ބޮޑުފާރު ހުންނަ ގައުމު ނޭނގުމުން އަންހެނަކަށް މަލާމާތްކޮށްފި
ބޮޑުފާރު ހުންނަ ގައުމު ނޭނގުމުން އަންހެނަކަށް މަލާމާތްކޮށްފި

އާންމު މައުލޫމާތު އެނގޭ މިންވަރު ދަށްވުމަކީ ގިނަ ފަހަރަށް މަލާމާތާ ވެސް ކުރިމަތިލާން ޖެހި ދާނެ ކަމެކެވެ. އެހެންވެ ޖެނެރެލް ނޮލެޖް މުއްސަނދި ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. މި ޒަމާނުގައި އެކަން ކުރާ މާ ބޮޑަށް ވެސް ފަސޭހަ އެވެ.

ތުރުކީގެ މި އަންހެން މީހާ އަށް އެތައް ބައެއްގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނީ އިނާމެއްގެ ގޮތުގައި ފައިސާ ލިބޭ ޓީވީ ޝޯއަކަށް އަރައިގެން، ކުރިމަތިވި ވަރަށް އާދައިގެ ސުވާލަކަށް ޖަވާބު ދޭން ނޭނގުމުންނެވެ.

"ހޫ ވޯންޓްސް ޓް ބީ އަ ބިލިއަނާ؟" ގެ ތުރުކީ ވާޝަންގެ އެޕިސޯޑެއްގައި ބައިވެރި ސު އައިހާން، 26، އަށް ހޯސްޓް ސުވާލުކުރީ ބޮޑުފާރު ހުންނަނީ ކޮން ގައުމެއްގައިތޯ އެވެ؟ ޖަވާބަކަށް 4 އިހުތިޔާރެއް ވެސް ދިނެއެވެ. އެއީ އިންޑިއާގައިތޯ ނުވަތަ ޖަޕާންގައިތޯ ނުވަތަ ޗައިނާގައިތޯ ނޫނީ ސައުތު ކޮރެއާގައިތޯ އެވެ.

މި އެފިސޯޑް ބެލި ބަޔަކު އެންމެ ބޮޑަށް ސު އަށް ޖޯކު ޖެހީ އެވަރުގެ އާދައިގެ ސުވާލަކަށް ޖަބާވު ދޭން ނޭނގިގެން ދެ ލައިފްލައިން ވެސް ބޭނުންކުރުމުންނެވެ. އެކައްޗަކީ އޯޑިއަންސް ޕޯލެވެ. އޭނާ ބޭނުން ކުރި އަނެއް ލައިފްލައިނަކީ ރައްޓެއްސަކަށް ގުޅައިގެން ޖަވާބު ހޯދުމެވެ.

އޯޑިއަންސް ޕޯލަށް ހުޅުވައިލުން 51 ޕަސަންޓް މީހުން ވޯޓް ދިނީ ބޮޑުފާރު ހުންނަނީ ޗައިނާގައި ކަމަށެވެ. އެކަމަކު އޯޑިއަންސްގެ އެ ޖަބާވާ ދޭތެރޭ ސު ހިތްހަމަނުޖެހިގެން، ރައްޓެއްސަކަށް ގުޅައިގެން ވެސް ލިބުނު ޖަވާބަކީ ހަމަ އެ އެވެ.

މިކަމާ ގުޅިގެން ޓްވިޓާގައި އެތައް ބަޔަކު ސު އަށް މަލާމާތް ކުރުމުން އޭނާ ވަނީ ރައްދު ވެސް ދީފަ އެވެ. ގިނަ ބަޔަކު ބުނީ މި ވަރުގެ މީހުން ލަދަކުން ސަލާމަތް ވާން ބޭނުން ނަމަ، ޓީވީ ޝޯތަކަށް ނޭރުން ބުއްދިވެރި ވާނެ ކަމަށެވެ.

"ޝޯ އަށް އެރީ އަހަރެން. އެހެންވީމާ އަހަރެން ބޭނުންވީމަ ބޭނުން އިރަކު ބޭނުން ލައިފްލައިނެއް ބޭނުން ކުރެވޭނެ. އެއީ ބަޔަކާ ބެހޭ ކަމެއް ނޫން،" ހުއްރިއްޔަތު ޑެއިލީ އަށް ސު ބުންޏެވެ.

ޝޯ އިން އެންމެ ފަހުން ސު އެލިމިނޭޓްވީ ތުރުކީގެ މަޝްހޫރު ލަވައެއް އަޑު އިއްވާލައި އެ ލަވައިގެ މިއުޒިކް ހެދީ ކާކުތޯ އެހި ސުވާލަށް ޖަވާބު ނުދެވުމުންނެވެ.