ނިއުޒިލެންޑްގައި ޕްލާސްޓިކް ކޮތަޅު މަނާކުރަން ނިންމައިފި
ނިއުޒިލެންޑްގައި ޕްލާސްޓިކް ކޮތަޅު މަނާކުރަން ނިންމައިފި

އަންނަ އަހަރުން ފެށިގެން ނިއުޒިލެންޑްގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާ ކުރާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން ވިދާޅުވެއްޖެ އެވެ.

ތިމާވެށްޓާ ބެހޭ މިނިސްޓަރު ޔުޖިނީ ސޭޖްއާ އެކު ބޮޑުވަޒީރު ދެއްވި ބަޔާނުގައި ވިދާޅުވީ މުޅި ގައުމުގައި އަންނަ އަހަރުން ފެށިގެން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނާ ކުރުން އިއުލާން ކުރަން ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ

މިކަމަކީ ތިމާވެށި ހިޔާމަތް ކުރަން ކުރާ މަސައްކަތުގެ ތެރެއިން ވަރަށް މުހިއްމު މަސައްކަތެއް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

"އަހަރެއްގެ މައްޗަށް ނިއުޒިލެންޑުން އެތައް މިލިއަން ޕްލާސްޓިކް ކޮތަޅެއް އުކާލާ. މީގެ ތެރެއިން ވަރަށް ބޮޑު ޕަސަންޓެއް އަހަރެމެންގެ މޫދާއި ކަނޑުގެ ދިރުންތައް ވެސް ނެތިކޮށްލާ"، އޭޑެން ވިދާޅުވި އެވެ. "އެހެންވެ މި ސަބަބާ ހުރެ ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރެވޭނެ އެހެން ވަސީލަތްތަކުގެ ބޭނުން ހިފުމުގެ މުހިއްމުކަން ބޮޑު. ހާއްސަކޮށް ވިޔަފާރި ކުރުން ފަދަ ކަންކަމުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުމުގެ އާދަ ދޫކޮށްލަން ޖެހޭ."

ދުނިޔޭގެ އެންމެ ހިތްގައިމު އެއް ގައުމު އަދި ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ނިއުޒިލެންޑްގައި ޕްލާސްޓިކާ ދެކޮޅަށް މީގެ ދެ އަހަރު ކުރިން އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވެ އެވެ. އޭގައި މިހާތަނަށް 60،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.

ނިއުޒިލެންޑްގެ ސަރުކާރުން ބުނި ގޮތުގައި އަންނަ އަހަރުން ފެށިގެން ޕްލާސްޓިކް ކޮތަޅު މަނާ ކުރަން ނިންމާފައިވާތީ މިކަމާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ވެސް ހޯދާނެ އެވެ.

އެގޮތުން ތިމާވެށްޓާ ބެހޭ މިނިސްޓްރީގެ ވެބް ސައިޓް މެދުވެރިކޮށް ހިޔާލު ފޮނުވުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

"ނިއުޒިލެންޑަކީ އަބަދު ވެސް ވަރަށް ސާފު ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ގައުމެއް. އެއީ އަހަރެމެންގެ ޝަރަފެއް ވެސް މެ .އަދި މީގެ ސަބަބުން މި ގައުމަކީ އެތައް ބައެއްގެ ލޯތްބާއި ސަމާލުކަން ލިބިފައިވާ ގައުމެއް. އެހެންވެ އެކަން ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތުގެ ތެރޭގައި ޕްލާސްޓިކާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ވަރަށް ވެސް މުހިއްމު މަސައްކަތެއް،" މިނިސްޓަރު ޔުނިޖީ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނެ ކަމުގެ ޔަގީން ވެސް އޮތް ކަމަށެވެ.

ބޮޑުވަޒީރު އާޑެން ވިދާޅުވި ގޮތުގައި އެ ކަމަނާ މިދިޔަ އަހަރު މަގާމާ ހަވާލުވެވަޑައިގަތް ފަހުން ސްކޫލްތަކުގެ ދަރިވަރުންގެ ފަރާތުން ވެސް އެންމެ ބޮޑަށް އެދޭ އެއް ކަމަކީ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްތަކެއްކޮށް ދިނުމެވެ.