ފަހަރެއް ނޫނެވެ. އެކަން އެނގެނީ ހަނދު ބަލާ ދުވަހާއި ހަނދު ބަލާ ވަގުތުންނެވެ. ކީރިތި ރަސޫލާގެ ޒަމާނުގައި ވެސް އަދި ހަތަރު ޚަލީފާއިންގެ ޒަމާނުގަޔާއި އޭގެ ފަހުގެ ޒަމާންތަކުގައި ވެސް އެއްވެސް މަހެއްގެ 29 ވަނަ ދުވަހުގައި ނޫނީ ހަނދު ބަލަން މުސްލިމުން ނުކުތް ކަމެއް ސާބިތެއް ނުވެ އެވެ. ހަމައެހެންމެ އިރު އޮއްސުމަށް ފަހުގައި ނޫނީ ހަނދު ބެލިކަން ވެސް ސާބިތެއް ނުވެ އެވެ.
އެހެންކަމުން ހަނދު ބަލަނީ ރޯދަ ހިފަން ފެށުމަކަށް ނުވަތަ އީދު ކުރުމަކަށް ނޫނެވެ. އެހެނެއް ކަމަކު ހަނދު ބަލަނީ ޝައުބާން މަސް ނިމި ރަމަޟާން މަސް ފެށިއްޖެ ކަން ސާބިތު ކުރުމަށާއި ރަމަޟާން މަސް ނިމި ޝައްވާލް މަސް ފެށިއްޖެ ކަން ކަށަވަރު ކުރުމަށެވެ. 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެނި، ރަމަޟާން މަސް ފެށިއްޖެ ކަން ކަށަވަރުވުމުން ރޯދަ ހިފަން ފަށަނީ އެވެ.
ރޯދަ ހިފައި އީދު ކުރަނީ ހަނދު ފެނިގެން ނޫން ކަން އެނގޭ އަނެއް ކަމަކީ، 29 ވަނަ ދުވަހުގެ އިރު އޮއްސޭ އިރު، ހަނދު ނުފެނިއްޖެ ނަމަ އެ މަހުން 30 ދުވަސް ހަމަކުރުމަށް، ކީރިތި ރަސޫލާ އަންގަވާފައި އޮންނަ އޮތުމެވެ. އެއީ ހަނދު މަހެއްގައި އެންމެ ގިނަވެގެން ވެސް އޮންނާނީ 30 ދުވަސް ކަމަށްވާތީ އެވެ. ހަނދު ފެނިގެން ރޯދަ ހިފައި އީދުކުރާ ނަމަ، ކިތަންމެ ގިނަ ދުވަހެއް ވިޔަސް، ހަނދު ފެންނަންދެން ޖެހޭނީ ރޯދަ ހިފަން ނުފަށައި ނުވަތަ އީދު ނުކޮށް، ހަނދު ފެންނަންދެން އިންތިޒާރު ކުރާށެވެ.
މި ކަމަށް ބާރު ލިބިދޭ އަނެއް ހަދީސަކީ، "ހަމަކަށަވަރުން އަހުރެމެންނީ ލިޔަން ކިޔަން ނުދަންނަ އުންމަތެކެވެ. އަހުރެމެން ލިޔެ ހިސާބު ޖަހައެއް ނޫޅެމެވެ." މިފަދައިން އޮންނަ ހަދީސެވެ.
މި ހަދީސްގައި އިސްލާމީ އުންމަތަށް ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކުރުމަށް އަމުރު ކުރައްވައިފައެއް ނުވެ އެވެ. މި ހަދީސްގައި ބަޔާން ކުރައްވާފައި އެ އޮތީ އޭރު އިސްލާމީ އުންމަތް އޮތް ހާލަތެވެ. އެހެން ކަމުން އޭރުގެ ހާލަތުގައި ހިސާބު ޖަހައިގެން ހަނދު ސާބިތުކުރެވޭނެ ގޮތެއް ނުވެސް ނެތެވެ.
މިއަދުގެ އިސްލާމީ އުންމަތަކީ، ލިޔަންކިޔަން ދަންނަ އިލްމީ އުންމަތެކެވެ. ނަމަދު ވަގުތުތަކާއި އިރު އަރައި އޮއްސޭ ވަގުތު ދެނެގަންނަނީ އިރުގެ ހިޔަނި ބަލައިގެނެއް ނޫނެވެ. ފަލަކީ އިލްމުންނެވެ. ފަތިސް ނަމާދު ވަގުތު ދެނެގަތުމަށާއި ރޯދަ ހިފަން ފެށުމަށްޓަކައި ފަޖުރުއް ޞާދިޤްގެ އަލިކަން ފައުޅުވާ ވަގުތު ދެނެގަތުމަށް މުޅި އިސްލާމީ އުންމަތް މިއަދު ބޭނުންކުރަނީ ފަލަކީ އިލްމެވެ.
ކުރިން ދެންނެވި، އުންމިއްޔަ އުންމަތެކޭ އޮތް ހަދީސަށް ބެލުމުން އެނގެނީ އޭރުގެ އިސްލާމީ އުންމަތަކީ ލިޔަންކިޔަން ނުދަންނަ، އަދި ހިސާބު ޖަހައި ނޫޅޭ އުންމަތެއް ކަމަށް ވާތީ، މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ލޮލަށް ހަނދު ފެނިގެން، ނުވަތަ އެ މަހުން 30 ދުވަސް ހަމަވުމުން މެނުވީ ހަނދު މަހެއް ނިމި އައު ހަނދު މަހެއް ފެށިއްޖެ ކަން ސާބިތުކުރެވޭނެ އެހެން އެއްވެސް ގޮތެއް ނޯންނާނެ އެވެ.
ހަމަ އެ ހަދީސުން ނެގޭ އަނެއް މަފްހޫމަކީ، މިއަދުގެ އިސްލާމީ އުންމަތަކީ ލިޔަންކިޔަން ދަންނަ އިލްމުވެރިކަމުގެ ހުރިހާ ދާއިރާއަކަށް މުސްލިމުންގެ ލޯތައް ހުޅުވި ސިކުނޑިތައް އަހުލުވެރިވެފައިވާ ޒަމާނަކަށް ވާތީ، ފަލަކީ ހިސާބުން ހަނދުގެ މަންޒިލްތައް ދެނެގަނެގެން، މަސްތަކުގެ ފެށުމާއި ނިމުން ކަނޑައެޅިދާނެ ކަމެވެ. އަދި އެ އިލްމުގެ ޒަރީއާ އިން ހަނދު މަސް ފެށިއްޖެ ކަން ސާބިތު ކޮށް ހަނދު މަހުން ގުނައިގެން ކުރުމަށް ކަނޑައެޅިފައިވާ އަޅުކަންތަކާއި އެހެނިހެން ކަންތައް ވެސް ކުރެވިދާނެ ކަމެވެ.
އެހެންކަމުން މިއަދުގެ އިރު ކޭތަ އިން ﷲ ސުބްޙާނަހޫ ވަތަޢާލާ މުޅި އިސްލާމީ އުންމަތަށް މި ދައްކަވަނީ ވަރަށް ވަރުގަދަ ހެއްކެކެވެ. ހަމަ އެއާ އެކު އެ ދެއްވަނީ އެހާމެ ސާބިތު ޔަގީންކަމެކެވެ. އެ ޔަގީން ކަމަކީ ޒުލްގައިދާ މަސް ނިމި ހައްޖު މަސް ފެށިއްޖެ ކަމުގެ ޔަގީންކަމެވެ. އަދި މި އަހަރުގެ އަރަފާތު ދުވަހަކީ މި މަހުގެ 20 ވާ ހޯމަ ދުވަސް ކަމެވެ.
ވެއަތުވެ ދިޔަ ތިން އަހަރު ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންގެ ލޯތަކަށް މި ހެކި ދައްކަވައިފަ އެވެ. ސެޕްޓެމްބަރު 13، 2015 އާއި ސެޕްޓެމްބަރު 1، 2016 އާއި އޮގަސްޓް 21، 2017 ގައި ހިފި އިރު ކޭތަތައް ވެސް ދިމާވެފައި ހުރީ ޒުލްގައިދާ މަހުގެ 29 ވަނަ ދުވަހާ އެވެ. އަދި މި އަހަރު (މިއަދު) ހިފާ އިރު ކޭތަ ވެސް ދިމާވަނީ ޒުލްގައިދާ މަހުގެ 29 ވަނަ ދުވަހާ އެވެ.
މިހާ ފުރިހަމަ ގޮތެއްގައި އަޅުގަނޑުމެންގެ ލޯތަކަށް ހައްޖު މަހުގެ ފުރަތަމަ ދުވަސް ދެއްކެވުމުން ވެސް، ވެއަތުވެ ދިޔަ ދެ އަހަރު (2016، 2017) ހައްޖު މަސް ފަށާފައިވަނީ، ހައްޖު މަހުގެ ދެ ވަނަ ދުވަހަށް ހަނދު ފެނުމުންނެވެ. މިފަދަ އިރު ކޭތަތަކުން އަޅުގަނޑުމެންނަށް އެ ދައްކަވަނީ ހަމައެކަނި ހައްޖު މަސް ފެށުނު ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ލޯތަކަށް އެ ދައްކަވަނީ، އަހަރުގެ ތެރޭގައި އަންނަ އެންމެ ބަރަކާތްތެރި ދުވަސް ކަމަށްވާ އަރަފާތު ދުވަހަކީ ކޮބައިކަމެވެ.
އެއީ އިއްތިފާގެއް ނޫނެވެ. އެއީ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލަވައި އިރާއި ހަނދު ޚިދުމަތްތެރި ކުރައްވައި އެއިން ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ ވަކި މުއްދަތަކަށް ވަކި ފަލަކުތަކެއްގައި ހިނގަހިނގާ ހުންނާނޭ ގޮތުގައި ލައްވަވައި ހުރިހާ ކަމެއް މިންވަރު ކުރެއްވި މަތިވެރިވަންތަ ﷲގެ ތަދުބީރު ކުރެއްވުމެވެ.