ފުޓުބޯޅަ ކުޅުންތެރިންނަށް ޚާއްސަ ޑިވައިސެއް
ފުޓުބޯޅަ ކުޅުންތެރިންނަށް ޚާއްސަ ޑިވައިސެއް

ކުޅިވަރު ކުޅޭ ޕްރޮފެޝަނަލް ގިނަ މީހުން މިހާރު ކޮންމެވެސް ކަހަލަ ޑިވައިސެއްގެ އެހީތެރިކަން ހޯދައެވެ. ބޭނުމަކީ އެމީހެއްގެ ކުޅުމުގެ ފެންވަރު ރަގަޅުކުރުމަށް އަމިއްލައަށް ކުރެވޭނެ ކަންކަން ދެނެގަނެ އެކަންކަން ފުރިހަމަކުރުމެވެ. އުތުރު އަޔަލަންޑްގައި 2007ވަނަ އަހަރު އުފެއްދި ކުންފުންޏެއްކަމަށްވާ ސްޓެޓްސްޕޯޓްސްއަކީ ކުޅިވަރު ކުޅުންތެރިންނަށް ޚާއްސަ ޑިވައިސްތައް އުފައްދާ ވިޔަފާރިކުރުމުގައި ދުނިޔޭގައި ނަން ހިނގާ ކުންފުންޏެކެވެ.

މިހާތަނަށް ބޮޑެތި ކްލަބްތަކާއި ބައިނަލްއަގްވާމީ ފެންވަރުގައި ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ގައުމީ ޓީމްތަކަށް އެ ކުންފުނީގެ ޑިވައިސްތައް ވިއްކައިގެން ބޮޑެތި ނަފާތަކެއް ވަނީ ހޯދައިފައެވެ. ސްޓެޓްސްޕޯޓްސްއިން މިހާރު އަމާޒު ހިފާފައިވަނީ އާދައިގެ ފެންވަރުގައި ކުޅޭ ކުޅުންތެރިންނަށް އެކުންފުނީގެ އާ އުފެއްދުމެއް ތައާރަފްކުރުމަށެވެ. މީގެ ނަމަކީ އޭޕެކްސް އެތުލީޓް ސީރީޒެވެ.

ކޮނޑުކެނޑި ފަޅިއެއްގެ ބުރަކަށީގައި އަޅުވައިގެން ބޭނުންކުރަން ބާޒާރަށް ނެރުނު މި ޑިވައިސްއަކީ ކުޅިވަރު ކުޅޭ މީހަކަށް ބޭނުންވާނެ މުހިއްމު އެތައް މައުލޫމާތުތަކެއް ދެނެގަނެވޭނެ އާލާތެކެވެ. އޭގެ ތެރޭގައި ކަޑައްތުކުރެވުނު ރާސްތާއާއި، ބުންވަރާއި، އަނިޔާއަށް މަގުފަހިވާ މިންވަރާއި، ދުވެލި ހިމެނެއެވެ. ސްޓެޓްސްޕޯޓްސްއިން ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި ކުޅުމުގެ ފެންވަރު ރަގަޅުކުރުމަށް އެހީތެރިވާ އާލާތެއް ނޫނެވެ. ނަމަވެސް އަނިޔާއިން އެނބުރި ކުޅުމަށް އަންނަން މަސައްކަތްކުރާ ކުޅުންތެރިޔަކު ރަގަޅުވަމުން އަންނަ މިންވަރާއި އިތުބާރާއެކު އެނބުރި ދަނޑަށް އަރަށް ކުރަންޖެހޭ މަސައްކަތް ހާމަކޮށްދޭނެ ޑިވައިސެކެވެ. އަދި މިއިން އެއްކުރެވޭ މައުލޫމާތުގެ އެހީގައި ގައުމީ ފެންވަރުގައި ރަގަޅު ނަތީޖާ ދައްކާ ކުޅުންތެރިންނާ ތިމާގެ ފެންވަރު އަޅައިކިޔައި، ވަޒަންކޮށް، އެހިސާބަށް އެރުމަށް ތިމާއަށް އިތުރު ހިއްވަރެއް ލިބިދޭނެ އާލާތެއްވެސްމެއެވެ.

ސްޓެޓްސްޕޯޓްސްއިން ވިއްކާ ފުޓުބޯޅައަށް ޚާއްސަ އުފެއްދުންތައް، ބްރެޒިލް އާއި ޖަރުމަނާއި ޕޯޗުގަލް އާއި ބެލްޖިޔަމް އާއި އިންގްލަންޑުން ވަނީ ނިމިގެންދިޔަ ވޯލްޑްކަޕްގެ ތެރޭގައި ބޭނުންކޮށްފައެވެ. ދާދިފަހުން ސްޓެޓްސްޕޯޓްސްއިން ވަނީ އެމެރިކާގެ ފުޓުބޯޅަ ފެޑެރޭޝަނާއެކު 5 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އޭޕެކްސް ޖީޕީއެސް ޓްރެކިންގް ޔުނިޓްގެ 6500 ޔުނިޓް، އެމެރިކާގެ ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ދޫކުރެވޭނެއެވެ.

އާންމުންނަށް އަމާޒުކޮށް ސްޓެޓްސްޕޯޓްސްއިން އުފެއްދި އޭޕެކްސް އެތުލީޓް ސީރީޒް މިހާރު ވިއްކަން ހުރީ 279.99 ޔޫރޯއަށެވެ.