ޝާގެ އާ އަލްބަމް "ޑާންސިން ކްއީން" އަންނަ މަހުގެ 28 ގައި ނެރެން ނިންމައިފި
ޝާގެ އާ އަލްބަމް "ޑާންސިން ކްއީން" އަންނަ މަހުގެ 28 ގައި ނެރެން ނިންމައިފި

އޮސްކާ އާއި ގްރެމީ އެވޯޑް ވެސް ހާސިލުކޮށްފައިވާ އެމެރިކާގެ މަޝްހޫރު ބަތަލާ އަދި ލަވަކިޔުންތެރިޔާ ޝާގެ އާ އަލްބަމް "ޑާންސިން ކްއީން" އަންނަ މަހުގެ 28 ގައި ނެރެން ނިންމައިފި އެވެ.

ދާދި ފަހުން ރިލީޒް ކުރި "މައްމާ މިއާ! ހިއާ ވީ ގޯ އެގެއިން" ގައި ވެސް ހިމެނޭ ބަތަލާގެ އާ އަލްމަބް ނެރެނީ ވާނާ ބްރަދާޒް ލޭބަލްގެ ދަށުންނެވެ.

"ޑާންސީން ކްއީން" ގައި 10 ލަވަ ހިމެނޭނެ އެވެ.

އޭގެ ތެރެއިން "ގިއްމޭ ގިއްމޭ ގިއްމޭ" ލަވައިގެ ވިޑިއޯގެ ޓީޒާއެއް ވެސް މިހާރު ވަނީ ފޭނުންނަށް ދޫކޮށްލައިފަ އެވެ. ޝާ ބުނި ގޮތުގައި މި އަލްބަމަކީ އޭނާގެ ޒަމާންވީ މިއުޒިކީ ބައިވެރިޔާ މާކް ޓޭލާއާ ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ އަލްބަމެކެވެ.

ޝާ 1998 ގައި ނެރުނު "ބިލީވް" ގެ ކޯ-ޕްރޮޑިއުސަރަކީ ވެސް މާކް އެވެ.

އުމުރުން މިހާރު 72 އަހަރުގެ ޝާ ބުނި ގޮތުގައި "ޑާންސިން ކްއީން" ގެ ޓްރެކްތަކާ ދޭތެރޭ އޭނާ ވަރަށް ހިތްހަމަޖެހެ އެވެ. އަދި އަލްބަމްގެ ހުރިހާ ލަވަތަކެއްގެ މިއުޒިކް ވެސް ފޭނުންނަށް ކަމުދާނެ ކަމަށް ބުންޏެވެ.

މިހާތަނަށް ޖުމްލަ 25 އަލްބަމް ނެރުނު ލަވަކިޔުންތެރިޔާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2013 ގެ "ކްލޯޒާ ޓް ޓްތުރު" އެވެ.

އާ އަލްބަމެއް ޝާ އަންނަ މަހު ނެރޭ އިރު، އޮސްޓްރޭލިއާ އާއި ނިއުޒިލެންޑަށް އަންނަ މަހު އޭނާ ޓުއާއެއް ވެސް ކުރާނެ އެވެ.